ސޫރިޔާގެ ހަނގުރާމަ ނިމުމަކަށް އަންނަމުން ދާއިރު އެކަމުގެ ފަހަތުގައިވާ ސަބަބުތައް

ހަނގުރާމައިގާ ސޫރިޔާ ފުނޑުފުނޑުވެފާ

ސޫރިޔާގެ ހަނގުރާމަ ނިމުމުގެ މަގުމަތީގައިވާ ކަމަށާއި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ގަދަބާރުން ވައްޓާލުމުގެ ނަމުގައި ހަނގުރާމަ ކުރުމުގެ އެއްވެސް ބޭނުމެއް މިހާރު ނެތްކަމަށް އދ. ން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑިމިސްޓޫރާ އިއްޔެވަނީ ވިދާޅުވެފައެވެ.

ޖެނީވާގައި ދެއްވި ބަޔާނެއްގައި ޑިމިސްޓޫރާ ވިދާޅުވީ ސޫރިޔާގެ ހަނގުރާމައިގެ ހަމަލާތައް މީގެ ހައެއްކަ މަސް ކުރިއާ އަޅާބަލައިރު 90 އިންސައްތަ އަށް މަދުވެފައިވާކަމަށާ މިއީ ސޫރިޔާގެ ހަނގުރާމަ ނިމުމުގެ އެންމެ ފަހުގެ މަރްހަލާ ކަމުގައެވެ.

ޑިމިސްޓޫރާ ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ބައްޝާރުގެ ސަރުކާރު ވައްޓާނުލެވުނު ނަމަވެސް ބައްޝާރުގެ ސަރުކާރަށްވެސް ސޫރިޔާގެ ހަނގުރާމަ ހަގީގަތުގައި ކާމިޔާބު ކުރެވިފައިނުވާ ކަމުގައެވެ. ހަނގުރާމައިން ލިބުނު ފިލާވަޅުތަކުގެ އަލީގައި އިދިކޮޅު ފަރާތްތަކާއި ސޫރިޔާ ސަރުކާރަށްވެސް އޮތީ ގޮތްދޫކޮށް ދެފަރާތް ގުޅިގެން ސިޔާސީ ގޮތުން ސޫރިޔާގެ މައްސަލަ ހައްލުކޮށް އިންތިގާލީ ވެރިކަމެއް ގާއިމްކޮށް އެއަށްފަހު އައު ދަސްތޫރެއް އެކުލަވާލައި ސޫރިޔާގައި އިންތިޚާބެއް ބާއްވައިގެން ޑިމޮކްރެޓިކް ވެރިކަމެއް ގާއިމް ކުރުންކަމަށް ޑިމިސްޓޫރާ ވިދާޅުވިއެވެ.

ގަލްފުގެ ބައެއް އަރަބި ގައުމުތަކާއި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކާއި ތުރުކީގެ ތާއީދު ލިބޭ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ސުލްހައިގެ ވާހަކަތަކުގައި ހުށަހަޅާ ޝަރުތަކީ ރައީސް ބައްޝާރާއި އޭނާގެ ބަޢްޘު ޕާޓީ ސޫރިޔާގެ ސިޔާސީ މަސްރަހުން އެއްފަރާތްކުރުމުގެ ޝަރުތެވެ. ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހެނީ މިޝަރުތާ ގުޅިގެންނެވެ. ކުރިން އިދިކޮޅު ފަރާތްތައް އުޅުނީ ސިޔާސީ ބޭނުމެއްގައި ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލާށެވެ. ނަމަވެސް އީރާނާއި ރަޝިޔާގެ އަސްކަރީ އެހީތެރިކަމާއެކު ސޫރިޔާ ސިފައިންވަނީ ބައްޝާރުގެ ވެރިކަން ވެއްޓުނަ ނުދީ އެވެރިކަން ހިމާޔަތްކޮށްފައެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރީ ގަލްފުގެ ބައެއް އަރަބި ގައުމުތަކާއި އެމެރިކާއާއި ތުރުކީ އެގޮތަށް ބޭނުންވާތީ ސިޔާސީ މަގްސަދެއްގައެވެ. ނަމަވެސް ބޭރުގައުމުތަކެއް ފަހަތުގައި ތިބެގެން ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލި އެއްވެސް ގައުމަކަށް ހަމަޖެހުން އައިސް ފައެއްނުވެއެވެ. މިކަން އިރާގާއި ލީބިޔާއާއި އަފްޣާނިސްތާނާއި ޔަމަން ފަދަ ގައުމުތަކުން ދަނީ ފެންނަމުންނެވެ. ލީބިޔާވަނީ ގައްޒާފީއަށްފަހު މުޅިން ބައިބައިވެ ތިން ސަރުކާރު އުފެދި ފެއިލްޑް ސްޓޭޓަކަށް ވެފައެވެ. ލީބިޔާގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައިވަނީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި ގަތަރެވެ.

ސޫރިޔާގެ ވެރިކަން ވައްޓާލުމަށް ކުރާ ހަނގުރާމައިގާވެސް ގަތަރާއި ތުރުކީއާއި ސައޫދީ އާއި އެމެރިކާގެ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް ފަހުން ހަގީގަތް ވިސްނި ތުރުކީންވަނީ ސޫރިޔާގެ މައްސަލާގައި ގެންގުޅުނު ސިޔާސަތުތައް ބަދަލުކޮށް ރަޝިޔާއާއި އީރާނާ ގުޅުންތައް ބަދަހިކޮށް ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ ސިޔާސަތު ދޫކޮށްލާފައެވެ. މިގޮތަށް ތުރުކީގެ ސިޔާސަތު ބަދަލުކުރީ ބައްޝާރުގެ ވެރިކަން ވެއްޓިއްޖެނަމަ ސޫރިޔާގައި ކުރުދީންގެ ދައުލަތެއް އުފެދިދާނެކަމުގެ ބިރު ހީވުމުންނެވެ.

އަނެއްކޮޅުން އެމެރިކާވެސް މިހާރުވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރާއި ތަމްރީން ދިނުން ހުއްޓާލާފައެވެ. އަދި ގަތަރާއި ސައޫދީ އާ ދެމެދު މައްސަލަޖެހި އެދެގައުމު ދުޝްމަން ވުމަކީވެސް މިދެގައުމުން އެހީތެރިކަން ދިން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ބަލިކަށިވެގެން ދިޔަ ސަބަބެކެވެ. މީގެއިތުރުން ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ ތަކްފީރީ ޖަމާއަތްތައް ކަމަށްވާ އައިއެސް އާއި ޖަބްހަތުއްނުސްރާ (މިހާރުގެ ޖަބްހަތު ތަހްރީރުއްޝާމް) ޖަމާއަތަށްވެސް ފައިސާގެ އެހީ ދޭ ކަމުގެ ތުހުމަތު ގަތަރާއި ސައޫދީ ދަނީ އެއްގައުމު އަނެއް ގައުމުގެ މައްޗަށް ކުރަމުންނެވެ. މި ދެޖަމާއަތްވެސް މިހާރުވަނީ ސޫރިޔާގައި ކުރިޔާއަޅާއިރު ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި އިރާގުގައިވެސް އައިއެސް ވަނީ ވަރަށް ބޮޑަށް އިނދަޖެހިފައެވެ.

ސޫރިޔާގެ ހަނގުރާމަ ނިމުމުގެ ކޮޅުމަތި ފެންނަން މިފެށީ މި ހުރިހާ ސަބަބުތަކެއް ގުޅި ލާމެހިގެންނެވެ. މިހާރު ސޫރިޔާގެ ގިނަ ސަރަހައްދުތައްވަނީ ބައްޝާރަށް ވަފާތެރި ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އަދި އެމެރިކާގެ މަދަދު ލިބޭ ކުރުދީ ބާރުތަކުން ވަނީ ސޫރިޔާގައިވާ އައިއެސްގެ މައިމަރުކަޒު ކަމުގައިވާ ރިއްޤާ ސިޓީ ގެ ހަތްދިހަ އިންސައްތަ މިނިވަންކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން ސޫރިޔާގެ ހަނގުރާމަ އެއްކޮށް ކަހަލަ ގޮތަކަށް ނިމޭނެ ކަމަށް އދ. ން ލަފާކުރެއެވެ.

ސިޔާސީ ބޭނުމެއްގައި ބޭރު ގައުތަކެއް ފަހަތުގައި ތިބެގެން ފެއްޓި ސޫރިޔާގެ ހަނގުރާމައިގާ އެގައުމު މުޅިން ކަހަލަ ގޮތަކަށް ވަނީ ހަލާކުވެ ވީރާނާވެފައެވެ. މިހަނގުރާމައިގާ ސޫރިޔާގެ ފަސްލައްކަ މީހުން މަރުވެފައިވާއިރު ދެމިލިޔަން މީހުން ޒަޚަމްވެފައިވެއެވެ. ދިހަ މިލިޔަން މީހުން ހާލުގައި ޖެހި ރެފިއުޖީންނަށް ވެފައިވެއެވެ. އަދި ސޫރިޔާގެ ގިނަ ރަށްތަކާއި ވިލެޖްތައްވަނީ ބިމާ ހަމަވެފައެވެ. އިންފްރާސްޓްރަކްޗަރ ވަނީ މުޅިން ފުނޑުފުނޑުވެފައެވެ.

ސޫރިޔާ އަލުން އާރާސްތު ކުުރުމަށް އެއް ޓްރިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށްވަނީ އަންދާޒާ ކުރެވިފައެވެ.

comment ކޮމެންޓް