ދުނިޔޭގެ އިސްލާމިކް ފައިނޭންސްގައި 14 ވަނައަށް އެންމެ ނުފޫޒުގަދަ ކަނބަލަކަށް ޑރ. މުނީޒާ

މެލޭޝިއާގައި އިއްޔެ ބޭއްވި ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދޭ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ވުމެންއައި ދިނުމުގެ ރަސްމިއްޔާތުގައި،، ދުނިޔޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީގައި 14 ވަނަ އަށް އެންމެ ނުފޫޒުގަދަ އަންހެން ބޭފުޅާގެ އެވޯޑް ޑރ. މުނީޒާއަށް އަރުވަނީ ---

އިސްލާމީ ފައިނޭންސްގެ ރޮނގުން ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ނުފޫޒުގަދަ 20 ބޭފުޅުންގެ ތެރޭގައި ހިމެނި، ރާއްޖޭގެ ކެޕިޓަލް މޭކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ކެޕިޓަލް މާކެޓް ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަން ޑ. އާއިޝަތު މުނީޒާއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިވަޑައިގެންފި އެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ ހިލްޓަން ހޮޓެލްގައި އިއްޔެ ބޭއްވި ދުނިޔޭގެ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދޭ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ވުމެންއައި ގައި މުުނީޒާއަށް ލިބިލައްވާފައި ވަނީ، ދުނިޔޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީގައި 14 ވަނަ އަށް އެންމެ ނުފޫޒުގަދަ އަންހެން ބޭފުޅާގެ އެވޯޑެވެ.

މިއީ ދުނިޔޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާގައި ހުރި ގޮންޖެހުންތައް ނައްތާލައި އެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ފަހިކުރުމަށް މަސައްކަތްކުރާ ކަނބަލުންގެ އަގުވަޒަންކޮށް، މާލީ ދިރާސާތައް ކުރާ އިނގިރޭސިވިލާތުގެ އިދާރާއެއް ކަމަށްވާ ކެމްބުރިޖް އައިއެފްއޭ އިން އިސްލާމީ ފައިނޭންސިންގެ ދާއިރާއިން ހޮވާލެވޭ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ކަނބަލަކަށް ދޭ އެވޯޑެކެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޑރ. މުނީޒާއަށް އެވޯޑް ހަވާލުކޮށްދެއްވީ މެލޭޝިއާގެ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދާތޯ ވިރާ އޮތްމަން އަބްދުލް އަޒީޒް އެވެ.

ރާއްޖޭގައި ރަޖިސްޓްރީ ކުރައްވައިގެން މިވަގުތު ހުންނެވި ހަމައެކަނި ޝަރީއާ އެޑްވައިޒަރު އަދި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ޑރ. މުނީޒާއަކީ ރާއްޖެއަށް އިސްލާމީ ފައިނޭންސް އިންޑަސްޓްރީ ތައާރަފް ކުރައްވައި އިސްލާމީ ފައިނޭންސްގެ ހިދުމަތްދޭ ގިނަ ކުންފުނިތަކެއް އުފެއްދުމުގެ އިސް މޭސްތިރިއަކަށް ހުންނެވި ކަނބަލެކެވެ.

އެގޮތުން މޯލްޑިވްސް ސެންޓަރު ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)ގެ ބޯޑް ޗެއާމަން ކަމާއި އެ ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމުގެ އިތުރުން ވިމެން އޮން ބޯޑްސް ޖަމިއްޔާގެ ނައިބް ރައީސް ކަން ވެސް ޑރ. މުނީޒާ ފުރުއްވަމުންދާއިރު، ހައުސިން ޑިވެލޮޕްމަންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ އިސްލާމިކް ފައިނޭންސް ކޮންސަލްޓަންޓެއްގެ ގޮތުގައި ހުންނަވައި، އެ ކުންފުނީގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ" އުފެދިގެން ދިޔައީ އޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި އިސްލާމިކް ބޮންޑު "ސުކޫކް"ގެ އޮނިގަނޑު ހެއްދެވީ ވެސް ޑރ. މުނީޒާއެވެ.

ރާއްޖޭގެ އިތުރުން ޑރ. މުނީޒާއަކީ ބައިނަލްއަގްވާމީ އިސްލާމީ ފައިނޭންސިން ދާއިރާއަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތުގެ ސަބަބުން ޝަރަފްވެރި ގިނަ އެވޯޑްތަކެއް ލިބިލައްވާފައިވަ ކަނބަލެކެވެ.

އެގޮތުން މެލޭޝިއާގެ ސެކިއުރިީސް ކޮމިޝަންގެ ޝަރިއާ އެޑްވައިޒަރެއްގެ ގޮތުގައާއި ދުނިޔޭގެ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީ، އިންސިފްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި މިހާރު މަސައްކަތްކުރައްވަމުން ގެންދަވާ އަދި އެ މަގާމް އަދާކުރައްވައި ރާއްޖޭގެ ފުރަތަމަ އަންހެން ކަނބަލެއްގެ ޝަރަފް ލިބިލައްވާފައިވާ ޑރ. މުނީޒާ ވަނީ 2016 ވަނަ އަހަރު ނެރުނު ބިޒްނަސް ގައިޑު "އިސްލާމިކާ 500"ގައި ހިމަނައި އިސްލާމީ ދުނިޔޭގެ އިގްތިސާދުތަކުގައި އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަތްފައެވެ.

އަދި މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އިސްލާމިކް ފައިނޭންސް ތަރައްގީކުރުމަށް އައު އީޖާދުތަކާއި ފައިނޭންޝަލް ޕްރޮޑަކްޓްތައް ތައާރަފްކުރަން ކުރާ އަދި ކާމިޔާބު މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑް، އޭއައިބީޓީއެސް އިނޮވޭޝަންސް އެވޯޑުގައި އަޕްކަމިން ޕާސަނަލިޓީ އިން އިސްލާމިކް ފައިނޭންސްގެ އެވޯޑް ޑރ. މުނީޒާއަށް ވަނީ ލިބިލައްވައިފަ އެވެ.

comment ކޮމެންޓް