ސައޫދީ ދިފާއީ ވުޒާރާއަށް ދޭން އުޅުުނު ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލައިފި

ސައޫދީ ސަލާމަތީ ބާރުތައް ވެރިރަށް ރިޔާޒްގައި ހަރަކާތްތެރިވަނީ

ރިޔާޒް (ސެޕްޓެމްބަރު 12) : ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައި އަމިއްލައަށް މަރުވެގެން ދޭން އުޅުނު ބޮޑު ހަމަލާއެއް ނާކާމިޔާބު ކޮށްލެވިއްޖެ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.

ސައޫދީ ދައުލަތުގެ އަމަނާބެހޭ މައި އިދާރާ އިން ބުނީ ޓެރަރިސްޓް ޙަމަލާދޭން އުޅުނީ ސައޫދީ ދިފާއީ ވުޒަރާއަށް ކަމަށާއި އަމިއްލައަށް މަރުވެގެން އެ ހަމަލާދޭންއުޅުނު ދެމީހުންނަކީ އައިއެސް ޖަމާއަތަށް ނިސްބަތްވާ ޔަމަން ދެމީހުން ކަމުގަ އެވެ. އެ ދެ މީހުން ހައްޔަރުކޮށް ތަހްގީގް ކުރަންފެށުމާ އެކު މިކަމުގެ ފަހަތުގައި އެތައް ފަރާތެއް ވާކަމާއި އެފަރާތްތަކުގެ ރޭވުންތައް އޮތީ ސައޫދީގެ ބައެއް ސަރަހައްދެއްގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް ކަމަށް ސައޫދީ އަމަނާބެހޭ މައި އިދާރާއިން ނެރުނު ބަޔާނެއް ބުނެ އެވެ.

މި ބަޔާނާ ހަވާލާދީ ސައޫދީ ރަސްމީ ނޫސް އެޖެންސީ ބުނާ ގޮތުން ސައޫދީގެ ކަންކޮޅުތަކުގައި ކާރުބޮން ގޮއްވައިގެންނާއި އަމިއްލައަށް މަރުވެގެން ޓެރަރިސްޓް ހަމަލާތައް ދިނުމަށް ރާވާއި އެކަމަށް މަސައްކަތްކުރާ ގްރޫޕްގައި ސައޫދީ ރައްޔިތުންގެ އިތުރުން ޔަމަންމީހުންނާއި އެނޫން ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ. މިއީ އައިއެސް ޖަމާއަތަށް ނިސްބަތްވާ ޓެރަރިސްޓުން ކަމަށާ މި ގްރޫޕް މަސައްކަތް ކުރަމުންދަނީ ބޭރުގެ ފަރާތްތަކެއްގެ މަސްލަހަތަށްޓަކައި ބޭރުގެ ފަރާތްތަކެއްގެ ބެލުމުގެ ދަށުންކަމަށް ވެސް ސައޫދީ އަމަނާބެހޭ ބަޔާން ބުނެ އެވެ.

ސައޫދީ މީޑިއާ ބުނާ ގޮތުން އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ މިގްރޫޕްގައި ހިމެނޭ ބައެއް މީހުން ފާއިތުވި ދުވަސްތަކުގައި ހައްޔަރުކޮށްފަ އެވެ. ނަމަވެސް ރިޔާޒްގެ ގްރީން ޒޯންގައި ހުންނަ ސައޫދީ ދިފާއީ ވުޒާރާއަށް އަމިއްލައަށް މަރުވެގެން ހަމަލާދިނުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ޔަމަން ދެމީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެ އެވެ.

ސައޫދީ ބުނާގޮތުން މިފަހަކަށް އައިސް އެގައުމަށް ދަނީ ޓެރަރިޒަމްގެ ނުރައްކާތެރިކަން ބޮޑުވަމުންނެވެ. އެހެންކަމުން ސައޫދީ ސަލާމަތީ ބާރުތަކާއި ޖާސޫސީ އިދާރާ ގުޅިގެން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާރަވެރިވެ ސައޫދީގެ އެތެރެ ވަރަށް ބޮޑަށް ބަލަހައްޓަމުންނެވެ.

ސައޫދީ އަކީ ޔަމަންގެ ހަނގުރާމައިގާ ސީދާ ގޮތުން ބައިވެރިވާ އަދި ސޫރިޔާގެ ހަނގުރާމައިގާ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވާ ގައުމެކެވެ. އަނެއްކޮޅުން ސައޫދީއާއި ގަރަތާ ދެމެދުގައާއި ސައޫދީ އާއި އީރާނާ ދެމެދު ވަރަށް ބޮޑު ދުޝްމަންކަމެއް އުފެދިފައިވެ އެވެ. ގަތަރާއި ސައޫދީ އާ ޖެހިފައިވާ މައްސަލައިގެ ނޭދެވޭ އަސަރުވަނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށްކޮށްފަ އެވެ. ސޫރިޔާގެ ހަނގުރާމައިގާ އިދިކޮޅު ޖަމާއަތްތައް މިހަރު ވަރަށް ބޮޑަށްބަލިކަށިވެފައިވާއިރު އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތައް ވެސް ވަނީ އިނދަޖެހުނުގެ މަގުމަތީގަ އެވެ. އެއާ އެކު ސޫރިޔާގެ ބިމުގެ ގާތްގަނޑަކަށް 75 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރަނީ ސޫރިޔާ ސަރުކާރު ސިފައިންނެވެ.

މިއާ އެކު ސޫރިޔާގެ ހަނގުރާމައިގެ ހަމަލާތަށް ވަނީ ކުރިޔާއަޅާބަލާއިރު ގާތްގަނޑަކަށް 80 ޕަސެންޓް ދަށަށްގޮސް ސޫރިޔާގެ ހަނގުރާމަ މިހާރު ވަނީ ނިމުގެ މަގުމަތީގައި ކަމަށް އދ. އިން ވަނީ ބުނެފަ އެވެ. ސޫރިޔާގެ އިތުރުން އިރާގުގައި ވެސް އައިއެސް ވަނީ ބަލިކަށިވެ އިނދަޖެހިފަ އެވެ. ނަމަވެސް އައިއެސްގެ ހަނގުރާމަވެރިން އެބަތިއްބެވެ. އެމީހުން ވިއްސި ވިހާލިކޮށްލެވިފައި ވީނަމަވެސް އެމީހުން ގެ ތެރެއިން މަރާލެވިފައިވަނީ މަދުބައެއް ކަމުންނާއި އައިއެސް އާ ގުޅޭ ޒުވާނުން އަދިވެސް މަދުނުވާތީ އައިއެސް ޖަމާއަތް އެހެން ގައުމުތަކުގައި ގަދަކޮށްފާނެ ކަމުގެ އިންޒާރު ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ވަނީ ދީފަ އެވެ.

މިއާ އެކު އިރާގާއި ސޫރިޔާއިން ފައްސާލެވޭ އައިއެސް އާއި އެނޫން ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ ނުރައްކާ އަވަށްޓެރި ގައުމުތަކަށް ކުރިމަތިވުމުގެ ފުރްސަތު ބޮޑުވާނެ ކަމުގެ އިންޒާރުތައްވެސް ތަޖްރިބާކާރުން ވަނީ ދެއްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް