މެލޭޝިއާގެ ޔުނިވާސިޓީ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް)ގެ ޕްރޮފެސަރަކަށް ޑރ. އައިޝަތު މުނީޒާ އައްޔަންކޮށްފިއެވެ.
މީގެ ކުރިން އެސޯސިއޭޓް ޕްރޮފެސަރެއްގެ މަޤާމުގައި އެ ޔުނިވަސިޓީއަށް ޚިދުމަތްކުރެއްވި ޑރ. މުނީޒާ ޕްރޮފެސަރެއްގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.
އައިއެންސީއީއައިއެފް ގައި އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ޑރ. މުނީޒާ ވަނީ މިދިޔަ ހަ އަހަރު ޚިދުމަތް ކުރައްވާފައިވާފައެވެ.
އައިއެންސީއީއައިއެފް އިން ވަނީ ޑރ. މުނީޒާ ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތާގައިވެސް ޔުނިވަސިޓީގެ ކުރިއެރުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރާކަމަށް އެ ޔުނިވަސިޓީން ބުންޏެވެ.
ޑރ މުނީޒާ "ސަން" އަށް މިއަދު ވިދާޅުވީ ލިބިދިޔަ ކަމިޔާބީއާ މެދު އުފާކުރައްވާކަމަށެވެ. އަދި އޭނާގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އޭނާއަށް ލިބި ހުރި ހުނަރާއި މައުލޫމާތު އެހެން މީހުންނަށް ފޮރުކޮށްދިނުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މުޖުތަމައުއަށް ޚިދުމަތްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާގެ ޔުނިވަރސިޓީއެއް ކަމަށްވާ އައިއެންސީއީއައިއެފް ގެ ޕްރޮފެސަރަކަށް ޑރ. އައިޝަތު މުނީޒާ އައްޔަންކުރުން --
ޑރ. މުނީޒާ ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ދެ ޖާނަލްއެއްގެ އެސޯސިއޭޓް އެޑިޓަރުކަމާއި އިތުރު ޖާނަލްއެއްގެ އެސޯސިއޭޓް ބޯޑު މެންބަަރުކަންވެސް ޑރ. މުނީޒާ ވަނީ ކުރައްވާފައެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މިހާތަނަށް 200 ފޮތް ލިޔުއްވާފައި ވާ މުނީޒާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ.
ޕްރެފެސަރު ޑރ. މުނީޒާއަށް ކެމްބްރިޖް އިންސްޓިއުޓް އޮފް އިސްލާމިކް ފައިނޭންސް އިން "ވުމެން އިންފުލުއެންސާ 2022" ގެ ލަގަބު ވެސް ވަނީ ލިބިފައެވެ. މީގެ އިތުރުން އިސްލާމީ ފައިނޭންސް އިންޑަސްޓްރީގެ އެންމެ ނުފޫޒު ގަދަ އަންހެން ބޭފުޅުންގެ ތެރޭގައި 14 ވަނަ އަށް ލިސްޓް ކުރެވި މާލީ ދިރާސާތައް ކުރާ އިނގިރޭސިވިލާތުގެ އިދާރާ، ކެމްބުރިޖް އައިއެފްއޭގެ ޝަރަފުވެސް އޭނާ ވަނީ ހޯއްދަވާފައެވެ.
މީގެ އިތުރުންވެސް ޑރ. މުނީޒާވަނީ އިސްލާމިކް ފައިނޭންސް ދާއިރާއިން ގިނަ އެވޯޑްތަކެއް ހާސިލުކުރައްވާފައެވެ.