ޗެލްސީ އަދި ޔުނައިޓެޑުން ފަސޭހަ މޮޅަކާއެކު ޗެމްޕިއަންސް ލީގު ފަށައިފި

ޔުނައިޓެޑްގެ ލުކާކޫ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ---

އިނގިރޭސި ޗެމްޕިއަން ޗެލްސީން އަޒަރްބައިޖާންގެ ޗެމްޕިއަން ގަރަބާގް އަތުން ތަފާތު ބޮޑުކޮށް މޮޅުވިއިރު، ސްވިޓްޒަލޭންޑްގެ ބާސެލްގެ މައްޗަށް އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން ފަސޭހަކަމާ އެކު މޮޅުވެ ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު ގްރޫޕު "ސީ"ގެ މެޗުން ގަރަބާގް އަތުން ޗެލްސީ މޮޅުވީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

މެޗުގެ ފަސް ވަަނަ މިނެޓުގައި ޕެޑްރޯގެ ލަނޑުން ޗެލްސީއަށް ލީޑް ލިބިގެން ގޮސްފައިވާއިރު މެޗުގައި ލީޑް ފުޅާކޮށްދިނީ ޓީމާ އަލަށް ގުޅުނު އިޓަލީ ޑިފެންޑަރު ޑޭވިޑް ޒަޕަކޮސްޓާއެވެ. މި ނަތީޖާއައި އެކު ފުރަތަމަ ހާފް ނިންމާލި ޗެލްސީން ދެވަނަ ހާފްގެ 55 ވަނަ މިނެޓުގައި ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑުޖެހީ އެޓީމުގެ ޑިފެންޑަރު ސީސާ އެޒްޕިލިކުއެޓާ އެވެ.

ޑޭވިޑް ޒަޕަކޮސްޓާ ޗެލްސީއަށް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށް ފަހު އުފާ ފާޅުކުރަނީ -- ފޮޓޯ: އީޕީއޭ
މެޗުގެ 71 ވަނަ މިނެޓުގައި ބަކަޔޯކޯ ލަނޑެއް ޖަހާފައިވާއިރު އޭގެ ހަ މިނެޓު ފަހުން މިޝީ ބަޓްޝުއާއީ ވެސް ވަނީ ލަނޑެއް ޖަހާފައެވެ. އަދި މެޗުގައި ޗެލްސީގެ ހަ ވަނަ ލަނޑަކީ ގަރަބާގްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "އޭ"ގައި ބާސެލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މަރުއާނޭ ފެލައިނީއެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ ދެވަނަ ގޯލު ރޮމެލޫ ލުކާކޫ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑްއެވެ.

comment ކޮމެންޓް