ގިނަ ޒުވާނުންތަކެއް ބޭނުންކުރަމުންދިޔަ ޖިމް "ދި ހެމާ" ބަންދުކުރަނީ

ދަ ހެމާ--ފޮޓޯ/ ފޭސްބުކް

އަލިމަސް އުފާ ކާނިވަލުގައި ހަދާފައިވާ ގިނަ ޒުވާނުންތަކެއް ބޭނުންކުރަމުން އަންނަ ޖިމެއް ކަމަށްވާ "ދި ހެމާ ޖިމް" ބަންދުކުރަން އެ ޖިމްގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖިމް ބަންދުކުރަން ނިންމީ ހައުސިން މިނިސްޓްރީން އެ ޖިމް ހިންގަމުންދާ ބިން ހުސްކުރުމަށް އެންގުންނެވެ.

ސަން އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނެފައިވަނީ އަލިމަސް އުފާ ކާނިވާ ތަރައްގީ ކުރުމަށް ސަރުކާރުން މަޝްރުއުއެއް ކުރިއަށްގެންދަން ނިންމާފައިވާތީ ވިޔަފާރި ކުރުމަށް އެ ސަރަހައްދުގައި ހަދާފައި ވާތަން ސިޓީ ފޮނުވާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހުސްކޮށެދިނުމަށް އެދޭ ކަމަށެވެ. އެ ސިޓީ ފޮނުވާފައިވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލީސް ހުސައިން ވަހީދު ސޮއިކުރައްވައި މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ.

މިކަމާ ގުޅޭގޮތުން ހެމާ ގެ ޗެއާމަން އަހްމަދު މުއާޒް "ސަން" އަށް ވިދާޅުވީ ތަން ހުސްކުރުމަށް ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ވާގޮތައް އެ ޖިމް ހުސްކުރުމަށް ދީފައިވާ މުއްދަތު ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާތީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖިމް ބަންދުކުރަން ނިންމީ ކަމަށެވެ.

ވޭތުވެ ދިޔަ ދެ އަހަރު މިސްޓަރ މޯލްޑްިވްސް މުބާރަތުގެ އެއްވަނަ ހޯދާފައިވާ ހެމާ ޖިމްގެ ވެރިއާ ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ އެއްވެސް މަޝްރުއު އަކަށް "ހެމާ" އަކީ ހުރަހަކަށް ވާން ބޭނުން ނުވާކަމަށާއި ސަރުކާރަށް އަބަދުވެސް އެއްބާރުލުންދޭނެކަމަށެވެ.

"ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރުއުއަކާ ގުޅިގެން ތަން ބަންދު ކުރަން ބޭނުންވާތީ އެކަން އެގޮތައް ކުރުމަށް ހެމާގެ މެނޭޖްމަންޓުން މިހާރުވަނީ ނިންމާފައި. އަދި އެކަން ވާނީ ކަސްޓަމަރުންނަށްވެސް އަންގާފައި،" މުއާޒް ވިދާޅުވިއެވެ.

ހަތަރު ހާހަށް ވުރެ ގިނަ ޒުވާނުން ބޭނުނުން ކުރަމުންދާ ޖިމްގެ ވެރިއާ ވިދާޅުވީ ހެމާ ބަންދުކުރަން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ސީދާ އެނާއަށް ގުޅާ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި ނަމަވެސް ޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ހޯދައިދީފައިވާ އަދި ހޯދާދެއްވަމުން ގެންދަވާ ސަރުކާރަކުން ޒުވާނުންނަށް ދެރަވާޏެ ގޮތަކަށް އެއްވެސް ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވާނީ ހައުސިން މިނިސްޓްރީއާ ޔޫތް މިނިސްޓްރީ އަދި ސީދާ ރައީސް އަބްދުﷲ ޔާމީން އަށްވެސް ހުށައަޅާފައި. އުންމީދަކީ ޒުވާނުންނަށްޓަކައި މި ސަރުކާރުން ރަނގަޅު ގޮތެއް ހައްދަވާ ދެއްވާނެ ކަން،" މުއާޒް ވިދާޅުވިއެވެ.

ޖިމް ބަންދުކުރުމާ ގުޅިގެން ކަންބޮޑުވެފައިވާ ޒުވާނުންނަށް ސަރުކާރުން މަގެއް ތަނަވަސް ކޮށްދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި އެހެންކަމުން އެއްވެސް މީހަކު ކަންބޮޑު ނުވުމަށް އޭނާ ވަނީ އެދިފައެވެ.

އަލިމަސް އުފާ ކާނިވާ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރުއުއާ ގުޅިގެން "ހެމާ" ނޫނަސް އެ ސަރަހައްދުގައި ހުރި އެހެން ބައެއް ތަންތަނަށް ހުސް ކުރުމަށް ސަރުކާރުން އަންގާފައިވާކަން "ސަން" އަށް ވަނީ އެނގިފައެވެ. ނަމަވެސް އަދި އެއިން އެއްވެސް ތަނެއް ބަންދުކުރަން ނިންމި ކަމެއް އެނިގަފައެއް ނެތެވެ.

comment ކޮމެންޓް