ސަނީ ލިއޯންގެ ގާތް ރަހުމަތެރީން ބޮލީވުޑްގައި ނޫޅޭނެ ކަމަށް އޭނާ ބުނެފިއެވެ.
އޯޑިޔޯ ޝޯވް "ނޯ ފިލްޓާ ނެހާ" އަށް ދިން އިންޓަވިއުއެއްގައި ސަނީ ބުނީ އެއްއިރެއްގައިވެސް ގާތް ރަހުމަތްތެރިއަކު ބޮލީވުޑްގައި ނުހުންނާނެ ކަމަށާ ފިލުމު ތަކުގައި މަސައްކަތް ކުރާ އިރު ފިލުމުގެ ޓީމާ ގާތް ގުޅުމެއް އުފެދޭ އިރު ހަމައެކަނި އެ ގުޅުން އުފެދެނީ ފިލުމު ހަދައި ނިމެންދެން ކަމަށެވެ.
"އަހަރެންނާ ބޮލީވުޑްގެ ތަރިންނާ ދިމާވަނީ ވެސް އެމީހުންނާ އެކީ މަސައްކަތް ކޮށްލާ ވަގުތުކޮޅުގަ އެކަނި. އެހެންނޫނީ ދެން ނުފެންނާނެ،" ސަނީ ބުންޏެވެ.
ސަނީ އިތުރަށް ބުނީ ބޮލީވުޑާ ގުޅުމަށް ފަހު އޭނާ އަކީ ބީރައްޓެއްސެއް ކަމަށް އިހުސާސް ކުރެވޭ ކަމަށެވެ. ވާހަކަ ދައްކާލާނެ މާ ގާތް ރަހުމަތްތެރިއެއް ނުހުންނަކަމެވެ.
ސަނީ ލިއޯން ބޮލީވުޑަށް ތައާރަފުވީ 2012 ވަނަ އަހަރު ރިލީޒްވި ތުރިލަރ ފިލްމު ‘ޖިސްމު 2’ އިންނެވެ. އެ ފިލުމަށްފަހު ސަނީ ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށް ވެފައެވެ. ކާމިޔާބު އެތައް ފިލުމުތަކެއް އޭނާ ވަނީ ކުޅެފައެވެ. ކާމިޔާބު ފިލުމުތަކެއްގައި ސަނީ ހަރަކާތްތެރިވެފައިވީ ނަމަވެސް އޭނާ ކުޅުނު ބައެއް ފިލުމުތައް ވަނީ ފްލޮޕްވެފައެވެ.
ސަނީ ބުނީީ ބޮލީވުޑްގެ މަޝްހޫރު ތިން ޚާނުންނާ އެކު ފިލުމުގެ މަސައްކަތް ކޮށްލަން ބޭނުންވާ ކަމަށާއި އުންމިދަކީ ޝާހު ރުކް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން އާއެކު ފިލްމެއްގައި ހަރަކާތްތެރިވާން ފުރުސަތެއް ލިބުންކަމަށެވެ.