އިންޓަނެޓް ބޭންކިންއަށް އަހުލުވެރި ކުރުވުމަށް ބީއެމްއެލްގެ ބޮޑު ކެމްޕޭނެއް ފަށައިފި

އައްޑީ ސިޓީ ހުޅުމީދޫގައި މިއަދު ބީއެމްއެލް އިން ފެށި ރޯޑް ޝޯގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

އިންޓަނެޓް ބޭންކިންއަށް ކަސްޓަމަރުން އަހުލުވެރި ކުރުވުމަށް ބީއެމްއެލް އިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

އިއްޔެ އިން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕޭންގެ މުއްދަތުގައި، ބީއެމްއެލް ގެ ހުރިހާ ބްރާންޗުތަކެއްގައި އެ ކެމްޕޭންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި ރާއްޖޭގެ އާބާދީ ބޮޑެތި ބައެއް ރަށްތަކުގައި ރޯޑް ޝޯ ބާއްވަން ވެސް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެގޮތުން ރޯޑް ޝޯތަކުގެ ތެރެއިން ފުރަތަމަ ރޯޑް ޝޯ ބާއްވާފައިވަނީ މިއަދު، އައްޑޫ ސިޓީ ހުޅުމީދޫގައެވެ. އެއަށްފަހު މާދަމާ، އެ ސިޓީގެ ހިތަދޫގައި ވެސް ރޯޑް ޝޯއެއް ބާއްވަން ވަނީ ހަމަޖައްސާފައެވެ. ހޯމަ ދުވަހު ރޯޑް ޝޯ އޮންނާނީ އައްޑޫ ސިޓީ ފޭދޫ އާއި މަރަދޫގައެވެ. އެއަށްފަހު މާލޭގައި އަންގާރަ ދުވަހު ރޯޑް ޝޯއެއް ބާއްވަން ނިންމާފައިވާ ކަމަށްވެސް ބޭންކުން ބުންޏެވެ. މާލޭގެ ރޯޑް ޝޯ އޮންނާނީ ވެލާނާގޭގައެވެ.

އެ ރޯޑް ޝޯތަކުގެ ތެރެއިން އިންޓަނެޓް ބޭންކިންއާ ބެހޭ މައުލޫމާތު ހިއްސާކޮށް، އެ ޚިދުމަތަށް ވަގުތުން ރަޖިސްޓްރީ ކޮށްލެވޭނެއެވެ. އަދި ކާޑު އެޕްލިކޭޝަން ބަލައިގަތުން ވެސް ހިމެނެއެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އަކީ މިވަގުތު ރާއްޖޭގައި އޮޕަރޭޓު ކުރާ ބޭންކުތަކުގެ ތެރެއިން އެންމެ ފަސޭހަ އޮންލައިން ޕްލެޓްފޯމެއް ބޭނުންކުރާ ބޭންކެވެ. އަދި ބޭންކުގެ ޚިދުމަތް ހޯދުމަށް އެ ބޭންކުގެ އިންޓަނެޓް ބޭންކިން ގެ ޚިދުމަތް ބޭނުން ކުރައްވާ ފަރާތްތަކުގެ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް