ގަތަރުގެ ހައްޖުވެރިންނަށް އަނެއްކާ ވެސް މައްސަލަތަކެއް ކުރިމަތިވެއްޖެ

ރިޔާޒް (އޮގަސްޓް 21) : ގަތަރުގެ ހައްޖުވެރިން ވައިގެ މަގުން ސައޫދީ އަށް ގެންދިޔުމަށްޓަކައި ސައޫދީ މަތިންދާބޯޓުތައް ގަތަރަށް ފޮނުވުމުގެ ހުއްދަ ދިނުމާމެދު ގަތަރުން ގޮތެއް ނުނިންމުމުގެ ސަބަބުން އެކަން ހުއްޓިފައިވާ ކަމަށް ސައޫދީ އެއާލައިން އިން ބުނެފި އެވެ.

ސައޫދީ އެއާލައިންގެ ޑައިރެކްޓަރު ޖެނެރަލް ސާލިޙް އަލްޖާސިރު ވިދާޅުވީ ސައޫދީ މަތިންދާބޯޓުތައް ގަތަރަށް ދިޔުމުގެ ހުއްދައަށް އެދިފައިވާތާ މިހާރު ހަތަރު ދުވަސްވެފައިވާ ކަމަށާ ހައްޖުގެ ދުވަސްތައް ގާތްވަމުންދާއިރު ވެސް ގަތަރުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް ޖަވާބެއް ލިބިފައިނުވާ ކަމުގައެވެ.

ގަތަރާއި ސައޫދީ އާ ދެމެދު ޖެހިފައިވާ ސިޔާސީ މައްސަލައިގެ ސަބަބުން ކުރިން އޮތީ ގަތަރުގެ ހައްޖުވެރިންނަށް އެއްގަމުމަގުން ސައޫދީ އަށް ނުދެވޭގޮތަށެވެ. އަދި ވައިގެ މަގުން ވެސް ގަތަރުގެ ހައްޖުވެރިންނަށް ގަތަރުން ސައޫދީ އަށް ސީދާ ގޮތެއްގައި ނުދެވޭ ގޮތަށެވެ. ނަމަވެސް ސައޫދީ ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ މިކަން ބަދަލުކޮށް ގަތަރުގެ ރައްޔިތުންނަށް ހައްޖަށް ދިޔުމުގެ އެފުރުސަތު ފަސޭހަކުރުމަށް ޓަކައި އެއްގަމު ބޯޑަރު ހުޅުވާލައި އަދި ސައޫދީ އެއާލައިން މެދުވެރިކޮށް ސީދާގޮތެއްގައި ވައިގެ މަގުން ވެސް ހައްޖަށް ދިޔުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ސައޫދީގެ މިނިންމުމަކީ ސިޔާސީ ނިންމުމެއްކަމަށް ގަތަރުން ބުނި ނަމަވެސް ސައޫދީން ދިން މިފުރްސަތުގެ ބޭނުންކޮށްގެން އެއްގަމުންނާއި ވައިގެ މަގުން ގަތަރުގެ ހައްޖުވެރިން ސައޫދީއަށް ދާނެކަމަށް ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އާލްޘާނީ ވިދާޅުވެފައިވެ އެވެ.

އެއަށް ފަހު ގަތަރުގެ 200 އަށް ވުރެ ގިނަ ހައްޖުވެރިން އެއްގަމު މަގުން ސަލްވާ ކްރޮސިން ހުރަސްކޮށް ސައޫދީ އަށް ގޮސްފައިވާކަން ގަތަރުން ހޮނިހިރު ދުވަހު ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ގަތަރުން ވަނީ ވައިގެ މަގުން ދާ ހައްޖުވެރިން ހަމައެކަނި ސައޫދީ މަތިންދާބޯޓުތަކުގައި ގެންދިޔުމަށް ސައޫދީ ސަރުކާރުން ނިންމި ނިންމުމަށް ފާޑުކިޔައިފަ އެވެ.

ސައޫދީ އެއާލައިންގެ ޑައިރެކްޓަރު ޖެނެރަލް ސާލިޙް އަލްޖާސިރު އިއްޔެ ވިދާޅުވީ ދަވްޙާ އެއާޕޯޓަށް ސައޫދީ މަތިންދާބޯޓުތައް ޖެއްސުމުގެ ހުއްދަ ލިބޭއިރަށް ގަތަރުގެ ހައްޖުވެރިން ބަލައި ސައޫދީ މަތިންދާބޯޓުތައް ދާނެކަމަށާއި ގަތަރުގެ ހައްޖުވެރިން ގެނައުމަށް ޓަކައި ޖިއްދާއާއި ދަވްހާއާ ދެމެދު ހަތްފްލައިޓް ބޭއްވުމަށް ތާވަލުކޮށްފައިވާކަމުގަ އެވެ.

