ސާޓާގެ ޖަޖިން ނިންމާލައިފި

ހައިރައިޒްގެ ޑިރެކްޓަރ އިސްމާއިލް ހަމީދު އަދި ސަޓާގެ ނައިބު ރައީސް ސޫރަޖް ޚާން މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)އަށް ނޮމިނޭޓުވި ފަރާތްތައް އިވެލުއޭޓުކޮށް ނިންމާލައިފިއެވެ.

ސާޓާއަށް ނޮމިނޭޓުކުރި ފަރާތްތަކަށް އޮންލައިން މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލީ ޖޫން 10 ގައެވެ. މިދިޔަ މަހުގެ ނިޔަލަށް ވޯޓު ދިނުމަށް ހުޅުވާލި އިރު، އެ އެވޯޑަށް ނަން ހުށަހެޅި ހުރިހާ ފަރާތެއްގެ އިވެލުއޭޝަން ވެސް މިދިޔަ މަސްތެރޭ ވަނީ ނިންމާލާފައެވެ.

ސާޓާ އިންތިޒާމުކުރާ، ހައިރައިޒްގެ ފައުންޑަރ، އިސްމާއިލް ހަމީދު "ސަން" އަށް ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދަނީ އައްޑޫ ސިޓީގައި އެވޯޑު ހަފްލާ ބާއްވަން ކުރަން ޖެހޭ މަސައްކަތްތަކެވެ. އޭގެ ތެރޭގައި ލޮޖިސްޓިކްސް އާއި އެހެނިހެން މަސައްކަތް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ސާޓާގެ ގާލާ އިވެންޓު ބާއްވަނީ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުގައި އަންނަ މަހުގެ 27 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ފެސްޓިވަލެއްގެ ގޮތުގައެވެ. އެގޮތުން 27 ވަނަ ދުވަހު އޮންނާނީ "ސާޓާ އޮޕޮޗިއުނިޓީ" އެވެ.

އެ އިވެންޓަކީ ސާޓާގައި ބައިވެރިވާ ސަރަހައްދީ ބްރޭންޑުތަކަށް ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ އިވެންޓެކެވެ. އަދި 28 ވަނަ ދުވަހު އޮންނާނީ ސާޓާގެ އެވޯޑު ހަފްލާއެވެ. އެއަށްފަހު ސާޓާ ސެލެބްރޭޝަންސް އެރޭ އޮންނާނެއެވެ.

ސާޓާގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އުރީދޫއެވެ. ކޯ ސްޕޮންސަރުންނަކީ ދަ ހޯކްސް އާއި އޭޝިއާ ފޯވާޑިންއެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސިސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ.

ސާޓާގެ މިއަހަރުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ވެސް ސަން އޮންލައިނެވެ. އަދި ޓްރެވަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ޓްރެވަލް ވޯލްޑް އޮންލައިނެވެ.

comment ކޮމެންޓް