އޮމާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު އޮމާނަކީ ރާއްޖެއިން ޖެހިލުންވާނެ ޓީމެއް ނޫން ކަމަށާއި ކުޅުންތެރިން ތިބީ މޮޅުވާން ތައްޔާރަށް ކަމަށް ގައުމީ ޓީމުގެ ކޯޗް ޑަރެން ސްޓެވާޓް ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ އޮމާންއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސްޓެވާޓް ބުނީ، އޮމާން އަކީ މޮޅު ޓީމެއް ކަމަށާއި އެކަމަކު އެ ޓީމު މޮޅުވުމަކީ ރާއްޖެއިން ޖެހިލުން ވާންވީ ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ މެޗުގައި ބަލާނީ ފަހު ވަގުތާ ހަމައަށްވެސް ނަތީޖާ ނެރުމަށް ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަަމަށެވެ.
އޭނާ ބުނީ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންވެސް މެޗަށް ތައްޔާރު ކަމަށާއި އޭނާއަށް ނެގިފައިވާ ސްކޮޑާ މެދު ހިތް ހަމަޖެހޭ ކަމަށެވެ. އޭގެ އިތުރުން އަލީ އަޝްފާގް ޓީމުގައި ހުރުމަކީ އެހެން ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް ކަމަށް ވެސް ސްޓެވާޓް ބުންޏެވެ.
"އަޝްފާގް ހުރުމަކީ ޓީމަށް ލިބޭ ހިތްވަރެއް. އަހަރަމެން މިތިބީ އޮމާންއާ ވާދަކޮށްލަން ތައްޔާރަށް. ފަހު ވަގުތާ ހަމައަށް ވެސް ހިތްވަރު ކުރާނަން،" ސްޓެވާޓް ބުންޏެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާއި ދިވެހިރާއްޖެ ވާދަކުރަ މެޗު ފަށާނީ ރާއްޖެގަޑިން 8:15ގައެވެ.