ދިވެހި ޝެފުންގެ ކުރިމަގަށް ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް

ހޮޓެލް އޭޝިއާ އެގްޒެބިޝަން އޮގަނައިޒްކޮށް ހިންގަވާ ފަރާތްކަމުގައިވާ މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް އަދި ބެސްޓްބައި މޯލްޑިވްސްގެ ފަރާތުން ކަލިނަރީ ޗެލެންޖާއި ބެހޭގޮތުން މައުލޫމާތުދެނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެހާސް ވަނަ އަހަރު ހޮޓެލް އޭޝިއާގެ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރަކީ، ރާއްޖޭގައި ކެއްކުމުގެ ދާއިރާގައި ދިވެހީން މަދު ދުވަސްވަރެކެވެ. އެކަން ކުރުމުގައި މީހުން ފަސްޖެހިފަވާ ދުވަސްވަރެކެވެ. ކެއްކުމުގެ ދާއިރާއާ މެދުގައި ދިވެހިންގެ ވިސްނުން ހުރީ ވަކި ހިސާބަކަށް ހުއްޓިފައެވެ. ކުރިމަގެއް ނެތް، ބަނަ ދާއިރާއެއް ގޮތުގައި ދިވެހިން ދެކެމުން އައި ކެއްކުމުގެ ދާއިރާއަށް ކަލިނަރީ ޗެލެންޖުން ގެނައީ މުޅިން ތަފާތު ދިރުމެކެވެ.

ހޮޓެލް އޭޝިއާގެ ނަމުގައި ރާއްޖޭގައި ހޮސްޕިޓާލިޓީ އަދި ހާއްސަކޮށް ކާބޯތަކެތީގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިޔަށް ގެންދަން ފެށި ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ މިދާއިރާގައި މަސައްކަތް ކުރަމުން އައި ފަރާތްތަކަށް ލިބުނު ހިތްވަރެކެވެ. މިދާއިރާގައި މަސައްކަތް ކުރަށް ފަސްޖެހިފައިވާ މީހުންނަށް އެކަމުގައި ކުރިއެރުމަށް ލިބުނު ސަބަބެކެވެ. އަހަރަކަށްވުރެ އަހަރެއް ފުރިހަމަކަމާއެކު ހޮޓެލް އޭޝިއާ ރާއްޖޭގައި ހިންގަމުން އަންނަ އިރު މިހާރު މި ފެއާއަކީ އެއްބަޔަކު އެންމެ އިންތިޒާރު ކުރާ އެއް މައުރަޒެވެ.

ހޮޓެން އޭޝިއާ ކަލިނަރީ ޗެލެންޖް 2017

ރާއްޖޭގެ ޝެފުންގެ ކުރިމަގަށް އެންމެ ބޮޑު މަސައްކަތެއް ކުރާ ފަރާތް ކަމުގައިވާ ބެސްޓްބައި މޯލްޑިވްސްގެ އެހީތެރިކަމާއި އެކު މި އަހަރުގެ ކަލިނަރީޗެލެންޖް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. އެއީ ހަތަރު ދުވަހުގެ މުއްދަތަށެވެ. ރާއްޖޭގައި ކަލިނަރީ ޗެލެންޖް ފެށިގެން އައީ ސާޅީހަކަށް ބައިވެރީންނާއެކުގައި ކަމަށްވީނަމަވެސް މި އަހަރު ކަލިނަރީ ޗެލެންޖުގައި 63 ރިސޯޓަކުން 600 ބައިވެރިން ބައިވެރި ވާ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. މި އަދަދަށް ބަލާލި ކަމުގައި ވީނަމަވެސް މިކަމަށް ލިބެމުން އަންނަ ކުރިއެރުން ވަރަށް ރަނގަޅަށް ހާމަވެއެވެ.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ބައިވެރިވާ ކައްކާއެއް ކައްކަނީ ---- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހޮޓެލް އޭޝިއާ އެގްޒެބިޝަން އޮގަނައިޒްކޮށް ހިންގާ ފަރާތްކަމުގައިވާ މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް)ގެ ޖެނަރަލް މެނޭޖަރު ހުސައިން ރައޫފް ވިދާޅުވީ، މިފަހަރުގެ ކަލިނަރީ ޗެލެންޖްގައި ދުނިޔޭގެ އެންމެ ފުންނާބު އުސް 18 ޝެފަކު ބައިވެރިވެ ކަލިނަރީ ޗެލެންޖްގައި ޝެފުން ތައްޔާރުކުރާ ތަކެއްޗަށް އިންސާފުކުރާނޭ ކަމަށެވެ. މިބޭފުޅުން ރާއްޖޭގެ ކަލިނަރީ ޗެލެންޖްގައި ޖަޖުކޮށް ބައިވެރިންގެ ކެއްކުމާއިބެހޭ ގޮތުން ހިޔާލުދިނުން ވެގެންދާނީ މިފަހަރުގެ މި މުބާރާތަށް ލިބިނެގެންދާ އިތުރު ފުރިހަމަކަމަކަށެވެ.

