ސާޓާ އޮންނާނީ ފެސްޓިވަލެއް ގޮތަށް އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައި

އީކުއޭޓަރ ވިލެޖު --

ރާއްޖޭގެ ކުންފުންޏަކުން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވާ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ މިއަހަރު އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައި ބާއްވަން ނިންމައިފި އެވެ.

ސާޓާގެ ކޮންސެޕްޓު ހަދައި، އިވެންޓު އިންތިޒާމުކުރާ ހައިރައިޒްގެ ފައުންޑާ، އިސްމާއިލް ހަމީދު "ސަން"އަށް ވިދާޅުވި ގޮތުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފަށާ ސާޓާގެ އިވެންޓުތައް ކުރިއަށްދާނީ ފެސްޓިވަލެއް ގޮތަށެވެ. އެގޮތުން 27 ވަނަ ދުވަހު އޮންނާނީ "ސާޓާ އޮޕޮޗިއުނިޓީ" ކަމަށާއި އެ އިވެންޓަކީ ސާޓާގައި ބައިވެރިވާ ސަރައްދީ ބްރޭންޑުތަކަށް ރާއްޖޭގެ ދެކުނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުން ކަމަށެވެ.

"އެ އިވެންޓުގައި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ ކައުންސިލްތަކުން ބައިވެރިވާނެ. އަދި އެތަންތަނުގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކުގެ މައުލޫމާތު ހިއްސާ ކުރާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އެ ފެސްޓިވަލުގައި ޖުމްލަ ތިން އިވެންޓު ހިމެނޭއިރު ދެ ވަނަ އިވެންޓާއި ތިން ވަނަ އިވެންޓު އޮންނާނީ 28 ވަނަ ދުވަހު އެވެ. އެ ދުވަހު އޮންނާނީ "ސާޓާ ގާލާ" އާއި "ސާޓާ ސެލެބްރޭޝަންސް" އެވެ.

ސާޓާގެ އޮފިޝަލް ހޯސްޓަކަށް އީކުއޭޓަރ ވިލެޖު ހަމަޖައްސައި އެކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ އައްޑޫ ސިޓީގައި އެ އެވޯޑު ހަފްލާ ބާއްވާން ނިންމީ، ސާޓާގެ ސަބަބުން އައްޑޫ ސިޓީއާއި އެސަރަހައްދަށް ކުރިއެރުން ގެނައުމުގެ ގޮތުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ގިނަ ގުނަ ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ސާޓާގެ މެއިން ސްޕޮންސާރަކީ އުރީދޫ މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންނަކީ ދަ ހޯކްސް އާއި އޭޝިއާ ފޯވާޑިންއެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސިސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ ސާޓާގެ އިވެލުއޭޝަން ފަށާފައިވާއިރު އެވޯޑުގައި ހިމެނޭ 10 ސެގްމެންޓާއި 34 ކެޓަގަރީން 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ.

ރާއްޖޭގެ އިވެލުއޭޝަނަށް ފަހު ސްރީލަންކާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވޭލުއޭޝަން އެގައުމުގެ ވެރިރަށް ކޮލޮމްބޯގައި މިހާރު ވަނީ ފަށައިފަ އެވެ. މާދަމައިގެ ނިޔަލަށް އެ ގައުމުގެ އިވެލުއޭޝަން ނިންމާލުމަށްފަހު ދެކުނު އިންޑިއާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވެލުއޭޝަން 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގައި ކުރިއަށްދާނެ އެވެ.

އުތުރު އިންޑިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ ބްރޭންޑުތަކުގެ އިވެލުއޭޝަން އޮންނާނީ މި މަހުގެ 27 އިން ފެށިގެން 29 ގެ ނިޔަލަށް ނިއުދިއްލީގައެވެ. އަދި 29 ވަނަ ދުވަހުން ފެށިގެން ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދާއިރު ސެޕްޓެމްބަރު މަސް ފެށެންވާ އިރު އިވެލުއޭޝަން މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.

comment ކޮމެންޓް