ރާއްޖޭގައި ބާސްކެޓްބޯޅަ އިތުރަށް ކުރިއަރުވައި މި ކުޅިވަރުގައި ހަރަކާތްތެރިވާ ޒުވާނުން ތަމްރީނުކުރުމަށް ގައުމީ ބޭންކް (ބީއެމްއެލް)އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އާއެކު އެކްސްކުލޫސިވް ޕާޓްނަރެއްގެ ގޮތުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އޭއެމްބީއޭއާއެކު ބީއެމްއެލްއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ޒުވާން ކުޅުންތެރީން ތަމްރީނުކުރުމުގެ އިތުރުން، ބާސްކެޓްބޯލް އެސޯސިއޭޝަނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށްވެސް ބޭންކުން އެހީތެރިވެދޭނެއެވެ.
ގައުމީ ބޭންކުން ބުނީ، ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު މި ކުޅިވަރު އިތުރަށް ކުރިއެރުވުމުގެ ގޮތުން، ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ތެރެއިން 1,000 ކުޅުންތެރިން ތަމްރީންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ހަވީރު ބީއެމްއެލް ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ބޭންކުން ވަނީ، 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރީން ތަމްރީން ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ބީއެމްއެލް ބްރޭންޑެޑް ޖާޒީތައް ދައްކާލާފައެވެ.
މީގެ އިތުރުން ގައުމީ ބޭންކުން ވަނީ، ނޭޕާލްގައި އޮންނަ ސައުތު އޭޝިޔަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި، 16 އަހަރުން ދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމު ވާދަކުރާއިރު ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޚާއްސަ ގިފްޓް ކާޑެއް ވެސް އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ހަދިޔާކޮށްފައެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ޒުވާން ކުޅުންތެރީން ތަމްރީނުކުރުމަށް އެވުނު މި އެއްބަސްވުމަކީ އެ ބޭންކަށް ވަރަށް ޚާއްސަ ސްޕޮންސަރޝިޕެއްކަމަށެވެ.
" އަޅުގަނޑުމެން މިހާރުވެސް މިދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވަމުން. އޭގެ ތެރެއިން ކުޅިވަރު ކުޅޭ ޒުވާން އަންހެން އަދި ފިރިހެން ކުދިންގެ ހުނަރު ތަރައްގީކުރުމަށް އެހީތެރިވުމަށް އަޅުގަނޑުމެން ބޭނުންވޭ،" ޝަރީފް ވިދާޅުވިއެވެ.
" ބާސްކެޓްބޯޅައަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ ކުޅިވަރެއްކަމުގައިވާތީވެ މިކަމަށް އެހީތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޚާއްސަ އުފަލެއް."
ގައުމީ ބޭންކުން ވަނީ މި އަހަރު ކުރީކޮޅު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ރަސްމީ ސްޕޮންސަރ ގޮތުގައިވެސް ހަމަޖެހިފައެވެ.
"އަހަރެންގެ ބޭންކް" ޝިއާރުގެ ދަށުން މިއަހަރު މިހާތަނަށް ބީއެމްއެލްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުން 30 ޖަމިއްޔާއަކަށް ވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.