މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތުމަތު ނަހުލާ (ނަހޫ)ގެ އަސަރުގަދަ ލޯބީގެ ފިލްމު "ބޮސް" އުފެއްދުމުގެ 95 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.
ކުޅަދާނަ ބަޠަލާ އަދި ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓްކުރާ މި ފިލްމު ޝޫޓްކުރުމުގެ ބޮޑުބައި ނިމިފައިވާއިރު، ފިލްމުގެ މަސައްކަތް ކުރިއަށް ދާގޮތާމެދު ޑައިރެކްޓަރާއި ޕްރޮޑިއުސަރު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
"މިއީ ނަހޫ ސްޓައިލްގެ ފިލްމެއް. ފިލްމު ބަލާފައި ކަރުނަ އަންނާނޭކަން ޔަގީން،" ރާއްޖޭގައި އުފެދުނު އެންމެ މަގުބޫލު އެއް ވާހަކަ ލިޔުންތެރިޔާ ބުންޏެވެ.

ދިވެހި ފިލްމު "ބޮސް"ގެ ބޮޑުބައެއް ކުޅެފައިވަނީ ސަން އަކުއާ ވިލުރީފް ރިސޯޓުގައި. މި ފިލްމުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި -- ފޭސްބުކް ފޮޓޯ: ބޮސް
ފިލްމުގެ ބޮޑު ބައެއް ސަން އަކުއާ ވިލުރީފްގައި ޝޫޓްކޮށްފައިވާ "ބޮސް" ނުވަތަ އިނގިރޭސިބަހުން "ކިސް" އަކީ ރާއްޖޭގައި 4K ކޮލިޓީގައި ތައްޔާރުކުރާ ފުރަތަމަ ފިލްމެވެ. ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކުރާ މި ފިލްމުގައި، ފިލްމީ ދާއިރާގައި މިހާރު އެންމެ މަޝްހޫރު އެއް ބަތަލާ މަރިޔަމް އައްޒައާއި މި ދާއިރާއަށް އަލަށް ތައާރަފްވާ މުހައްމަދު ޔުނާން އާއެކު ފެނިގެން ދާނީ އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.
ނަހޫ ބުނީ، ފިލްމުގެ ހުރިހާ ކެރެކްޓަރއެއް ވެސް ވަރަށް ފުރިހަމައަށް ގެނެސްދެވިފައި ވާކަމަށާއި ޚާއްސަކޮށް އައްޒަ ފަދަ ތަޖްރިބާ ހުރި ބަޠަލާއަކާ އެކު މި ފިލްމުގެ ބަޠަލްގެ ބައި ކުޅެފައިވަނީ އަލަށް މިދާއިރާއަށް ނުކުތް ފަންނާނެކޭ ބުނަންވެސް ދަތި ކަމަށެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރުގެ މަސައްކަތްވެސް ވަރަށް ބަރާބަރުކަމަށް ނަހޫ ބުންޏެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް. މި ފިލްމުގެ 95 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި -- ފޭސްބުކް ފޮޓޯ: ބޮސް
"ފިލްމުގެ ބައެއް މަންޒަރުތައް ނަގަމުން އައި އިރު އެ މަންޒަރުތަކަށް އޭނާ ވަދެފައި ހުރި ވަރުން އަޅުގަނޑުމެންގެ ޑައިރެކްޓަރާއި ބައެއް ކްރޫއިންނަށް ވެސް ރޮވުނު،" ޔުނާންގެ ހުނަރަށް ތައުރީފްކުރަމުން ނަހޫ ބުންޏެވެ.
"އަޅުގަނޑުގެ ފިލްމުތަކުގައި މެއިން ފޯކަސް އަކީ، އިހްސާސްތައް އެންމެ ފުންމިނުން ބެލުންތެރީންނަށް ފޯރުކޮށްދިނުން. އެކަން ވަރަށް ފުރިހަމައަށް ކޮށްދެވިފައިވާނެ،"
ބޮސްގައި ޖުމުލަ ހަތް ލަވަ ހިމެނޭއިރު، ފިލްމުގެ ލަވަތަކުގެ އޯޑިއޯއާއި ޓްރެއިލަރ ކުރިއަށް އޮތް ބޮޑު ޢީދުގެ ފަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފިލްމުގެ ޓިކެޓް ސެޕްޓެމްބަރު ފަހުކޮޅުގައި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ނަހޫ ބުންޏެވެ.
ބޮސްގެ ހުރިހާ މަސައްކަތެއް ނިންމައި، ސިނަމާއާ ހަމައަށް އަންނާނޭކަމަށް ލަފާކޮށްފައިވާ ތާރީޚަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހެވެ. ކަނޑައެޅިފައިވާ ތާރީޚަށް ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމައި ބެލުންތެރީންނަށް ގެނެސްދެވޭނޭ ކަމަށް ނަހުލާ އުންމީދުކުރެއެވެ.