ގިނަ ފަންނާނުންތަކެއްގެ ބައިވެރިވުމާ އެކު ދިރާގުން ނާޝިދަށް ޓުރިބިއުޓެއް!

ނާޝިދު: ދިރާގުން ވަނީ އޭނާއަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން ލަވައެއް ނެރެފަ

ދިވެހި މިއުޒިކީ ދާއިރާއަށް އިންގިލާބެއް ގެނުވި މަޝްހޫރު ބޭންޑް ޒީރޯ ޑިގްރީ އެޓޯލްސް އުފެއްދި އަދި ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ ހަނދާނުގައި ދިރާގުން ޓްރިބިއުޓެއް ނެރެފިއެވެ.

ނާޝިދަށް ޓްރިބިއުޓެއްދީ، ޔޮންޑާ މިއުޒިކާ ގުޅިގެން ދިރާގުން ނެރެފައިވަނީ ޒީރޯ ޑިގްރީ އެޓޯލްސްގެ އެންމެ މަގްބޫލް އަލްބަމް 'ދޯނި'ގެ ލަވަތަކުގެ ތެރެއިން "ތަކުރަށް ބަހެއް" މި ލަވަ ދިވެހި މިއުޒިކީ ގިނަ ފަންނާނުންތަކެއްގެ އަޑުންނެވެ.

އެ ލަވަ ކިޔާދީފައިވަނީ ނާޝިދުގެ ދަރިފުޅު ނިޝް ނާޝިދުގެ އިތުރުން އަދްލީ، އިސްމާއިލް އައްފާން، އަހްމަދު އިބްރާހީމް (އައްމަޑޭ)، މަރިޔަމް އުނޫޝާ، ލައިޝާ ޖުނައިދު، އީމާން، ފެޒޫ، ފޫޖީ، ޒާރާ އަދި ހައިޝަމެވެ.

ސްކޫލް ދައުރުން ފެށިގެން މިއުޒިކުގެ ތެރޭގައި އުޅެބޮޑުވި ނާޝިދުގެ ދިވެހިވަންތަ ރާގުގެ ލަވަތަކަކީ އަދިވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ލަވަތަކެވެ. އަދިވެސް ދިވެހީންގެ ވިންދާ ކުޅެމުންދާ ރާގުތަކެކެވެ. އޭނާ އަކީ ދިވެހި މިއުޒިކީ ދާއިރާއަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އެވަރު ދެވަނައެއް ނުވާ ފަންނާނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލެޖެންޑެކެވެ.

ނާޝިދުގެ ލަވަތައް އަދިވެސް ފަޑުވެގެން ގޮސްފައިނުވާއިރު، އެއީ އަދިވެސް ދިވެހިންގެ އެއްވަނައެވެ. ދިވެހިންގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް އޭނާ އަކީ މަގްބޫލު ފަންނާނެކެވެ. އެކި ފެންވަރުގެ އެތައް އެވޯޑްތަކެއް ވެސް މިއުޒިކީ ދާއިރާއިން ހޯދާފައިވާ ހުނަރުވެރި އެކެވެ.

އެގޮތުން 2003 ވަނަ އަހަރު ބޭއްވި ނިއު ޔޯކު އިންޓަނޭޝަނަލް މިއުޒިކް ފެސްޓިވަލުގައި އޭނާއަށް ވަނީ ބެސްޓް އެކޯސްޓިކް ބުލޫސް އެކްޓްގެ އެވޯޑް ލިބިފައެވެ. އެ އެވޯޑާއެކު އޭނާ ވަނީ ނިއު ޔޯކުގެ މަގްބޫލު މެޑިސަން ސްކުއާ ގާޑަންގައި ހުށަހަޅައިދިނުމުގެ ޝަރަފް ލިބުނު ދިވެހި ފަންނާނުގެ މަގާމް ހޯދާފައެވެ. އަދި ރައީސްގެ ހާއްސަ އެވޯޑް ވެސް ހާސިލްކޮށްފައިވާ ނާޝިދަކީ އޮސްޓްރޭލިއާ އަދި އެމެރިކާގައި ވެސް ހުށަހެޅުންތައް ހުށަހަޅައިދީފައިވާ ފަންނާކެވެ.

ނާޝިދަށް ވަނީ 1990 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އެވޯޑް ވެސް ސަރުކާރުން ދީފައެވެ.

comment ކޮމެންޓް