މޯ ފަރާ: ތާރީހު ފޮތުން ފަނޑުވެގެން ނުދާ ނަމެއް!

ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިޔާ މޯ ފަރާ: އޭނާ އެންމެ ފުރަތަމަ މެޑެއްޔެއް ހޯދާފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު 4ގައި ---

މިއަދަކީ ސޯމާލިއާއަށް އުފަން މުސްލިމް ދުވުންތެރިޔާ މުހައްމަދު ފަރާ ނުވަތަ މޯ ފަރާ ބައިނަލްއަގްވާމީ އެތްލެޓިކްސް މުބާރާތެއްގައި އިނގިރޭސިވިލާތު ތަމްސީލުކޮށް އެންމެ ފުރަތަމަ މެޑެއްޔެއް ހޯދިތާ ހަ އަހަރު ފުރޭ ދުވަހެވެ. އެތުލެޓިކްސްގެ ތާރީހު ފޮތުން އޭރުއްސުރެ މިއަދާ ހަމައަށް އޭނާގެ ނަމަކީ ފަނޑުވުމެއް ނެތް ނަމެކެވެ.

އާއިލާއާ އެކު، އުމުރުން އަށް އަހަރުގައި އިނގިރޭސިވިލާތަށް ހިޖުރަކުރި މޯ ފަރާގެ ކުޑައިރުގެ އެންމެ ބޮޑު އުންމީދަކީ މަޝްހޫރު އިނގިރޭސި ފުޓްބޯޅަ ކްލަބު އާސެނަލަށް ފުޓްބޯޅަ ކުޅުމެވެ. އެކަމަކު އޭނާ ވީ ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ އަށެވެ.

ދެކުނު ކޮރެއާގެ ޑައެގު ގައި ބޭއްވި ދުނިޔޭގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފަރާ އޭނާގެ އެންމެ ފުރަތަމަ މެޑެލް ހޯދާފައި ވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ގައެވެ. އެއީ 10،000 މީޓަރު ދުވުމުން ރިހި މެޑެއްޔެކެވެ. ހަމަ އެ މުބާރާތުގައި ފަރާ ވަނީ 5000 މީޓަރުގެ ދުވުމުން ރަން މެޑެއްޔެއް ވެސް ހޯދާފައެވެ. އެއާއެކު އޭނާ ވެގެން ގޮސްފައިވަނީ މިޑަލް ޑިސްޓަންސް ދުވުމުން ރަން މެޑަލް ހޯދި އިނގިރޭސިވިލާތުގެ ފުރަތަމަ ދުވުންތެރިޔާއަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިޔާ މޯ ފަރާ: އޭނާ އެންމެ ފުރަތަމަ މެޑެއްޔެއް ހޯދާފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު 4ގައި ---

އޭގެ ފަހުން 2012 ވަނަ އަހަރު ބޭއްވި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ 5000 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދައި، ޔޫރަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި ފުރަތަމަ އެތުލީޓަށް އޭނާ ވެގެން ދިޔައެވެ.

އަމިއްލަ ގައުމުގައި 2012 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް މުބާރާތުގައި ފަރާ ވަނީ 10،000 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދައި، އެ އިވެންޓުން ރަން މެޑެއްޔެއް ހޯދި ފުރަތަމަ އިނގިރޭސި ދުވުންތެރިޔާއަށް ވެގެން ގޮސްފައެވެ. ހަމަ އެ މުބާރާތުގައި އޭނާ ވަނީ 5000 މީޓަރު ދުވުމުން ވެސް ރަން މެޑެއްޔެއް ހޯދާފައެވެ.

ދެހާސް ތޭރަ ވަނަ އަހަރަކީ ވެސް ފަރާއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާ ވަނީ ހާކިއުލިސް މީޓިން މުބާރާތުގެ 1500 މީޓަރު ދުވުމުގައި ވާދަކޮށް، ޔޫރަޕިއަން ރެކޯޑު މުގުރާލާފައެވެ. އޭގެ ފަހުން ލަންޑަން ޑައިމަންޑު ލީގު އެނިވާސަރީ ގޭމްސްގެ 3000 މީޓަރު ދުވުން އޭނާ ކާމިޔާބު ކުރިއެވެ. ހަމަ އެ އަހަރު ފަރާ ވަނީ ހާފް މެރަތަން އިން ގައުމީ ރެކޯޑު ދެ ފަހަރަށް މުގުރާލައި، އަމިއްލަ ރެކޯޑު ވެސް މުގުރާލާފައެވެ.

ދުނިޔޭގެ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2013ގައި ފަރާ ވަނީ 10،000 މީޓަރު އަދި 5000 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދާފައެވެ. ފަރާ އަކީ އޮލިމްޕިކްސް އަދި ވޯލްޑް ޗެމްޕިއަންޝިޕުގައި ދެ އިވެންޓަކުން ރަން މެޑަލް ހޯދި ދެ ވަނަ އެތުލީޓެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިޔާ މޯ ފަރާ: އޭނާ އެންމެ ފުރަތަމަ މެޑެއްޔެއް ހޯދާފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު 4ގައި ---

ފަރާ އެންމެ ފުރަތަމަ މެރަތަން އެއްގައި ދުވެފައިވަނީ 2014 ވަނަ އަހަރު ލަންޑަން މެރެތަންގައެވެ. އެ މެރެތަންގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް އޭނާއަށް ލިބުނީ އަށް ވަނައެވެ. ނަމަވެސް އޭނާ ވަނީ އިނގިރޭސިވިލާތުގެ ހާފް މެރެތަން ރެކޯޑު މުގުރާލާފައެވެ. އޭގެ އިތުރުން ހަމަ އެ އަހަރު ފަރާ ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ 5000 އަދި 10،000 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދައި، އެ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެތުލީޓަށް ވެގެން ގޮސްފައެވެ.

ޖެހިގެން އައި އަހަރު ފަރާ ވަނީ ބާމިންހަމް އިންޑޯ ގްރޭންޑް ޕްރީގެ އިންޑޯ ޓޫ މައިލް ދުވުމުން ދުނިޔޭގެ ރެކޯޑު މުގުރަލާފައެވެ. އަދި ލިސްބަންގައި އޮތް ހާފް މެރެތަން ކާމިޔާބުކޮށް ފަރާ ވަނީ 14 އަހަރުވީ ޔޫރަޕިއަން ރެކޯޑު ވެސް މުގުރާލާފައެވެ. އޭގެ އިތުރުން ހަމަ އެ އަހަރު އޮތް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފަރާ ވަނީ 5000 އަދި 10،000 މީޓަރުގެ ދުވުމުން ރަން މެޑެއްޔެއް ހޯދާފައެވެ. އެއާއެކު އޭނާ ވެގެން ގޮސްފައި ވަނީ 10،000 މީޓަރުގެ ދުވުމުން ކާމިޔާބު ކުރި އެންމެ ދޮށީ ދުވުންތެރިޔާ އަށެވެ. އޭރު އޭނާގެ އުމުރަކީ 32 އަހަރެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ފަރާ ވަނީ ދުނިޔޭގެ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި ދުވެ ލޯ މެޑައްޔެއް ހޯދައި، ގްލާސްގޯ އިންޑޯ ގްރޭންޑް ޕްރީގެ 3000 މީޓަރު އިވެންޓު ކާމިޔާބު ކޮށްފައެވެ. އަދި އެ އަހަރުގެ ރިއޯ އޮލިމްޕިކްސް މުބާރާތުގެ 5000 އަދި 10،000 މީޓަރު ދުވުމުން ރަން މެޑެއްޔެއް ހޯދައި، އެ ދެ އިވެންޓުން ޖެހިޖެހިގެން ރަން މެޑަލް ހޯދި ދެވަނަ ދުވުންތެރިޔާއަށް އޭނާ ވެގެން ދިޔައެވެ.

ފަރާ ވަނީ މި އަހަރަށްފަހު ޓްރެކް އިވެންޓުތަކުގައި ދުވުން ހުއްޓާލުމަށް ނިންމައި، ދެން އޭނާ ފެނިގެންދާނީ މެރެތަން ދުވުންތަކުން ކަން އިއުލާން ކޮށްފައެވެ. މިޑަލް ޑިސްޓަންސް އަދި މެރަތަން ދުވުންތަކުގައި ވާދަކުރިޔަސް، ފަރާ ފާހަގަކޮށްލެވެނީ ހިތްވަރާއެކު ކާމިޔާބު ހޯދާ ދުވުންތެރިއެއްގެ ގޮތުގައެވެ.

comment ކޮމެންޓް