"ޕަދްމާވަތީ" ރިލީޒް ކުރާނީ 2018 ގައި؟

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ' ރިލީޒްކުރާ ތާރީޚު ފަސްކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ދީޕިކާ ޕަދުކޯން، ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ލީޑު ރޯލުތަކުން ފެނިގެންދާ 'ޕަދްމާވަތީ' ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ނަމަވެސް ފިލްމުގެ ޝޫޓިން ފުރިހަމަ ކުރުމުގައި ގޮންޖެހުންތަކާ ދިމާވެ، އެހާތަނަށް ފިލްމުގެ މަސައްކަތް އެކީގައި ނުނިންމޭނެތީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތާރީޚެއްގައި ފިލްމު ރިލީޒް ކުރުމަށް މިހާރު ނިންމައިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާ އަށް ބުނެފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހަކީ ސްކޫލް ޗުއްޓީ ވެސް ފެށޭ މަސް ކަމަށާއި އެހެންކަމުން ފިލްމުގެ ވިޔަފާރި ރަނގަޅު ވާނެ ކަމަށެވެ.

"ޕަދްމާވަތީ އަކީ 150 ކުރޯޑް ބަޖެޓަކުން އުފައްދާ ފިލްމެއް. އެހެންކަމުން ޗުއްޓީ އަކާ ދިމާކޮށް ފިލްމު ރިލީޒް ކުރުމަކީ ބުއްދިވެރި ގޮތް. ނޮވެމްބަރު މަހު އެއްވެސް ޗުއްޓީއެއް ނެތް،" އޭނާ ބުންޏެވެ.

އޭގެ އިތުރުން ޕަދްމާވަތީގައި ވަރަށް ގިނަ ހަނގުރާމަ މަތީ މަންޒަރުތައް ހިމެނޭ ކަމަށާއި، ޕޯސްޓް ޕްރޮޑަކްޝަން އަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ފިލްމު ރިލީޒް ކުރުން ފަސްކުރި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

ނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރާ ތާރީޚަށް އަދި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި ދީޕިކާ ވެސް ވަނީ ފިލްމުގެ ޝޫޓިން ނިންމާލައިފަ އެވެ. ރިޕޯޓުތަކާ ގުޅޭ ގޮތުން ބަންސާލީ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޕަދްމާވަތީގައި ޕަދްމާވަތީގެ ރޯލުން ފެނިގެން ދާނީ ދީޕިކާ އެވެ. ޕަދްމާވަތީގެ ފިރިމީހާ ރާޖާ ރަވާލް ރަތަން ސިންގްގެ ރޯލުން ފެނިގެން ދާނީ ޝާހިދު އެވެ. އަދި ރަންވީރު ސިންގ އަދާކުރާނީ އަލާއުއްދީން ޚިލްޖީގެ ރޯލެވެ.

comment ކޮމެންޓް