ގޮނޑި ގެއްލުނު މައްސަލާގައި ހުކުމް އަވަސްކޮށްދިނުމަށް އިދިކޮޅު ޕާޓީތަކުން ގޮވާލައިފި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ހަތަރު މެންބަރުން -- މަޖިލިސް ފައިލް ފޮޓޯ

އިލިކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު މެންބަރެއްގެ މައްސަލާގައި ހުކުމް އަވަސްކޮށްދިނުމަށް އެދި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ހިނގައްޖެ އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އައީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދު ލަތީފު މުހައްމަދު އެވެ.

އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އަޑުއެހުންތައް ބާއްވައި މިމަހުގެ 13 ވަނަ ދުވަހު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗުން ބައްލަވާ އެ މައްސަލަތަކުގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ވެސް އެ ދުވަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ވިދާޅުވެފަ އެވެ.

މިއަދާ ހަމައަށް ވެސް އެ މައްސަލައިގެ ހުކުމް އިއްވާނެ ދުވަހެއް އިއުލާނުކޮށްފައިނުވާތީ އިދިކޮޅު ޕާޓީތަކުގެ އިސްވެރިން މިއަދު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެންފަ އެވެ. ނަމަވެސް އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދު 'ބިޒީ' ކަމުން އެމަނިކުފާނާ ބައްދަލުވެފައިނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ގާތްގަޑަކަށް މަސްދުވަސް މިވީ މި މައްސަލަ ސުޕްރީމް ކޯޓަށް ލާފައި އޮންނަތާ. އެހާދުވަސްވާއިރު ސުޕްރީމް ކޯޓުގައި މިކަމާ ގުޅޭ ގޮތުން އޮންނާނީ ކޮންމެ ވެސް ގޮތެއް ނިމިފައި ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ." އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކޮންމެ ފަހަރަކު ސަރުކާރުން އެދޭ ގޮތަށް ހުކުމް ނުނިކުމެދާނެ ކަމަށާއި ނަމަވެސް ޝަރީއަތުގައި ނިންމާ ނިންމުން ވީހާ ވެސް އަވަހަށް ރައްޔިތުންނަށް އެނގުމަކީ އުއްތަމަ ފަޑިޔާރުގެ ވާޖިބެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަޑިޔާރުންނަށް ބިރު ދައްކާ ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އެއްވެސް ބަޔަކަށް ފަޑިޔާރުންނަށް ބިރު ދެއްކިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ފަޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަކީ ސަލާމަތީ ބާރުތަކުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ހަތަރު މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވާފައިނުވާއިރު މާދަމާއަށް ވަނީ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފަ އެވެ. އަދި އެ މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމާ މެދު މިހާރު ވަނީ ސުވާލުއުފެދިފަ އެވެ. ސަބަބަކީ އެ ހަތަރު މެންބަރުންގެ ތެރެއިން ލަތީފް ފިޔަވައި އަނެއް ތިން މެންބަރުން މަޖިލީހަށް ވަތް މައްސަލައެއް މިހާރު ވެސް ފުލުހުން ތަހްގީގް ކުރަމުންދާތީ އެވެ.

comment ކޮމެންޓް