ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާގައި 16 މިލިއަން ކުދިން ހާލުގައި ޖެހިފައި!

އައްސާމް ސްޓޭޓުގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ހުރި މެޑިކަލް ކޭމްޕަކުން ކުޑަކުދިންތަކެއް ބޭސް ނަގަނީ ---

ދެކުނު އޭޝިއާގެ ތިން ގައުމު ކަމަށްވާ އިންޑިއާ، ނޭޕާލް އަދި ބަނގުލަދޭޝްއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ގާތްގަނޑަކަށް 16 މިލިއަން ކުދިން ހާލުގައި ޖެހިފައިވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ޔުނިސެފުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރު ޖީން ގޯފް ވިދާޅުވީ، ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ދިމާވަމުންދާ ގެއްލުންތަކުގައި އެތައް މިލިއަން ކުދިންނެއްގެ ގެދޮރާއި ސްކޫލްތަކާއި ގާތްއެކުވެރިންގެ އިތުރުން ލޯބިވާ މީހުން ގެއްލި، އެކުދިންގެ ދިރިއުޅުން އޮޔާ ގޮސްފައިވާ ކަމަށެވެ.

ޔުނިސެފުން މިހާރު ވެސް ދަނީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް ދިމާވެފައިވާ ކުއްލި ހާލަތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އިންސާނީ ހިދުމަތް ފޯރުކޮށްދޭ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިދިޔަ މަހުގެ މެދުތެރެއާ ހަމައަށް 1288 މީހުން މަރުވެފައިވާ އިރު، އެކަމުގެ އަސަރު 45 މިލިއަން މީހުންނަށް ވަނީ ކޮށްފައެވެ. އަދި މަގުތަކާއި ބްރިޖްތަކާއި ރެއިލްވޭސް އަދި އެއާޕޯޓްތަކަށް ގެއްލުން ލިބިފައިވުމުގެ ސަބަބުން ވިއްސާރައިގެ އަސަރުކުރި ގިނަ ސަރަހައްދުތަކަށް ވަނީ އެހީ ފޯރުކޮށް ނުދެވިފައެވެ.

"ސްކޫލްތަކަށާއި އެ ތަންތަނުގައި ހިފާ ގެންގުޅޭ ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުގެ ސަބަބުން އެތައް ސަތޭކަ ކުދިންނަކަށް ހަފްތާތަކެއް ވަންދެން ނުވަތަ މަސްތަކެއް ވަންދެން ސްކޫލަށް ނުދެވިދާނެ،" ގޯފް ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ހިނގި ހާދިސާތަކުގައި ބަނގުލަދޭޝް އިން އެކަނިވެސް އަށް މިލިއަން މީހުން ހާލުގައި ޖެހިފައިވާއިރު އޭގެ ތެރޭގައި ތިން މިލިއަނަކީ ކުޑަކުދިންނެވެ.

އަދި ހަތް ލައްކައަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާއިރު 2292 ސްކޫލަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ޖެހިގެން މިހާތަނަށް ތޭރަހާހަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނޭޕާލް އިން ވިއްސާރައިގެ އަސަރު އެގައުމުގެ 1.7 މިލިއަން މީހުންނަށް ކޮށްފައިވާއިރު 350،000 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެތަކުން ނެރެ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

އަދި 185،00 އަށްވުރެ ގިނަ ގެއަށާއި 1900 އަށްވުރެ ގިނަ ސްކޫލަށް ގެއްލުންވެ، 253،000 އަށްވުރެ ގިނަ ދަރިވަރުންގެ ތައުލީމަށް ވަނީ ހުރަސް އެޅިފައެވެ.

ވިއްސާރައިގެ ސަބަބުން އާބާދީ ބޮޑު އިންޑިއާގެ އުތުރުގައި އޮންނަ ހަތަރު ސްޓޭޓަކަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ. އެގޮތުން އެކަމުގެ އަސަރު 31 މިލިއަން މީހުންނަށް ކޮށްފައިވާއިރު 12.33 މިލިއަން ކުޑަކުދިން ހިމެނެއެވެ.

އަދި އަށް ލައްކައަށްވުރެ ގިނަ ގެއަށާއި ފަނަރަ ހާހަށްވުރެ ގިނަ ސްކޫލަށް ގެއްލުން ލިބިފައިވާއިރު އެކަމުގެ އަސަރު ގާތްގަނޑަކަށް އެއް މިލިއަން ދަރިވަރުންނަށް ވަނީ ކޮށްފައެވެ.

comment ކޮމެންޓް