މެސީ ދެކިލަން ދިޔައީ އަމިއްލަ ކައިވެނި ކެންސަލް ކުރުމަށްފަހު، އެކަމަކުވެސް ވީ ނާކާމިޔާބު

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެތެރޭ ހިމެނޭ މެސީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން އަދި އެކްޓަރުގެ ދަރިފުޅު އަބްރަހަމްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭ ހިމެނޭ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީ މިހާރު އިންޑިއާއަށް ކުރަމުންދާ ދަތުރުގައި މެސީ ދެކިލުމަށް ބޮޑު އަގުގައި ޓިކެޓް ގަނެގެން ދިޔަ ގިނަ މީހުންނަށް ކުޅުންތެރިޔާ ނުފެނުމުން ހަޅުތާލުކޮށްފިއެވެ.

މެސީ ފަށާފައިވާ "ގޯޓް ޓުއާ"ގެ ދަށުން ކުޅުންތެރިޔާ އިންޑިއާއަށް ގޮސްފައި ވަނީ އިއްޔެގެ މެންދަމުގެ ވަގުތެއްގައެވެ. މި ޓުއާގެ އިވެންޓުތައް އިއްޔެ ހެނދުނުން ފެށިގެން އިންޑިއާގެ ކަލްކަތާގައި ކުރިއަށް ގޮސްފައިވާއިރު މެސީ ވަނީ އެ ސިޓީގައި ހަދާފައިވާ 70 ފޫޓުގެ މެސީގެ ސްޓެޗޫއެއް ވާޗުއަލްކޮށް ލޯންޗުކޮށްފައެވެ.

އެއަށްފަހު ދެން ކުޅުންތެރިޔާ ދިޔައީ ކޮލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްއަށް އެއްވެ ތިބި އޭނާގެ ސަޕޯޓަރުންނާ ބައްދަލުކޮށްލުމަށެވެ. ކޮލްކަތާގެ ނޫހެއް ކަމަށްވާ މައި ކޮލްކަތާގައި ބުނެފައިވާ ގޮތުން މެސީ ދެކިލުމަށް އެ ސްޓޭޑިއަމްއަށް 80،000އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ އެއްވެފައެވެ.

އާޖެންޓީނާގެ ކުޅުންތެރިޔާ މެސީ ދެކިލުމަށް ކޮލްކަތާގެ ސްޓޭޑިއަމަށް މީހުން އެއްވެފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އެއިން ކޮންމެ ސަޕޯޓަރަކު އެތަނަށް ދިޔައީ ބޮޑު ޚަރަދުގައި ޓިކެޓް ގަނެގެންނެވެ. އޭގެތެރޭގައި އިންޑިއާގެ އެކި ސިޓީ ތަކުންނާއި ސްޓޭޓްތަކުން ކޮލްކަތާއަށް ބޮޑު ޚަރަދުކޮށްގެން ދިޔަ މީހުން ވެސް ހިމެނޭ ކަމަށް 'މައި ކޮލްކަތާ'ގައި ވަނީ ބުނެފައެވެ.

އޭގެތެރޭގައި އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ހުއްޓާލުމަށްފަހު ހަމައެކަނި މެސީ ދެކިލުމުގެ އުފާ ލިބިގަތުމަށް ދިޔަ މީހުން ވަރަށް ގިނައެވެ. އެގޮތުން އަމިއްލަ ކައިވެނި ކެންސަލް ކުރުމަށްފަހު ބޮޑު ޚަރަދުކޮށް މެސީ ދެކިލުމަށް ދިޔަ މީހަކަށް ވެސް ކުޅުންތެރިޔާ ނުފެނި އަނބުރާ ދާން ޖެހުމުން ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނު ކަމަށް ބުނެ މީޑީއާތަކުގައި އޭނާގެ ޝުއޫރުތައް ވަނީ ހިއްސާކޮށްފައެވެ.

ފުޓްބޯޅަ ކުޅުންތެރިޔާ މެސީ ދެކިލުމަށް އަމިއްލަ ކައިވެނި ކެންސަލްކޮށް ދިޔަ ކަމަށް ބުނާ މިހާ--ފޮޓޯ/އެންޑީޓީވީ

ނަމަވެސް މެސީ އެ ސްޓޭޑިއަމްއަށް ދިއުމަށްފަހު ބައިގަޑިއިރުވެސް އެތަނުގައި ހޭދަނުކޮށް ސްޓޭޑިއަމް ދޫކޮށް ދިއުމުން ގިނަ ބަޔަކު ވަނީ ސްޓޭޑިއަމްއަށް ވަދެ ހަޅުތާލުކޮށްފައެވެ.

މައި ކޮލްކަތާއަށް މައުލޫމާތު ދެމުން މެސީ ދެކިލަން ދިޔަ ސަޕޯޓަރަކު ބުނީ އޭނާ އާއި އިތުރު ދެ ރަހްމަތްތެރިން އެތަނަށް ދިޔައީ 41،000 އިންޑިއާ ރުޕީސް ޚަރަދުކޮށްފައި ކަމަށެވެ. އެންމެ ސަޕޯޓުކުރާ ކުޅުންތެރިޔާ ނުފެނިދާނެތީ އެރޭ ނުވެސް ނިދާ ތިބީ ހޭލާ ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެންމެ 10 މިނެޓަށް ވެސް މެސީ ފެނުމުގެ ފުރުސަތު ނުލިބުނު ކަމަށާއި އެތަނުގައި ބަހައްޓާފައިހުރި ބޮޑު ސްކްރީނުގެ ފެންވަރު ދަށްކަމުން އޭގެއިންވެސް ކުޅުންތެރިޔާ ނުފެނުނު ކަމަށް އެ ތިން މީހުން ވަނީ ކިޔައިދީފައެވެ.

ސޯލްޓް ލޭކް ސްޓޭޑިއަމަށް އެއްވެ ތިބި ގިނަ ބަޔަކު ރުޅިގަދަވެ ފެންބޯން ގެންގުޅުނު ފުޅިތައް ދަނޑު މެދަށް އުކާ އެންމެ ފަހުން އެތަނުގައި ހުރި ޕްލާސްޓިކް ގޮނޑިތައް ވެސް ދަނޑަށް އުކާފައިވާ ކަމަށާއި ފުލުހުންނަށް އެ މީހުން ކޮންޓްރޯލް ކުރަން ދަތިވި ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

އެތަނަށް އެއްވެތިބި ގިނަ ބަޔަކު ވަނީ އެ އިވެންޓް އިންތިޒާމުކުރި މީހުންގެ އިތުރުން ބެންގާލްގެ ސްޕޯޓްސް މިނިސްޓަރު ހައްޔަރު ކުރުމަށްވެސް ފުލުހުންނަށް ގޮވާލާފައެވެ. ސްޓޭޑިއަމަށް އެއްވެތިބި ގިނަބަޔަކު އެންމެ ބޮޑަށް ރުޅި އައި އެއް ސަބަބަކީ މެސީގެ އިވެންޓް ހިންގުމުގައި އިސްވެތިބި މީހުންގެ އިތުރުން އެ އިވެންޓް ޕްރޮމޯޓްކުރި މީހުންވެސް އެތަން ދޫކޮށް ދިއުމުންނެވެ.

މެސީއާ އެކު އެ ސްޓޭޑިއަމަށް ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ދާނެ ކަމުގެ އެނައުންސްމަންޓްތަކެއް ވެސް އިވުނު ކަމަށާއި ނަމަވެސް އިވެންޓް ނިމުނުއިރުވެސް ޝާހު ވެސް ނުފެންނަ ކަމަށާއި އެތަނުގައި ކުޅޭނެކަމަށް ކުރިން އިއުލާނުކުރި ފުޓްބޯޅަ މެޗެއް ވެސް ކުރިއަށް ނުދާ ކަމަށް މައި ކޮލްކަތާއަށް މައުލޫމާތު ދެމުން ސަޕޯޓަރަކު ވަނީ ބުނެފައެވެ.

މެސީއާ އެކު މި ޓުއާގައި އިންޓަ މިއާމީއަށް އޭނާއާ އެކު ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލް ބައިވެރިވެއެވެ. މެސީ އެންމެފަހުން އިންޑިއާއަށް ދިޔައީ 2011ވަނަ އަހަރުއެވެ. އެ އަހަރުވެސް މެސީ ދެކިލުމަށް ދިޔަ ސަޕޯޓަރުންގެ އަދަދު 80،000އަށް ވުރެ ގިނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް