މެންޗެސްޓާ ޔުނައިޓެޑްގެ މޮޅުވުމުގެ ސިލްސިލާއަށް ސްޓޯލް ސިޓީން ނިމުމެއް ގެނެސްފިއެވެ.
ސްޓޯކްގެ ބްރިޓޭނިއާ ސްޓޭޑިއަމްގައި ރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗު ނިމިގެންދިޔައީ 2-2ގެ ނަޖީތާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެ މެޗުން އެއްވަރުވި ނަމަވެސް ޔުނައިޓެޑު ވަނީ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ޔުނައިޓެޑެކޭ އެއްގޮތަށް ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަ ސިޓީއަށް ވެސް ކުޅުނު ހަތަރު މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ސްޓޯކުންނެވެ. އެ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޗުޕޮމޮޓިންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުގެ މާކަސް ރެޝްފޯޑު ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅުގައި ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫ އަދި މާކަސް ރެޝްފޯޑަށް ވަނީ އެ ޓީމަށް ލީޑު ނަގައިދޭން ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރު ވެފައެވެ. މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ނަގައި ދިނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުކާކޫއެވެ.
ލުކާކޫ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ ސްޓޯކްގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޗުޕޮމޮޓިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޔުނައިޓެޑުން މޮޅުވުމަށް މަސައްކަތްކުރި ނަމަވެސް މެޗުގެ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެ މެޗުން ޔުނައިޓެޑު އެއްވަރުވީއިރު، ވާދަވެރި ސިޓީ ވަނީ ލިވަޕޫލް ކޮޅަށް ފަސް ލަނޑު ޖަހައި ތަފާތު ދައްކާލައިފައެވެ. އަދި ޗެމްޕިއަން ޗެލްސީން ވެސް ވަނީ ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ.