ސްރީލަންކާ ވަކިވުމުން، 18 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގެ އޮނިގަނޑަށް ބަދަލު ގެނެސްފިއެވެ.
ސްރީލަންކާ ވަކިވުމުން ބައިވެރިވި ޓީމުގެ އަދަދު ފަސް ޓީމަށް މަދުވެފައިވާތީ މުބާރާތުގެ އޮނިގަނޑަށް ބަދަލު ގެނެސް ލީގު އުސޫލުން ކުޅުމަށް ހަމަޖައްސާފައިވާކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ލީގު އުސޫލުން ކުޅެން ނިންމި ނަމަވެސް، ކުރިއެކޭ ވެސް އެއްގޮތަށް އެ މުބާރާތުގެ ޗެމްޕިއަން، ރަނަރސް އަޕް އަދި ތިން ވަނަ ޓީމު ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރިވައިސް ކުރެވުނު މެޗު ސެޑިއުލް މާދަމާގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށް އެފްއޭއެމުން ބުނެއެވެ.
މިމަހުގެ 18އިން 27ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި މިފަހަރު ވާދަކުރާ ފަސް ޓީމަކީ ރާއްޖެއާއި އެންމެފަހުގެ ޗެމްޕިއަން ނޭޕާލާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބޫޓާނާއި އިންޑިއާ އަދި ބަނގުލަދޭޝްއެވެ.
މިދިޔަ އަހަރުގެ މުބާރާތް ކުރިއަށްދިޔައީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ނަމުގައެވެ. ނަމަވެސް މިއަހަރުގެ މުބާރާތަށް ގިނަ ޓީމުތަކުން 18 އަހަރުން ދަށުގެ ސްކޮޑު ފޮނުވާފައިވުމުން އެ މުބާރާތުގެ ނަން 18 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށް ވަނީ ބަދަލުކޮށްފައެވެ. މިއީ އެ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި މުބާރާތުގައި ވެސް ރާއްޖޭން ވާދަކޮށްފައިވެއެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން 3-1 ލަނޑުގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.