ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ކުދިންގެ ތެރެއިން ވީހާވެސް ގިނަ ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ދިނުމުގެ ގޮތުން ކްލިކް ކޮލެޖުން މަތީތައުލީމީ 13 ޕްރޮގްރާމެއް މިއަދު އިފްތިތާހް ކޮށްފިއެވެ.
މިއަދު ތައާރަފްކުރި ޕްރޮގްރާމްތަކުގެ ސަބަބުން ސާނަވީ ތައުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ނުލިބި ޔުނިވާސިޓީއަށް ވަނުމުގެ ޝަރުތު ހަމަނުވާ ކުދިންނަށް ޔުނިވަސީޓީއަށް ވަނުމަށް އެހީތެރިވެދޭނެއެވެ.
ފައުންޑޭޝަން ސްޓަޑީސް ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ ދިހަ ފައުންޑޭޝަން ކޯހެއް މިއަދު އިފްތިތާހު ކޮށްފައިވެއެވެ.
އެ ޕްރޮގްރާމްތައް ފަރުމާ ކޮށްފައި ވަނީ ރާއްޖޭގެ މާހައުލަށާއި ދިވެހިންގެ ބޭނުންތަކަށް އަދި ދިވެހި މުޖުތަމައުގެ މައްސަލަތައް ހައްލުކުރުމަށް އިސްކަންދީ އަދި ރާއްޖޭގެ ދީނީ، ސަގާފީ ކަންކަމަށް ފެތޭނެހެން ދަރިވަރުންގެ މެދުގައި އިލްމު އުނގެނުން އާލާކުކުރުމަށާއި އަދި ވިސްނުމުގެ ހުނަރު އާލާކުރެވޭނެ ގޮތްތައް ހިމަނައިގެން ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ.
ކޯސްތައް އިފުތިތާހު ކުރުމަށް ކްލިކް ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކޮލެޖުގެ ނައިބު ރައީސް ހަސަން އަބްދުﷲ ސައީދު ވިދާޅުވީ މަތީ ތައުލީމު ހާސިލުކުރުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އޭގެ ހަގީގީ ބޭނުމަކީ އެއިން ދަސްކުރި އެއްޗަކުން ކުރިއަށް ދިއުމަށް މަގު ފަހިކުރުވުން ކަމަށެވެ.
"މަތީތައުލީމު ހާސިލްކުރުމަކީ ވަރަށް ބުރަ މަސައްކަތެއް. ދަރިވަރުން ކޯހެއް ފުރިހަމަ ކުރަނީ ވަރަށް ގިނަ މައުލޫމާތު ހޯދައިގެން . ވަރަށް ގިނަ ހުނަރާއި ދިރާސާތަކެއް ކޮށްގެން. އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން. ތައުލީމުގެ ބޭނުމަކީ ތިމާ ދަސްކުރިއެއްޗެއްގެ ސަބަބުން ތިމާއަށް ކުރިއަށް ދާން މަގުފަހިވުން. މުޖުތަަމައުއަށް އަނބުރާ ދަސްކުރިއެއްޗެއްގެ ސަބަބުން ކުރިއެރުންތަކެއް ގެނެސްދިނުން،" ހަސަން ވިދާޅުވިއެވެ.
ކްލިކުން މިއަދު އަލަށް ތައާރަފް ކުރި ފައުންޑޭޝަން ކޯސްތަކަކީ
- އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން
- އެޑިއުކޭޝަން މެނޭޖްމަންޓް
- ބިޒްނަސް މެނޭޖްމަންޓް
- ސޯޝަލް ސާވިސް
- މާކެޓިން
- ހިއުމަން ރިސޯސާސް މެނޭޖުމަންޓް
- ޓްރެވަލް އެންޑް ޓޫރިޒަމް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ބޭންކިން އެންޑް ފައިނޭންސް
މިއަދު ތައާރަފްކުރި ސޯޝަލް ސާވިސް އަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރި ކޯހެއް ކަމަށް އެ ކޮލެޖުން ބުންޏެވެ. އެކޯހުގެ ސަބަބުން ސައިކޮލޮޖީ އަދި ސޯޝަލޮޖީގެ ދާއިރާއިން ޔުނިވާސިޓީގެ ކޯސްތަކަށް ދަރިވަރުން އަހުލުވެރިކުރުމުގައި އެހީތެރިވެދެޭނެ ކަމަށް ވެސް ކްލިކް ކޮލެޖުން ބުންޏެވެ.
އެ ކޮލެޖުން ބުނީ މިއަދު ތައާރަފްކުރި ކޯސްތަކުގެ ތެރެއިން ބޭންކިން އެންޑް ފައިނޭންސްގައި އިސްލާމިކް ބޭންކިން އެންޑް ފައިނޭންސްގެ ބައިތައް ހިމަނައިފައި ވާނެ ކަމަށެވެ.
މިއަދު ތައާރަފް ކުރި ޕްރޮގްރާމުތަކުގެ ތޭރޭގައި ވަނީ ބެޗެލާސް އިން އިންފޮމޭޝަން ޓެކްނޮލޮޖީއިން މޮބައިލް އެޕްލިކޭޝަަން އަދި މަލްޓިމީޑިއާގެ ނަމުގައި ވެސް އަލަށް ދެ ކޯހެއް ތައާރަފްކޮށްފައެެވެ.
ސާނަވީ އަދި މަތީ ސާނަވީ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިނުވާ އުމުރުން ދޮށީފަރާތްތަކަށް އެފަރާތްތަކަގެ ހުނަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި މަތީ ތައުލީމަށް ފުރުސަތު ދިނުމުގެ ގޮތުން ފައުންޑޭޝަން ސްޓަޑީސް އިން ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެ ނަމުގައި 15 ހަފްތާގެ ޕްރޮގްރާމެއްވެސް ވަނީ މިއަދު އިފްތިތާުހުކޮށްފައެވެ.
މިއަދު ތައާރަފް ކުރި ޕްރޮގްރާމުތަކުގެ ތެރެއިން ފައުންޑޭޝަން ލެވެލްގެ ތިނެއްގެ ގެ ކޯސްތަކަށް ގްރޭޑް ހަތެއް ނިންމައިފައިވާ ކުދިންނަށާއި އަދި އޯލެވެލްގެ ތިން ފާސް ނެތް ކުދިންނަށްވެސް ބައެިވެރިވެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ލެވެލް ހަތަރެއްގެ ފައުންޑޭޝަންގެ ކޯސްތަކުގައި ބައިވެރިވެވޭނީ އޯ ލެވެލްގައި ތިން މާއްދާއަށް ވުރެ ގިނައިން ފާސް ވެފައިވާ ކުދިންނަށް ކަމަށް ވެސް ކްލިކް ކޮލެޖުން ބުންޏެވެ.
ކްލިކް ކޮލެޖުން ހިންގާ އެ ކޯސްތަކުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ކޮލެޖުގެ ވެބްސައިޓުން ފޯމް ބަލައިގަންނައިރު، އެ ކޮލެޖަށް ވަޑައިގަތުމުން ވެސް ފޯމް ބަލައިގަންނަނާނެ ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ.