ގްރޫޕު ''ބީ''ގައި ޕީއެސްޖީ އަދި ބަޔާނަށް ވެސް ބޮޑު މޮޅެއް

ރޭގެ މެޗުގައި ނޭމާ ލަނޑު ޖެހުމަށް ފަހު---

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސެލްޓިކްގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީ ކުރި ހޯދައިފިއެވެ.

ގްރޫޕް ބީގައި ހިމެނޭ ޕީއެސްޖީ ރޭ މޮޅުވީ ސެލްޓިކާއި ބައްދަލުކޮށް 0-5ގެ ނަތީޖާއަކުންނެވެ.

ސެލްޓިކުގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕީއެސްޖީގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ނޭމާ އާއި ކިލިއަން އެމްބާޕޭއެވެ. އަނެއް ދެ ލަނޑު އެޑިންސަން ކަވާނީ ކާމިޔާބު ކޮށްދިން އިރު އަނެއް ލަނޑަކީ ސެލްޓިކުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޕީއެސްޖީއާއެކު އެއް ގްރޫޕެއްގައި ހިމެނޭ ޔޫރަޕުގެ ގަދަ ބާރެއް ކަމަށްވާ ބަޔާން މިއުނިކުން ރޭ ވަނީ ބެލްޖިއަމްގެ އަންޑަލެކްޓްގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

މި މެޗުގެ 11 ވަނަ މިނެޓުގައި އަންޑަލެކްޓުގެ ސްވެން ކުމްސް އަށް ރަތްކާޑެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި ފުރިހަމަކުރީ އެކަކު މަދުކޮށެވެ. އެ ފައުލާ އެކު ލިބުނު ޕެނަލްޓީން 12 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ރޮބަޓް ލެވޮންޑޮސްކީ އެވެ. ދެ ވަނަ ލަނޑު 65 ވަނަ މިނެޓުގައި ތިއާގޯ އަލްސަންޓްރާ ޖެހިއިރު ފަހު ލަނޑު 90 ވަނަ މިނެޓުގައި ވައްދާލީ ޖޯޝުއާ ކިމިޗެވެ.

މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެ އެވެ. އޭގެ ތެރެއިން ލިވަޕޫލް-ސެވިޔާ އަދި ޓޮޓެންހަމް-ބޮރޫޝިއާ ޑޯޓްމަންޑު ބައްދަލު ކުރާ މެޗު ފާހަގަ ކޮށްލެވެއެވެ.

comment ކޮމެންޓް