ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރަނީ މަދު ބައެއް: މައުމޫން

މައުމޫން: މިހެން މި ވަނީ ރައްޔިތުންގެ މަސްއޫލިއްޔަތު އަދާ ނުކުރުމުން ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރު ޒިންމާދާރު ކުރުވުމަށް ރައްޔިތުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރަނީ މަދު ބައެއް ކަމަށް ސަރުކާރާ އިދިކޮޅު އިއްތިހާދުގައި ހުންނެވި އެންމެ ދޮށީ ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ހަރަކާތްތަކަށް ހާއްސަކޮށްފައިވާ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ޕާޓީތަކުގެ ލީޑަރުންނާއި އެކްޓިވިސްޓުން ކުރަމުންދާ މަސައްކަތަކުން ނުފުދޭނެ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެހެންވީމަ އެ މަސްއޫލިއްޔަތު އަދާ ނުކުރާތީ މިހެން މި ވަނީ. އަޅުގަނޑުމެން މި ތިބެނީ އިންތިހާބުކޮށްފައި ގެއަށް ގޮސް، ރައީސް މައުމޫން

"...އެއީކީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން. ރައްޔިތުންގެ ތެރޭގައި އެހާ މަދު ބައެއްގެ މަސްއޫލިއްޔަތެއް ނޫން. ސަރުކާރުން ކަން ކުރާ ގޮތް ނުވަތަ އަޅުގަނޑުމެން އިންތިހާބުކޮށްފައިވާ ބަޔަކު ކަންކުރާ ގޮތް ބެލުމަކީ އެންމެންގެ މަސްއޫލިއްޔަތެއް،" މައުމޫން ވިދާޅުވި އެވެ.

"އެހެންވީމަ އެ މަސްއޫލިއްޔަތު އަދާ ނުކުރާތީ މިހެން މި ވަނީ. އަޅުގަނޑުމެން މި ތިބެނީ އިންތިހާބުކޮށްފައި ގެއަށް ގޮސް. ދެން އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ކަންތައް ކުރައްވަނީ."

މައުމޫން ވިދާޅުވީ ރައްޔިތުން ބޭނުންވާ މީހަކު މަގާމަކަށް އިންތިހާބުކޮށްފައި، ގެއަށް ގޮސް ރައްޔިތުން ނިދައިގެން ނުވާނެ ކަމަށެވެ. އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ކުރަމުންދާ ގޮތް އަބަދުވެސް ރައްޔިތުން ބަލަން ޖެހޭނެ ކަމަށް މައުމޫން މިރޭ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޒިންމާދާރު ކުރުވުމަށް ރައްޔިތުން މިއަދު މަސައްކަތް ކުރާތަން ނުފެނުމަކީ "ދެރަ" ކަމެއް ކަމަށެވެ.

"...އަޅުގަނޑުމެންގެ ތެރޭގައި އެބައި ނެތީމަ ދެރައީ. ރައްޔިތުންގެ ފަރާތުން އެ މަންޒަރެއް ނުފެނޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.

"ފެންނަ މަންޒަރަކީ ބައެއް ޕާޓީތަކުގެ ލީޑަރުން، މި ދެންނެވީ އަޅުގަނޑުމެން ކަހަލަ މީހުން، ނުވަަތަ ބައެއް ޕާޓީތަކުގެ އެކްޓިވިސްޓުންނާއި ބައެއް ބޭފުޅުން ސަރުކާރު ޒިންމާދާރު ކުރުވުމަށް ވާހަކަފުޅު ދައްކަވާނެ،"

މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މިހާރު އާދެވިފައިވާ ހިސާބުން ކުރިއަށް ދާން ބޭނުންވާތީ "ވަރަށް ގަދައަށް" މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މަޖިލީހުގެ ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމެވި ގަޟިއްޔާއަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެ ހުކުމުން އެނގިގެންދަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ކަމަށެވެ. އެ ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ގޮންޖަހައި ބައި-އިލެކްޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ބުނެ، މައުމޫން ވިދާޅުވީ އެކަން ހުއްޓުވަންޖެހޭނެ ކަމަށެވެ.

comment ކޮމެންޓް