އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމު އިއުލާންކޮށްފި

ފަސްވަނަ އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމު އިއުލާންކޮށްފިއެވެ.

އަންނަ މަހުގެ 17އިން 27ގެ ނިޔަލަށް ތުރުކެމެނިސްތާންގެ އަޝްގަބަތުގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ އިންޑޯ އެތުލެޓިކްސްގެ ފިރިހެނުންގެ ބައިގައެވެ.

އޭޝިއަން އިންޑޯ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އިބްރާހިމް އަޝްފާން އަލީއާއި، މުހައްމަދު ނާއިލްއާއި، އަލީ ޝާމް އަދި އަހްމަދު އަނޫފް މުހައްމަދެވެ. ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ގައުމީ މިޑަލް ޑިސްޓެންޓް ކޯޗު އަބްދުﷲ އިބްރާހީމެވެ.

އެ މުބާރާތުގައި އަޝްފާނާއި އަނޫފް ވާދަކުރުމަށް ހަމަޖެހިފައިވަނީ ފިރިހެނުންގެ 60 މީޓަރު ދުވުމުގައެވެ. ނާއިލްއާއި ޝާމް ވާދަކުރުމަށް ހަމަޖެހިފައިވަނީ ފިރިހެނުންގެ 400 މީޓަރު ދުވުމުގައެވެ.

ގައުމީ ޓީމު އެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ރާއްޖޭގެ އެތުލީޓުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ހޯދަމުންދާ ކުރިއެރުންތައް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް