ސަލްމާނަށް ޗެލެންޖު ކުރި ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލައިފި

ސުޕަސްޓާ ސަލްމާން ޚާން އަކީ ރުޅިގަދަ އަދި އަބަދުވެސް މޫޑީ ފަންނާނެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. ސަލްމާން ކަމެއް ކުރާނީ ބުނެފައެއް ނޫނެވެ. އެގޮތުން ސަލްމާން މިވަނީ ވަރަށް ފަހުން އޭނާގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލައިފައެވެ.

ފިލްމްފެއާ ރިޕޯޓުތައް ބުނާގޮތުން ހާދިސާ ހިނގާފައި ވަނީ އެވޯޑު ހަފްލާއެއްގެ ފަހުންނެވެ.

ސަލްމާން އޭނާގެ އެކުވެރިންނާއި އާއިލާގެ ބައެއް މެމްބަރުންނާއި އެކު ވާހަކަ ދައްކަން މަޑުކޮށްލައިގެން ހުއްޓައި ސަޕޯޓަރަކު ވަނީ ސަލްމާން ގާތަށް ގޮސް އޭނާގެ ފޯނުގެ މޮޅު ވާހަކަ ދައްކަން ފަށައިފައެވެ.

އަދި އެ ފޯނަކީ ހަލާކު ނުވާ ފޯނެއް ކަމަށް ސަލްމާން ގާތު ބުންޏެވެ. އޭނާ ދެއްކި ވާހަކައަށް ސަލްމާން މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް، އޭނާ ދުރަކަށް ނުދިޔައެވެ.

އެންމެ ފަހުން ބޮލަށް އުނދަގޫވެެގެން ސަލްމާން ވަނީ އެމީހާގެ ފޯނު އަތުލައި ބިންމައްޗަށް ޖަހައިފައެވެ. ނަމަވެސް ފޯނަށް އެއްވެސް ކަމެއް ނުވި އެވެ. އެހެންކަމުން ސަލްމާން ވަނީ އަދި އެތަށް ފަހަރަކު ފޯނު ބިންމައްޗަށް ވައްޓާލައިފައެވެ.

ފޯނު ހަލާކުވީ ސަލްމާން އެތައް ފަހަރަކު ފޯނުން ބިންމަތީގައި ޖެހި ފަހުންނެވެ. ނަމަވެސް ފޯނު ހަލާކު ވުމުން "ކަލޭ ތިބުނާ ހަލާކު ނުވާ ފޯނަކީ މިއީ ހެއްޔޭ" ބުނުމަށް ފަހު ސަލްމާން ވަނީ އެތަނުން ގޮސްފައެވެ.

ކަން ބެލުމަށް އެއްވެ ތިބި އެންމެނަށް އެކަން މަޖާ ކަމަކަށްވި ނަމަވެސް، ފޯނުގެ ވެރިފަރާތަށް އެކަމުން މާ ބޮޑު އުފަލެއް ނުލިބުނެވެ.

comment ކޮމެންޓް