" ކެއްކުމުގެ ދާއިރާގައި މީހުން ތަމްރީނުކުރުމުގެ އިތުރުން މިފަހަރުގެ ޖަޖިން ޕެނަލްގައި ދިވެހިންގެ ތިން ބޭފުޅަކުވެސް ސަޕޯޓިން ޖަޖުންގެ ގޮތުގައި ބައިވެރިވެ ޖަޖިންއާއި ބެހޭގޮތުން އެތަށް ކަމެއް ދަސް ކުރާނެ،" ހުސައިން ވިދާޅުވިއެވެ.

އޭޝިއާގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ "ހޮޓެލް އޭޝިއާ ކަލިނަރީ އެގްޒިބިޝަން 2015" ގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

މުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ 22 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ދުނިޔޭގެ ބޮޑެތި ޝެފުން ޖަޖުކޮށް ކުރިޔަށް ގެންދާ މި މުބާރާތުގައި ވާދަކޮށް ކާމިޔާބީ ހޯދާ ފަރާތްތަކަކީ ދުނިޔޭގެ އެހެންވެސް ބޮޑެތި މުބާރާތްތަކުގައި ވާދަކުރުމުގެ ތަޖުރިބާ ލިބޭނެ ގާބިލު ބަޔަކަށް ވެގެންދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި އަހަރު ހޮންގކޮންގ ކަލިނަރީ ޗެލެންޖްގައި ބައިވެރިވި ފަތީން. އޭނާއަކީ މިދިޔަ އަހަރު ކަލިނަރީ ޗެލެންޖްގެ ރަންމެޑަލް ހޯދައި ހޮންގކޮންގ ކަލިނަރީ ޗެލެންޖްގައި ބައިވެރިވެ ރިހިމެޑަލް ހޯދައިވާ ފަރާތެއް--

މުބާރާތެއްގެ ތެރެއިން ކަންތައްތަކެއް ދަސްވެ، މުސްތަގުބަލުގައި މޮޅު ޝެފަކަށްވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ފާގަތި ކުރިމަގެއްގެ ފެށުމަށް މި މުބާރާތް ވެގެންދިއުމަކީ ގާތް ކަމެކެވެ.

މި މުބާރާތުގެ ރަން ވަނަތަށް ރާއްޖެއިން ބޭރުގެ މުބާރާތަށް!

ކުރީން ރާއްޖޭގައި ޝެފުންނަށް ކުރިއަށްދާން އޮތީ ވަރަށް ހަނި ފުރުސަތު ތަކެކެވެ. ނަމަވެސް ކަލިނަރީ ޗެލެންޖްގެ އެހީގައި ރާއްޖޭގެ ޝެފުންނަށްވެސް ދުނިޔޭގެ ފެންވަރުގެ ޝެފުންނާ އެއްފެންވަރުގައި މި ދާއިރާގައި ފައި ހަމަކޮށްލުމުގެ ފުރުސަތު ދެވިގެންދާނެ އެވެ.

ބީބީއެމް ފަރާތުން ކޮންމެ އަހަރެއްގައިވެސް ކަލިނަރީ ޗެލެންޖުގެ ރަން ވަނަތަށް ހާސިލް ކުރާ ފަރާތްތަކަށް ބޭރުގެ މުބާރާތް ތަކުގައި ވާދަކުރުމުގެ ފުރުސަތު ދަނީ ދެމުންނެވެ. ވޭތުވެ ދިޔަ އަހަރު ކަލިނަރީ ޗެލެންޖްގެ ރަންވަނަ ހާސިލްކުރި ޝެފް އިސްމައިލް އަދި ޝެފް ފަތީން ވަނީ މި އަހަރު ހޮންކޮންގގައި އޮތް ކަލިނަރީ ޗެލެންޖްގައި ބައިވެރިވެ ރިހި މެޑަލް ހާސިލްކޮށް، ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާފައެވެ.

ދެފަރާތުގައި ހޮންގކޮންގ ކަލިނަރީ ޗެލެންޖްގައި ބައިވެރިވި ޝެފް ހުސައިން އަދި ޝެފް ފަތީން --

އެކި ރިސޯޓް ތަކުގެ އެކި ފެންވަރުގެ ޝެފުން އެއްތަނަކަށް އައިސް ބާއްވާ މި ފަހަރުގެ މުބާރާތުގައި "މޮސްޓް އައުޓް ސްޓޭޑިން ޝެފް"، "ޓޮޕް މޯލްޑިވިއަން ޝެފް" އަދި "ޓޮޕް ޕޭސްޓްރީ ޝެފް" ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ފަރާތްތަށް ސިންގަޕޫރުގައި ބާއްވާ ފުޑް އެންޑް ހޮޓެލް އޭޝިއާގައި ބައިވެރިވުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް ހޮޓެލް އޭޝިއާ އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

އޭޝިއާގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ހޮޓެލް އޭޝިއާ ކަލިނަރީ އެގްޒިބިޝަން 2015" ގެ ތެރެއިން-- ސަން ފައިލް ފޮޓޯ/ފަޔާޒު މޫސާ

ސިންގަޕޫރުގައި ބާއްވާ އެ މުބާރާތަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ. ދުނިޔޭގެ މޮޅެތި ޝެފުންނާ ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ޝެފުންނަށް ލިބިގެންދިއުން ވާނި އެ މީހުންނަސް ލިބޭ ވަރަށް ބޮޑު ތަޖުރިބާ އަކަށެވެ. ކޮންމެއަކަށް އެ ފުރުސަަތުވެސް މިފަހަރުގެ ކަލިނަރީ ޗެލެންޖުން ހުޅުވާލައެވެ.

ރާއްޖޭގެ ޝެފުންގެ ކުރިމަގުގައި ބީބީއެމް އަދި އެމްއީސީއެސް

ރާއްޖޭގެ ފުޑް ސޮލިއުޝަން ކުންފުންޏެއްގެ ހައިސިއްޔަތުން ބީބީއެމް ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ޝެފުންވެސް ޝުކުރު އަދާކުރާނެ މަސައްކަތެކެވެ. ހޮސްޕިޓާލިޓީގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް އެކަމުގައި މީހުން ކުރިއަށްދާން ފުރުސަތުދިނުމަކީ އެމީހުންގެ އެއްމެ ބޮޑު އެއް އަމާޒެވެ.

"އެފް އެންޑް ބީގެ ދާއިރާއިން ރާއްޖެ ކުރިއަރަމުންދާ ތަފާތު އެކި ސެކްޓަރު ތަކަށް އަމާޒުކޮށްގެން ތަކުރާރުކޮށް ތަމްރީން ޕްރޮގްރާމްތަށް ހިންގުމަށާ، ރާއްޖޭގެ ޝެފުން ތަމްރީން ކުރުމަށް ބޭރަށް ފޮނުވުމަށް ބީބީއެމް އިން އިސްކަންދެން" ބީބީއެމްގެ ސީއީއޯ މަޒްލޫމް ވިދާލުވިއެވެ.

ވޭތުވެދިޔަ އަހަރު ކަލިނަރީ ޗެލެންޖްގައި ބައިވެރިވެ ރަން މެޑަލް ހާސިލްކޮށް އަދި މިއަހަރު ހޮންގކޮންގ ކަލިނަރީ ޗެލެންޖްގެ ރިހި މެޑަލް ހޯދި ޝެފް ހުސެން ވިދާޅުވީ ބެސްޓްބައި މޯލްޑިވްސް އަދި އެމްއީސީއެސް އަކީ ޝެފުންގެ ކުރިއެރުމަށް ރާއްޖޭގައި އެމްމެ ބޮޑަށް މަސައްކަތްކުރާ ފަރާތްކަމށާއި އެފަރާތަށް ޝުކުރު އަދާކުރާކަމަށެވެ.

ކަލިނަރީ ޗެލެންޖްގެ ތަމްރީން ޕްރޮގްރާމް--

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖްގައި ބައިވެރިވާ ފަރާތްތައް ތަމްރީނުކުރުމަށް ވޭތުވެ ދިޔަ ފަސް އަހަރުވެސް އެމްއީސީއެސް އަދި ބީބީއެމް ވަނީ ދުނިޔޭގެ މަޝްހޫރު މޮޅެތި ޝެފުންގެނެސް ރާއްޖޭގެ އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަށް ތަމްރީން ކޮށް ދީފައެވެ. އެގޮތުން މި އަހަރުވެސް ތައިލެންޑްގެ ކަލިނަރީ އެކަޑަމީގެ ފައުންޑާ ޗެއާމަން ޝެފް ވިލިމެންޓް ލިއޮންގގެ ތަމްރީން ކްލާހެއްވެސް ވަނީ ހިންގާފައެވެ.

ކެއްކުމުގެ ދާއިރާއަކީ، ދިވެހީންނަށް ކުރިމަގު އޮތް، މަންފާކުރަނިވި ދާއިރާއެއްކަން ދިވެހި ޝެފުން މިހާރު މިވަނީ ސާބިތުކޮށްދީފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ ވަރުގަދަ ބްރޭންޑަކީ ރާއްޖެކަމަށް ވާއިރު، މި ދާއިރާއިން ލިބެންހުރި ފައިދާތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ހޯދުމަކީ ކޮންމެ ދިވެއްސެއްގެވެސް އަޒުމުކަމުގައި ހަދަންވާނެއެވެ.

comment ކޮމެންޓް