ހަރުބީ އިން ރާއްޖޭގެ ސަގާފި ކުޅިވަރުތަކުގެ ފޯރި މިސުރުގައި ދައްކާލައިފި

ފެސްޓިވަލް ނިމުމުގެ ރަސްމިއްޔާތުގައި ހަނދާނީ ޝީލްޑް ހަވާލުކުރަނީ

ބޮޑުބެރަކީ ދިވެހީންގެ ލޭ ކައްކުވާލާ ސަގާފީ ކުޅިވަރެކެވެ. ބޮޑުބެރުގެ ފަންނުގައި ރާއްޖޭގައި ނަގާކިޔާ އެއް ގުރޫޕަކީ ހަރުބީ ކަން ގައިމެވެ. އެ ގްރޫޕުގެ ލަވަތަކަށް ލޯބިނުކުރާ މީހަކު މަދުވާނެ އެވެ. ޖަހާލާ ބެރުގެ ރާގުތަކުން އެތައް ބައެއްގެ ހިތްތައް އެ ގުރޫޕުން ވަނީ ދަމައިގެންފަ އެވެ. އެތައް ބައެއްގެ ލޯބި އެމީހުން ވަނީ ހޯދައިފަ އެވެ. އެ ގްރޫޕުން ޝޯވްއެއް ދޭ ވާހަކަ އަޑުއިވުމަކީ ރައްޔިތުންގެ ތުންފަތަށް ހިނިތުން ވުން ގެންނަ ކަމެކެވެ.

މިމަހުގެ 20 އިން 26 އަށް މިސްރުގެ އިސްމައިލިއާގައި ކުރިއަށް ދިޔަ "އިސްމައިލިއާ އިންޓަނޭޝަނަލް ފޯކްލޯ ފެސްޓިވަލް"ގައި ބައިވެރިވެ ހަރުބީން ވަނީ އެމީހުންގެ ހުނަރު ވަރަށް ވެސް ރަނގަޅަށް ދައްކައިދީފަ އެވެ. މިހާރު ހަރުބީ ވަނީ ރާއްޖޭގެ ރައްޔިތުންގެ ފޭވަރިޓުންގެ އިތުރުން މިސްރު ރައްޔިތުންގެ ފޭވަރިޓުންނަށް ވެސްވެފަ އެވެ.

ހަރުބީ ޓީމުން ފެސްޓިވަލްގައި ޝޯވް ދެނީ

އެ ފެސްޓިވަލް އަކީ މިސްރުގެ ފޮރިން ކަލްޗާ އިން އިންތިޒާމުކޮށްގެން މުޅި ދުނިޔެއަށް ހުޅުވާލައިގެން ބޭއްވި ފެސްޓިވަލެކެވެ. ހަރުބީ ބޮޑުބެރު ގްރޫޕަކީ ދިވެހިރާއްޖެ ތަމްސީލުކުރުމުގައި ވެސް ދެގޮތެއްނުވާ ޓީމެއްކަން ފާހަގަކޮށްލެވެ އެވެ. ސަގާފީ އެތައް ކުޅިވަރުތަކެއް އެ ޓީމުން ވަނީ ފެސްޓިވަލްގައި ދައްކައިފަ އެވެ.

"މިއީ ރާއްޖޭން ބޭރުގައި ހަރުބީ އިން ދޭ 15 ވަނަ ޝޯ. ހަރުބީން ވަނީ އެކިފަހަރު އެކި ގައުމުތަކުގައި ރާއްޖެ ތަމްސީލުކޮށްދީފައި،" ކުޅަދާނަ ލަވަކިޔުންތެރިޔާ އަދި ބެރުވެރިޔާ މަމްދޫހް (މަންޑޭ) ބުންޏެވެ.

ކޮންމެ އަހަރަކުހެން މިސްރުގެ އިސްމައިލިއާގައި ބާއްވާ، "އިސްމައިލިއާ އިންޓަނޭޝަނަލް ފޯކްލޯ ފެސްޓިވަލް" އަކީ އިސްމައިލިއާގައި ބާއްވާ މިފަދަ އެންމެ ބޮޑު ސަގާފީ ކުޅިވަރު ފެސްޓިވަލެވެ. އެ ފެސްޓިވަލުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ މެކްސިކޯ، ބަލްގޭރިޔާ، ޓިއުނީޝިއާ، ނައިޖީރިއާ، ސޫދާން، އިންޑޮނޭޝިއާ، ރަޝިޔާ، ފަލަސްތީން އަދި އިންޑިޔާގެ ދެ ގްރޫފަކާއި ސައުދީގެ މިއުޒިކް ގްރޫޕްތަކެކެވެ.

ފެސްޓިވަލްގައި މާފަތި ނެށުން ނިންމާލުމަށް ފަހު

"ސަން" އަށް ދިން އިންޓަވިއުއެއްގައި މަންޑޭ ބުނީ މި ފަހަރު މިސްރުގެ އެކި ސިޓީތަކުގައި ހަރުބީ ވަނީ ރާއްޖެ ތަމްސީލުކޮށްފައިވާ ކަމަށާއި ކޮންމެ ރެއަކު ވެސް އެކި ހިސާބުތަކަށް ގޮސް ޝޯވް ދީފައިވާ ކަމަށެވެ.

"ފެސްޓިވަލްގައި އޮންނަ ގޮތުން ކޮންމެ ރެއަކުވެސް ޝޯ ދޭންޖެހޭ. ސީބީސީ ޓީވީގެ ލައިވް ޕްރޮގްރާމެއްގައި ހުށައެޅުމުގެ ފުރުސަތު ތިން ގައުމަކަށް ލިބުނު އިރު ހަރުބީއަށް ވަނީ އެ ފުރުސަތު ލިބިފައި. ހަމަ އެހެންމެ ނިންމާލުމުގެ ރަސްމިއްޔާތުގައި އެންމެ ފަހުން އަރާ ދެ ގްރޫޕަށް ފުރުސަތު ދިންއިރު، ހަރުބީ ވަނީ ފަހު ޝޯ ހުށަހަޅައިދީފައި،" މަންޑޭ ބުންޏެވެ.

"ގްރޫޕް މެންބަރެއްގެ ހައިސިއްޔަތުން، މި ފުރުސަތުގައި ގްރޫޕުގެ މެނޭޖަރުން ކަމަށްވާ ޝިފާއު އަދި ހަސަން އުޝްވަތަށް ވަރަށް ބޮޑު ޝުކުރެއް ދަންނަވަން."

ބޮޑުބެރުގެ އިތުރުން އެ ގުރޫޕުން ވަނީ ސަގާފީ އެތައް ކުޅިވަރުތައް ދައްކުވާލަދީފަ އެވެ. އޭގެ ތެރޭގައި ދަފި ނެގުން، ދަޑިޖެހުމުގެ އިތުރުން މާފަތި ނެށުން ވެސް ހިމެނެ އެވެ.

ހަރުބީ އަކީ ރާއްޖޭގައި ނަން މަޝްހޫރު އެއް ބޮޑު ބެރު ގްރޫޕެވެ. އެ ގްރޫޕުން ވަނީ ޕީއެސްއެމް އިން ބޭއްވި ބޮޑުބެރު ޗެލެންޖުގެ އެންމެ ފުރަތަމަ ދެ ފަހަރު ބޭއްވި ބޮޑުބެރު ޗެލެންޖްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ހަމަ ޔަގީނުން ވެސް ހަރުބީ މިއީ ރާއްޖެ ތަމްސީލު ކުރުމުގައި ނަމޫނާ ބައެއްކަން މިކަންތައްތަކުން ހާމަވެގެންދެ އެވެ. އެ ގުރޫޕަށް އައްސަރިބަހާ ސާބަސް ހައްގެވެ.

comment ކޮމެންޓް