ހެޔޮއަމަލު ގިނަކޮށް އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވުމަށް އަރަފާތުގެ ޚުތްބާގައި ގޮވާލައްވައިފި

ޝައިޚް އައްޝަތްރީ މިއަދު އަރަފާތުގެ މަސްޖިދުއްނަމިރާ ގައި ޚުތުބާ ދެއްވަނީ

ޢަރަފާ (އޮގަސްޓް 31): ޢަރަފާތުގެ ބިމަށް އެއްވެފައިވާ ހައްޖުވެރިންނާ މުޚާތަބުކުރައްވައި މަސްޖިދުއްނަމިރާގައި މިއަދު ދެއްވި ޚުތުބާގައި ހެޔޮގޮތުގައި އިސްލާމްދީނަށް ތަބާވުމަށާއި އަޅުކަންތައް ގިނަކުރުމަށާއި މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމަށާއި ދުނިޔެއާއި އާޚިރަތަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފިއެވެ.

ސަޢޫދީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ މިއަދު ދެއްވި ޢަރަފާތުގެ ޚުތްބާގައި އަރަފާތު ދުވަހުގެ މާތްކަމާއި ބަރަކާތުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ. އަދި އަޅުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ، ފުރިހަމަ ހައްޖެއް ނުވަތަ މަބްރޫރު ހައްޖެއް ކޮށްފި މީހެއްގެ ޖަޒާއަކީ ސީދާ ސުވަރުގެކަން ކީރިތި ރަސޫލާ އަންގަވާފައިވާކަން ފާހަގަ ކުރައްވަމުން އަރަފާތުގައި ތިބެގެން މާތް ﷲ އަށް ދުޢާކޮށް އަސްތަޣްފާރުކޮށް އިބްތިހާލް ވުމަށް އިލްތިމާސް ކުރެއްވިއެވެ. މިއަދުގެ ޚުތްބާގައި ކީރިތި ރަސޫލާ (ސލވ) ގެ ދުވަސްވަރު ހަައްޖަތުލްވަދާއުގައި އެކަލޭގެފާނު ހައްޖުކުރެއްވި ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ޝައިޚް އައްޝަތްރީ ދެއްވި ޚުތުބާގައި، އަންހެނުންނަށް އިސްލާމް ދީނުގައި ދެއްވާފައިވާ ގަދަރާއި ކަރާމާތުގެ މައްޗަށް ބައްލަވާލައްވައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ފިރިހެނުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި އެންމެ ނުބައި ފާފައަކީ މާތް ﷲ އަށް ޝިރުކު ކުރުންކަމާއި ޝިރުކުކުރުން ނޫން އެހެން ފާފަތައް ފުއްސަވާނެކަން އެކަލާންގެ އަންގަވާފައިވާކަންވެސް ހަނދާނަށް ގެންނެވިއެވެ. މިގޮތުން ޝޭޚުގެ ޚުޠުބާގައި، ﷲ ގެ އެއްކައުވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ތައުޙީދަކީ، އާދަމުގެ ފާނުން ފެށިގެން ކީރިތި ރަސޫލާއާ ހަމައަށް ވެސް އިސްލާމްދީން ބިނާވެގެންވާ މައިގަނޑު އަސާސްކަން ބަޔާންކުރެއްވިއެވެ.

މުސްލިމް އުންމަތުން މިއަދު ފެންނަމުންދާ މުސްލިމުން ބައިބައިވެ އެމީހުންގެ ތެރޭގައި އެއްބައިވަންތަކަން ގެއްލި ދެބަސްވުމާ ލޭއޮހޮރުވާ ހިސާބަށް ކަންތައްތައް ދާ މަންޒަރަށް އަލިއަޅުވާލައްވަމުން އެއީ އިސްލާމް ދީނުގެ މަންޒަރު ނޫންކަމާއި ޚިޔާލުތަފާތުވާ މައްސަލަތައް މަޝްވަރާގެ މަތިން ވާހަކަދައްކައިގެން ޙައްލުކުރުމުގެ ފުރްސަތު ހަގީގަތުގައި އޮތީ އިސްލާމް ދީނުގައިކަން ޝައިޚް ހަނދާންކޮށް ދެއްވިއެވެ. އަދި މީހުން ކާފަރުކޮށް ތަކްފީރީ ޚިޔާލުތައް ދޫކޮށްލުމަށާއި ދީނުގެ ނަމުގައި ހަރުކަށި ނުވުމަށާއި މެދުމިން އިޚްތިޔާރު ކުރުމަށާއި އެއްމުސްލިމަކު އަނެއް މުސްލިމަށް އިޙްތިރާމްކޮށް އޯގާތެރިވުމަށް ޝައިޚް މުސްލިމުންނަށް ގޮވާލެއްވިއެވެ.

މަޒްހަބީ ޚިލާފްތަކަށާއި އިސްލާމީ މުޖްތަމަޢުތައް ފިތުނައިން ރައްކާކުރުމަށް މަސައްކަތް ކުރުމަށްވެސް ހުރިހާ މުސްލިމުންނަށް ޝައިޚް އިލްތިމާސް ކުރެއްވިއެވެ.

ޢަރަފާތުގެ ޚުތްބާގައި، މުސްލިމުންނަށާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މާއްދީ އަދި ރޫޙާނީ މައްސަލަތަކުގެ މައްޗަށް ވެސް ކުރުގޮތަކަށް ޝައިޚް ޑޮކްޓަރ އައްޝަތްރީ ބައްލަވާލެއްވިއެވެ. މިގޮތުން މުސްލިމުން އިލްމީ ގޮތުންނާއި ޖިސްމާނީ ގޮތުން ގަދަފަދަ ވުމަށާއި އާޚިރަތުން ޘަވާބު ހޯދުމަށް މަސައްކަތްކުރާގޮތަށް ދުނިޔޭގައިވެސް މުސްލިމުންނަށް އާރާއި ބާރުލިބޭ ގޮތަށް ޓެކްނޮލޮޖީ ތަރައްގީކޮށް އިލްމާއި ފަންނުތަކާއި މަސައްކަތްތެރިކަން ކުރިއެރުމަށް ޚާއްސަކޮށްގެން އިސްލާމީ ގިޔުގަނޑުގެ ތެރޭގައި މުސްލިމުންގެ ޢަމަލުތައް ބައްޓަންކުރުމަށް ގޮވާލެއްވިއެވެ.

އިސްލާމް ދީނަކީ އޯގާތެރިކަމާއި ރަޙްމަތާއި ފާފަފުއްސެވުމުގެ ދީންކަން ބާޔާންކުރައްވަމުން ގިނަގިނައިން ތަވްބާ ވުމަށާއި ފާފަފުއްސެވުމަށް މާތް ﷲގެ ހަޒްރަތަށް ދެންނެވުމަށާއި އަރަފާތު ދުވަހުގައި މިލިބޭ ފުރްސަތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށް މިއަދުގެ ޢަރަފާތުގެ ޚުތްބާގައި ޝައިޚް ޑޮކްޓަރ އައްޝަތްރީ މުސްލިމުންނަށް ގޮވާލެއްވި އެވެ.

ޢަރަފާތުގެ ޚުތްބާއަށްފަހު ޙައްޖުވެރިން ވަނީ މެންދުރު ނަމާދާއި ޢަސްރު ނަމާދު ޤަސްރުކޮށް އަދި ޖަމްޢުކޮށް ކޮށްފައެވެ.

comment ކޮމެންޓް