އިސްލާމިކް ފައިނޭންސްގެ ރޮނގުން ޑރ. މުނީޒާއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިވަޑައިގެންފި

ހަތް ވަނަ އިސްލާމިކް ބޭންކިންގް އަދި ތަކާފުލް ސަމިޓުގައި މުނީޒާ (ވ) ---

އިސްލާމިކް ފައިނޭންސްގެ ރޮނގުންދޭ ބައިނަލްއަގްވާމީ އެވޯޑެއް ރާއްޖޭގެ ކެޕިޓަލް މޭކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަން ޑރ. އާއިޝަތު މުނީޒާއަށް ލިބިއްޖެ އެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި އިއްޔެ ބޭއްވި ހަތް ވަނަ އިސްލާމިކް ބޭންކިންގް އަދި ތަކާފުލް ސަމިޓުގައި މުނީޒާ އަށް ލިބިފައި ވަނީ އޭއައިބީޓީއެސް އިނޮވޭޝަންސް އެވޯޑުގައި އަޕްކަމިންގް ޕާސަލަނަލިޓީ އިން އިސްލާމިކް ފައިނޭންސްގެ އެވޯޑެވެ.

މިއީ އިސްލާމިކް ފައިނޭންސް ތަރައްގީކުރުމަށް އައު އީޖަދުތަކާއި ފައިނޭންޝަލް ޕްރޮޑަކްޓްތައް ތައާރަފްކުރަން ކުރާ ބުރަ އަދި ކާމިޔާބު މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ބައިނަލްއަގްވާމީ ގޮތުން އެންމެ ރަނގަޅު އިސްލާމިކް ބޭންކަށާއި ތަކާފުލް ކުންފުނި އަދި އިސްލާމިކް ފައިނޭންސްގެ ތައުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި އިސްލާމިކް ފައިނޭންސްގެ ރޮނގުން އަގުވަޒަންކޮށްފައިވާ ހަމައެކަނި ދިވެހި ކަމަނާގެ މަގާމު ލިބިފައިވާ މުނީޒާ އަކީ މިއަހަރު އެކުލަވާލެވުނު އިސްލާމީ އިގްތިސާދުން ދުނިޔޭގައި އެންމެ ނުފޫޒު ގަދަ 500 ޝަހްޝިއްޔަތުގެ ތެރޭގައި ހިމެނޭ އެއް ކަމަނާ އެވެ.

އަދި މިދިޔަ އަހަރުގެ ތެރޭގައި މެދުއިރުމަތީގެ ހަބަރުތައް ގެނެސް ދޭ، އަރަބް ނިއުސް އިން ވަނީ ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ގަދަ ހަތަރު އަންހެން ލީޑަރުންގެ ތެރޭގައި މުނީޒާ ފާހަގަކޮށްފަ އެވެ.

ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ޗެއާމަންކަން ކުރައްވަމުން ގެންދަވާ ހަމައެކަނި އަންހެން ކަމަނާގެ ގޮތުގައި ހުންނެވި މުނީޒާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޮންސަލްޓެންޓެއްގެ އިތުރުން އެ އޮތޯރިޓީގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ވުޖޫދަށް ގެނައުމުގެ ޓެކްނިކަލް މަސައްކަތްތައް ކުރައްވާ އެ ކޯޕަރޭޝާންގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަމަން ކަމާއި މެލޭޝިއާގެ މަރުކަޒީ ބޭންކުން އުފައްދާފައިވާ ނުސެފް، ދަ ގްލޯބަލް ޔުނިވާސިޓީ އޮފް އިސްލާމިކް ފައިނޭންސްގެ އެސޯސިއޭޓް ޕްރޮފެސަރު ކަމުގެ އިތުރުން މޯލްޑިވްސް ސެންޓާ ފޮ އިސްލާމިކް ފައިނޭންސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް މުނީޒާ ވަނީ ފުރައްވައިފަ އެވެ.

އަދި ޒަކާތު ކޮމިޓީގެ މެމްބަރު ކަމާއި ޒަކާތު ސްކޮލާޝިޕް ކޮމެޓީގެ ޗެއާމަންކަމުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ފުރަތަމަ އަންހެން ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވާފައިވާ މުނީޒާ އަކީ މެލޭޝިއާގެ ސެކިއުރިޓީޒް ކޮމިޝަނަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހަމައެކަނި ދިވެހި ޝަރީއާ އެޑްވައިޒަރެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ގާއިމްކޮށް ތަރައްގީ ކުރުމަށް ވެސް މުނީޒާ ވަނީ ކާމިޔާބު އަގުހުރި މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އެގޮތުން ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓްގެ ގާނޫނީ އޮނިގަނޑު އެކުލަވާލައްވާ ރާއްޖޭގައި ސުުކޫކް މާކެޓެއް ގާއިމްވެ ކުރުމުގެ އަމަލީ މަސައްކަތް ކުރައްވާފައިވާއިރު، މުނީޒާ ވަނީ ރާއްޖެ އަށް ހާއްސަ ޝަރީއާ ސްކްރީނިންގް މެތޮޑޮލޮޖީއެއް އެކުލަވާލާ ދިވެހި ގާނޫނީ އަދި މާލީ އޮނިގަނޑަށް ފެތޭ ސުލޫކް އޮނިގަނޑެއް ފަރުމާ ކޮށްދެއްވައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުނީޒާ ވަނީ އެޗްޑީއެފްސީ އަމްނާ، އަޔާދީ ތަކާފުލް އަދި އެލިއާ އެޗްޑީސީ ފަދަ ކުންފުނިތަކުން ދޫކުރާ އިސްލާމީ މާލީ ޕްރޮޑަކްޓުތައް ފަރުމާ ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.

އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އުފެއްދުމަށްޓަކާ އެކުލަވާލި ފުރަތަމަ ސްޓެރެޓިޖިކް ޕްލޭންގެ ދެލި ކޮޕީ އެކަމަނާ އެކުލަވާ ލައްވާފައިވާއިރު، އިސްލާމިކް ފައިނޭންސް އާއި ގުޅޭ ގޮތުން ދުނިޔޭގެ އެތައް ގައުމެއްގައި ތަގުރީރު ކުރައްވާ ސަތޭކަ އެތައް ލިޔުމެއް މުނީޒާ ވަނީ ޝާއިއު ކުރައްވާފަ އެވެ.

comment ކޮމެންޓް