އެޖެންޑާ އިއްވެވުމަށްފަހު މަޖިލީހުގެ ޖަލްސާ ނިންމާލައިފި

މަޖިލީހުގެ ރިޔާސަތަށް އިދިކޮޅު މެންބަރުން ވަނަ ނުދިނުމަށް އެމްއެންޑީއެފްގެ ސެކިއުރިޓީން ރިޔާސަތު ވަށާލައިގެން --- ފައިލްފޮޓޯ: އީވާ އަބްދުﷲ

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުން އިހްތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު އެޖެންޑާ އިއުލާންކުރައްވައި ޖަލްސާ ނިންމަވާލައްވަވައިފިއެވެ.

އިދިކޮޅު މެންބަރުން މަޖިލީހުގައި އިހްތިޖާޖް ކުރައްވަމުން ގެންދަވަނިކޮށް މަސީހް މަޖިލީހުގެ ޗެމްބަރަށް ވަދެވަޑައިގެން ރިޔާސަތުގައި އިންނެވީ ސިފައިންގެ އެހީތެރިކަމާ އެކުއެވެ.

ނަމަވެސް އިދިކޮޅު މެންބަރުންގެ 'ހަޅޭކުގެ'އަޑާ އެކު މަސީހް ދެއްކެވި އެއްވެސް ވާހަކައެއް ސާފުވާ ގޮތެއް ނުވިއެވެ.

ނަމަވެސް ބައެއް މެންބަރުން ވިދާޅުވެފައި ވަނީ މަސީހް ޖަލްސާ ފައްޓަވާފައި އެޖެންޑާގައި ހުރި ކަންތައްތައް އިއުލާންކުރެއްވުމަށްފަހު ޖަލްސާ ނިންމާލެއްވީ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ވަނީ ތިން ކަމެއް ހުށަހަޅުއްވައިފައެވެ.

އެއީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހީޔާ ޒަރީރުގެ ބަދަލުގައި، މަޖިލީހަށް ރައީސް ފޮނުއްވާފައިވާ މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ދާއިމީކޮމެޓީއަކަށް ފޮނުވުމާއި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވާ އަހްމަދު ނަސީރުގެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމެވުމަށް ކޮމެޓީއަށް ފޮނުވުމުގެ މައްސަލައެއްގެ އިތުރުން "އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން" (އަޔޯރާ)ގައި ރާއްޖެ ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމުމަށް ދާއިމީ ކޮމެޓީއަކަށް ފޮނުވުމުގެ މައްސަލައެވެ.

އިދިކޮޅު މެންބަރުން އިހްތިޖާޖް ކުރަމުންދިޔައީ މައިގަނޑު ތިން ކަމަކަށް ގޮވާލަމުންނެވެ.

އެއީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރުމާއި، ފުލުހުންގެ ބަންދުގައި ހުރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމުމުގެ ފުރުސަތު ދިނުމަށެވެ.

comment ކޮމެންޓް