'ކަސަމް ސޭ'ގެ އެކްޓަރު، ނަމަން ޝޯ ކައިވެނި ކުރަނީ

ޒީ ޓީވީން ގެނެސްދިން ޑްރާމާ ސިލްސިލާ 'ކަސަމް ސޭ' ގައި ޕުޝްކާރް ޝުކްލާގެ ރޯލުން ފެނިގެން ދިޔަ ނަމަން ޝޯ ކައިވެނި ކުރަން ތައްޔާރުވެއްޖެއެވެ.

ނަމަން ކައިވެނި ކުރަނީ އޭނާގެ ގާތް އެކުވެރިޔާ ނޭހާ މިޝްރާ އާއެވެ. ނޭހާ އަކީ ފިލްމު ޕްރޮޑަކްޝަންގައި މަސައްކަތް ކުރާ މީހެކެވެ. ދެމީހުން ވަނީ މިދިޔަ ޖޫން މަހު ކުޑަ ހަފްލާއެއްގައި އެންގޭޖުވެފައެވެ.

ނޫހަކަށް ދިން އިންޓަވިއުއެއްގައި ނަމަން ބުނެފައި ވަނީ ނޭހާ އާއި ދިމާވީ މީގެ އަށް އަހަރު ކުރިން ކަމަށާއި، އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އަދި ކައިވެންޏަކަށް ވިސްނައިފި ނަމަ، ނޭނގޭ މީހަކަށް ވުރެ ތިމާ ދަންނަ ގާތް އެކުވެރި އިޚްތިޔާރު ކުރުން ބުއްދިވެރި ކަމަށެވެ.

ނަމަން އާއި ނޭހާގެ ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ އިރު، ކައިވެނީގެ ހުރިހާ ކަމެއް ކުރިއަށް ދާނީ ކޮލްކަތާގައެވެ. ކައިވެނި އޮތީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކައިވެނީގެ ހުރިހާ ތައްޔާރީއެއްގައި ވެސް ނަމަން އަންނަނީ ބައިވެރިވަމުންނެވެ. ނަމަން ބުނީ އެއީ އޭނާގެ ކައިވެނި ކަމަށާއި، އެހެންކަމުން ހުރިހާ ކަމެއްގައި ވެސް އުޅެން ބޭނުންވާ ކަމަށެވެ.

ހަނީމޫނަށް އަދި ދާނެ ވަކިތަނެއް ފައިނަލް ވެފައި ނެތް ނަމަވެސް، އެންމެ އެކަށީގެންވަނީ ޔޫރަޕަށް ކުރު ދަތުރެއް ކުރުން ކަމަށް ނަމަން ބުންޏެވެ.

'ކަސަމް ސޭ'ގެ އިތުރުން ނަމަން ވަނީ ސްޓާ ޕްލަސް އިން ގެނެސްދިން ކާމިޔާބު ސިލްސިލާ 'ކިޔުންކީ ސާންސް ބީ ކަބީ ބަހޫ ތީ' އާއި 'ކަސޯޓީ ޒިންދަގީ ކީ' ގައި މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް