ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ކަންކަން އަވަސް ކުރުމަށް އެދި ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ކޮމިޝަނާ ޕްރިޒަން އަހުމަދު ޝިހާނަށް ސިޓީއެއް ފޮނުވައިފި އެވެ.
މިނިސްޓަރު އަޒްލީން ސޮއިކުރައްވައި ޝިހާނަށް ފޮނުވި އެ ސިއްރު ސިޓީ ވަނީ ސޯޝިއަލް މީޑިއާގައި އާންމުވެފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ގާސިމް ބޭރަށް ފޮނުވަން އަމުރުކޮށްފައިވާތީ ވީހާވެސް އަވަހަށް ގާސިމް ބޭރަށް ފޮނުވުމުގެ އިންތިޒާމު ހަމަ ޖެއްސުމަށް އެދޭ ކަމަށެވެ.
އެގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވީހާވެސް އަވަހަށް ފުރިހަމަ ކުރުމަށް އަޒްލީން ވަނީ އެދިލައްވާފަ އެވެ.
އަދި ގާސިމް އިބްރާހިމް ބޭރަށް ފޮނުވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގައި ވަގުތު ނަގާނަމަ، އެކަން ހަމަޖެހެންދެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ އަށް ގެންދިއުމަށް އަޒްލީން ވަނީ އެދިލައްވާފަ އެވެ.
އެގޮތުން ގާސިމް އިބްރާހިމް ބޭނުންފުޅުވެލައްވާނަމަ ސްޕެޝަލިސްޓް ޑޮކްޓަރުން ބޭރުން ގެނައުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ސިޓީގައި ވިދާޅުވެފައި ވަނީ މީގެކުރިންވެސް ތަނަވަސްކަން ހުރި ފަރާތްތަކަށް އެފުރުސަތު ދީފައިވާ ކަމަށާއި އެހެންކަމުން އެފުރުސަތު އޮތްކަން ގާސިމަށް އެންގުމަށްވެސް މިނިސްޓަރު އަޒްލީން ވަނީ އެދިވަޑައިގެންފަ އެވެ.
ރިޝްވަތު ހުށަހެޅުމަށް މަސައްކަތް ކުރި ކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. އެ ހުކުމުގައި ކޯޓުން ކަރެކްޝަންސްގެ މައްޗަށް އަމުރު ކޮށްފައިވަނީ ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށެވެ.
ކަރެކްޝަނުން ބުނެފައިވަނީ ގާސިމް ރާއްޖޭން ބޭރަށް ފޮނުވޭނީ މެޑިކަލް ބޯޑުގެ ހުއްދަ ލިބިގެން ކަމަށެވެ.