ސެވިޔާ މެޗަށް ކުޓީނިއޯ ފިޓު ވެއްޖެ

ފިލިފް ކުޓީނިއޯ--

ޗެމްޕިއަންސް ލީގުގައި މިރޭ ސެވިޔާ އާ ދެކޮޅަށް ކުޅޭ މެޗަށް ލިވަޕޫލުގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ފިޓު ވެއްޖެ އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ލިވަޕޫލުން ޗެމްޕިއަންސް ލީގަށް އެނބުރި އައި އިރު، އެ ޓީމު ލައްވާލާފައި ވަނީ ފަސޭހަ ގްރޫޕަކަށެވެ. އެގޮތުން ގްރޫޕު އީ ގައި ލިވަޕޫލާ ދެކޮޅަށް މިރޭ ނިކުންނާނީ ގްރޫޕުގައި ލިވަޕޫލަށް އެންމެ ބޮޑު ޗެލެންޖެއް ދޭނެ ކަމަށް ބެލެވޭ ސެވިޔާ އެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވާން ބޭނުންވެފައި ހުރި ކުޓީނޯ އަށް އެކަން ކާމިޔާބުވާ ގޮތް ނުވުމުން އޭނާ ވަނީ ދާދިފަހުން ލިވަޕޫލްގެ ފަރިތަކުރުންތަކުގައި އަލުން ބައިވެރިވާން ފަށައިފަ އެވެ.

ފަރިތަކުރުންތަކަށް ކުޓީނިއޯ ނިކުތް ނަމަވެސް މުޅިން ފިޓުނުވާތީ އެންމެފަހުން ލީގުގައި މެންޗެސްޓާ ސިޓީ އަތުން 0-5 އިން ބަލިވި މެޗުގައި އޭނާ ބައިވެރިވެފައެއް ނުވެ އެވެ.

ލިވަޕޫލުގެ ކޯޗުގެ ޖާގެން ކްލޮޕް ބުނީ ނަމަވެސް މިރޭ ސެވިއްޔާއާ ދެކޮޅަށް ލިވަޕޫލްއިން ކުޅޭ މެޗަށް ކުޓީނިއޯ މުޅިން ފިޓުވެފައިވާ ކަމަށާއި ނަމަވެސް ދަނޑުމަތިން ފެނިދާނެ ކަން ކަށަވަރުކޮށްދޭން ކްލޮޕް ވަނީ ދެކޮޅު ހަދައިފަ އެވެ.

"އަނިޔާގެ އެއްވެސް މައްސަލައެއް ކުޓީނިއޯގެ ނެތް. އެކަމަކު މި މެޗަށް އަރުވާނެ ކުޅުންތެރިން އިނގެން ބޭނުން ނަމަ މިރެއާ ހަމައަށް މަޑުކޮށްލުން ރަނގަޅުވާނެ." ކްލޮޕް ބުންޏެވެ.

ނަމަވެސް ކްލޮޕް ވަނީ މިރޭގެ މެޗުގައި ލިވަޕޫލުގެ ކޯލު ބަލަހައްޓާނީ ޖަރުމަނުގެ ކީޕަރު ލޮރިސް ކަރިއުސް ކަމަށް ބުނެފަ އެވެ.

މެޗަށް ލިވަޕޫލު ތައްޔާރު ވަމުންދާއިރު، ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު މުހައްމަދު ސަލާހު މުޅިން ފިޓު ނުވުމުން ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެ އެވެ. ނަމަވެސް ސަލާހު ވެސް މި މެޗަށް ފިޓުވާނެ ކަމަށް ބެލެވޭ ކަމަށް ކްލޮޕް ބުންޏެވެ.

comment ކޮމެންޓް