ރޮހިންޔާ މީހަކު ދުނިޔެއަށް ދިން މެސެޖް: ކޮންމެ ދީނަކަށް އުޅުނަސް މިއީ އިންސާނުން!

ރޮހިންޔާ މުހައްމަދު ސޮއީ، 33 --- ފޮޓޯ/ އަލް ޖަޒީރާ

"އިންސާނުންނަކީ ހަމަ އެއްވަރުގެ މީހުން. ވަކި ދީނަކަށް އުޅޭތީ ތަފާތެއް ނުވާނެ، އަހަރެމެން އެންމެންނަކީވެސް އިންސާނުން. އުފަންވީ އެއް ހަމައަކުން،" ރޮހިންޔާ މުހައްމަދު ސޮއީ ދުނިޔެއަށް ދޭން ބޭނުންވި މެސެޖަކީ މިއީއެވެ.

އުމުރުން 33 އަހަރުގެ މުހައްމަދަކީ މިޔަންމާ ރަކީން ސްޓޭޓްގެ ބުތިޑައުން ޓައުންއަށް ނިސްބަތްވާ މީހެކެވެ. އެ ސަހަރުގައި އޭނާ ކޮށް އުޅުނު މަސައްކަތަކީ ދަނޑުވެރި ކަމެވެ. މުހައްމަދު ބުނި ގޮތުން އެމީހުންނަށް ކިޔެވުމުގެ ހައްގާއި މަސައްކަތް ކުރުމުގެ ހައްގެއް ނޯވެއެވެ. މިލިޓަރީ ފުލުސް އަދި ސަރުކާރުގެ ވަޒީފާ ތަކެއް އެމީހުންނަކަށް ނުލިބެއެވެ. އެހެންކަމުން އާމްދަނީ ހޯދަން އޭނަކޮށް އުޅުނު މަސައްކަތަކީ ދަނޑުވެރި ކަމެވެ.

މުހައްމަދު ބުނި ގޮތުން މިޔަންމާ މިލިޓަރީގެ ލާއިންސާނީ އަމަލުތަކާ އޭނާއަށް ކުރިމަތިލާން ޖެހުނީ މީގެ ދެ ހަފްތާވަރު ކުރިންނެވެ. މިލިޓަރީ ބަޔަކު އެ މީހުންގެ ސަހަރަށް ގޮސް ބަޑިޖަހަން ފެށީ ކުއްލިއަކަށް ކަމަށް މުހައްމަދު ބުންޏެވެ. އަދި މީހުން ދިރި އުޅެމުން ދިޔަ ގެތަކުގައި ހުޅުޖަހަން ފެށި ކަމަށް މުހައްމަދު ބުންޏެވެ.

މުހައްމަދުގެ ބޭބެ މަރުވެފައި ވަނީ މިލިޓަރީ މީހުން އޭނާގެ މޫނަށް ބަޑި ޖެހުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އެ ހުރިހާ ކަމަކުން ސަލާމަތްވުމަށް ތަން ދޫކޮށް ދިއުން ނޫންގޮތެއް ނެތިގެން އާއިލާގެ އެހެން މެމްބަރުންނާ އެކު ދަތުރު ފެށީ ފައި މަގުގައި ކަމަށް މުހައްމަދު ކިޔައިދިނެވެ. ހިނގަމުން ދިޔައީ ވަކި މަންޒިލެއް އެނގިގެން ނޫން ކަމަށާއި ހިނގަމުން ދިޔަތާ 10 ދުވަސް ފަހުން ބަންގްލަދޭޝް ފެނުނީ ކަމަށް މުހައްމަދު ބުންޏެވެ.

ދިހަ ދުވަސް ވަންދެން މުހައްމަދު ދަތުރުކުރީ އޭނާގެ 80 އަހަރުވީ މަންމަ އުރައިގެންނެވެ. މަންމަ އަކީ ޕެރަލައިޒުވެ ބަލިހާލުގައި އޮތް މީހެއް ކަމުން އެ ދަތުރުގެ ހުރިހާ ވަގުތެއްގައިވެސް މުހައްމަދު ހުރީ އޭނާގެ މަންމަ އުރައިގެންނެވެ. ދަތުރުގައި ތިން ކޯރެއްވެސް ހުރަސްކުރި ކަމަށް ބުންޏެވެ. އަދި ބައެއް ފަހަރު މިޔަންމާގެ އަނިޔާވެރި މިލިޓަރީ މީހުންނާ ދަތުރުމަތިން ދިމާވާ ކަމަށާއި އެމީހުންނަށް ފިލުމަށް ޖަންގަލީ ތެރެއަށް ވަންނަ ކަމަށް މުހައްމަދު ބުނެފައިވެއެވެ.

މިހާރު މުހައްމަދާއި އޭނާގެ އާއިލާ ތިބީ ބަންގްލަދޭޝްގައެވެ. މުހައްމަދު ބުނި ގޮތުން އޭނާއަށް ބަންގްލަދޭޝްގައި ރައްކާތެރިކަން އިހުސާސް ކުރެވެއެވެ. މިއަދު އެ މީހުންގެ ސަހަރުގައި ތިބިނަމަ އެމީހުން ދިރިތިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ބުންޏެވެ.

މުހައްމަދު ބުނީ މުޅި ދުނިޔެ ވެސް އެމީހުންނަށް ލިބޭ އަނިޔާތައް ބަލަމުންދާ ކަން އެނގޭ ކަމަށެވެ. ނަމަވެސް އެއްވެސް ގައުމަކުން އެ އަނިޔާވެރިކަން ހުއްޓުވުމަށް މިޔަންމާއަށް ޕްރެޝަރު ކުރާތަން ނުފެންނަ ކަމަށް މުހައްމަދު ބުންޏެވެ. އަދި މިޔަންމާ ސަރުކާރަށް ދުނިޔޭގެ ގައުމުތަކުން ޕްރެޝަރު ނުކުރަނީ ކީއްވެތޯ މުހައްމަދު ވަނީ ސުވާލު އުފައްދާފައެވެ.

މިޔަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި އެގައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވެ ވޭތުވެދިޔަ ދެ ހަފްތާތެރޭގައި މިޔަންމާ ދޫކޮށް، ބަންގާޅަށް ހިޖުރަކުރި މުސްލިމުންގެ އަދަދު 270،000 އަށް ވަނީ އަރައިފައެވެ.

comment ކޮމެންޓް