އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލެސްގެ ކޯޗުކަމުން ފްރޭންކް ޑިބޯރް ވަކިކޮށްފި އެވެ.
އާ ސީޒަނަށް ޕެލެސްގެ ކޯޗުކަމާ ހަވާލުވި ޑިބޯރް ވަކިކުރަން އެ ކްލަބުގެ ބޯޑުން ނިންމީ ޕްރިމިއާ ލީގުގައި މިހާތަނަށް އެ ޓީމު ކުޅުނު ހުރިހާ މެޗަކުން ބަލިވުމާ ގުޅިގެންނެވެ. އަދި އެއިން އެއްވެސް މެޗެއްގައި ޕެލެސްއަށް ގޯލެއް ވެސް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.
ސީޒަނުގެ އެންމެ ހަތަރު މެޗަށް ފަހު ޕެލެސްގެ ކޯޗުކަމުން ޑިބޯރް ވަކިކުރުމުން އޭނާ ވެގެން ގޮސްފައި ވަނީ ޕްރިމިއާ ލީގުގެ ކްލަބަކަށް މިހާތަނަށް އެންމެ ކުރު މުއްދަތަކަށް ކޯޗުކޮށްދިން މީހާ ކަމަށެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެސް ކުޅެދީފައިވާ ޑިބޯރް ބުނީ އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް ކުޅުންތެރިންނާއި ސްޓާފުން އަދި ސަޕޯޓަރުން ދިން ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޕެލެސްގެ ކޯޗު ކަމަށް ދެން ގެންނާނެ ކަމަށް ބެލެވެނީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން އެވެ. އެގޮތުން ހޮޖްސަން ޕެލެސްގެ ކޯޗުކަމާ ހަވާލުވާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން އައިސްލޭންޑް އަތުން ބަލިވުމާ އެކު ހޮޖްސަން ވަނީ އިންގްލޭންޑްގެ ގައުމީ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ.