ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި ދައުލަތުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރުކޮށްދޭން އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި އިބްރާހީމް ދީދީގެ ގާނޫނީ ވަކީލު މުހައްމަދު މިސްބާހު ވިދާޅުވީ މުހުތާޒުގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލުން ކަމަށްވާ އަބްދުﷲ ރާބިއު އާއި އައިޝަތު ފަޒުނާ އަހުމަދު އާއި ނާފިޒާ އަލީގެ އިތުރުން އަހުމަދު ތައުފީގު ކޯޓުގެ އަޑުއެހުމަށް ހާޒިރުކޮށްދޭން އެދޭ ކަމަށެވެ.
އެބޭފުޅުން ކޯޓަށް ހާޒިރުކުރަނީ، އިބްރާހިމް ދީދީގެ މައްޗަށް އަލުން ޓެރަރަޒްމްގެ ދައުވާ ކުރަނީ ކުރިން އެ މައްސަލަ އަނބުރާ ގެންދިޔުމަށްފަހު ދައުވާ ނުކުރުމަށް ނިންމާފައިވާކަން ސާބިތުކޮށްދިނުމަށް ކަމަށް މިސްބާހު ވިދާޅުވިއެވެ.
އިބްރާހިމް ދީދީގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައާ ގުޅިގެންނެވެ.
އިބްރާހިމް ދީދީގެ ވަކީލު މިސްބާހު ވިދާޅުވީ ކުރިން އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އަނބުރާ ގެންދިޔައީ ދައުވާ ނުކުރަން ނިންމުމަށްފަހު ކަމަށް ޕީޖީ އޮފީހުން އިބްރާހިމް ދީދީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ. އެ އެންގުން އެންގީ ޕީޖީގެ ބިއުރޯ އިން އޭރުގެ ޑިރެކްޓަރު މުހައްމަދު އިޔާޒު ކަމަށްވާތީ އޭނާ ވެސް ކޯޓަށް ހާޒިރުކޮށްދިނުމަށް މިސްބާހު އެދިވަޑައިގަތެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލާ، އައިޝަތު މުހައްމަދު ވިދާޅުވީ އިބްރާހިމް ދީދީގެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް އަނބުރާ ގެންދިޔުމަށް ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ވަނީ މައްސަލަ އަލުން މުރާޖާ ކުރުމަށް އަނބުރާ ގެންދާ ވާހަކަ ކަމަށެވެ. އަދި އިބްރާހިމް ދީދީ އަށް ޕީޖީ އޮފީހުން ސިޓީ ފޮނުވީ މައްސަލަ އަނބުރާ ގެންދިޔުމަށްފަހު ކަމަށާއި އެ ސިޓީގައިވާ ކަންކަން މުރާޖާ ކުރުމަކީ ޕްރޮސިކިއުޓާ ޖެނެރަލަށް ކުރެވޭނެ ކަމެއް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ ނުކުރަން ނިންމާފައިވާ ނިންމުން މުރާޖާ ކުރުމުގެ ބާރު ގާނޫނު އަސާސީގެ 223 ވަނަ މާއްދާ އިން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ކަމަށެވެ.
ޖިނާއީ މައްސަލައެއްގައި ދައުވާ އުފުލުމަށްފަހު، ދައުވާ ނުކުރަން ނިންމައި އަނބުރާ ގެންދާ މައްސަލަތަކުގައި ދެވަނަ ފަހަރަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ އެކަން އިބްރާހިމް ދީދީގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ދައުލަތުން ބުނަނީ އެ މައްސަލަ އަނބުރާ ގެންދިޔައީ މުރާޖާކުރުމަށް ކަމަށް، އަނބުރާ ގެންދިޔުމަށް އެދި ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން ވިލިނގިލީ ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް އަލުން ދައުވާކޮށް ޝަރިއަތް ހިންގާތީ އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާކަން ވެސް އިބްރާހިމް ދީދީގެ ފަރާތުން ފާހަގަކުރިއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކުރީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވަނިކޮށް، ދެވަނަ ފަހަރަށް ދައުވާ ކުރުމުން ކަމަށެވެ. އެއީ މި މައްސަލާގައި ކަން ހިނގިގޮތާ ޚިލާފު ކަމެއް ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ މުސްލިމުންނަކީ އެބައިމީހުން އެއްބަސްވާ ބައެއްގެ މަތީގައި ތިބޭ ބައެއް ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ދައުވާ ނުކުރަން ނިންމާފައިވާކަން ލިޔުމުން އޭނާ އަށް އަންގާފައިވަނިކޮށް ދެ ވަނަ ފަހަރަށް ދައުވާ ކުރުމަކީ އެ ހަދީސާ ޚިލާފު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދުގެ އަޑުއެހުމުގައި ކުރިއަށްދިޔައީ ޝަރީއަތް ފެށުމުގެ ކުރިން އިބްރާހިމް ދީދީގެ ފަރާތުން ހުށަހެޅި ކަންތައްތަކާ ބެހޭގޮތުން ވާހަކަދެއްކުމެވެ. ނަމަވެސް މިއަދު ހުށަހެޅި ކަންތައްތަކާ ގުޅޭ ގޮތުން ތަފްސީލީގޮތެއްގައި ވާހަކަދައްކަން ބޭނުންވާ ކަމަށް އިބްރާހިމް ދީދީގެ ވަކީލު ވިދާޅުވެފައިވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވަން ގާޒީ އަލީ އާދަމް ނިންމެވިއެވެ.
އެގޮތުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 18 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.