އަނެއްކޮޅުން ގަތަރުން މިއަދު ވަނީ ސައޫދީ އެއާލައިންގެ ޑައިރެކްޓަރު ޖެނެރަލްގެ މިވާހަކަތައް ދޮގުކޮށްފަ އެވެ. ގަތަރުގެ ސިވިލްއޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ހައްޖުވެރިން ބަލައި އަންނަ ސައޫދީ މަތިންދާ ބޯޓުތައް ދޯޙާ އެއާޕޯޓްގައި ޖެއްސުމުގެ ހުއްދަ ދީފައިވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވައިގެ މަގުން ދާ ގަތަރުގެ ހައްޖުވެރިންގެ ފުރުމުގެ ކަންތައް ގަތަރުގެ އަވްގާފާބެހޭ ވުޒާރާއާއި ގަތަރުގެ ހައްޖު މިޝަން ގުޅިގެން ކުރަމުން ގެންދާ ކަމަށް ވެސް ގަތަރުގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެ އެވެ. ސައޫދީ އެއާލައިން އިން ހުއްދައަށް އެދުމާ އެކު ހުއްދަ ދިންނަމަވެސް ފަހުން ފްލައިޓްތަކުގެ ޝެޑިއުލް ކަންތަކުގައާއި އެނޫންކަންކަމުގައި ވެސް ސައޫދީ އެއާލައިންގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ގަތަރުގެ ސިވިލްއޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ގަތަރުގެ ހައްޖުވެރިންނަށް އެއްގަމު މަގުންނާއި އަދި ސައޫދީ އެއާލައިން މެދުވެރިކޮށް ވައިގެ މަގުން ސައޫދީ އަށް ދިޔުމުގެ ފުރްސަތު ދިނުމަށް ސައޫދީ ރަސްގެފާނު އެންމެފަހުން ނިންމެވީ މިމައްސަލާގައި ބޮޑެތި ފާޑުކިޔުންތަކެއް ސައޫދީ އިސްވެރިންނަށް އަމާޒުވެ އެބޭފުޅުން ލަދުވެތިވެ ވަޑައިގަތުމުގެ ސަބަބުން ކަމަށް ގަތަރުގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައިވެ އެވެ. ގަތަރުގެ ހައްޖުވެރިންނަކީ ހައްޖުގެ ކަންކަމަށް ޚަރަދު ކުރުމުގެ ތަނަވަސްކަން ލިބިފައިވާ ބައެއްކަމަށްވާތީ ހައްޖަށް ދިޔުމަށް ސައޫދީ ރަސްގެފާނުގެ ދެއްވާ ހިލޭ އެހީ ބޭނުންނުވާ ކަމަށް އެމީހުން ބުނެފައިވެ އެވެ.

އެއްގަމު މަގުން ގަތަރުގެ ހައްޖުވެރިން ސައޫދީ އަށް ވަނުމުގެ ފުރުސަތު ދިނުމަށާއި ރަސްގެފާނުގެ ޚާއްސަ އެހީގެ ދަށުން ހައްޖަށް ދިޔުމުގެ ފުރުސަތު ގަތަރުގެ ހައްޖުވެރިންނަށް ދިނުމަށް ސައޫދީ ރަސްގެފާނު ނިންމެވީ ސައޫދީ ވަލީ އަހްދު އަދި ރަސްގެފާނުގެ ދަރިކަލުން އަދި ރަސްގެފާނުގެ ނައިބު މުހައްމަދު ބިން ސަލްމާން، ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށްވާ އަބްދުﷲ ބިން އަލީ ބިން އަބްދުﷲ ބިން ޖާސިމް އާލްޘާނީ އާ އެކު މިދިޔަ ބުދަދުވަހު ބޭއްވެވި ޚާއްސަ ބައްދަލުވުމަކަށް ފަހުގަ އެވެ.

ޝައިޚް އަބްދުﷲ ބިން އަލީގެ އާއިލާއަކީ ގަތަރުގެ މިހާރުގެ އަމީރުގެ އާއިލާއާ ވެރިކަމުގެ ވާދަވެރިކަން ވަރަށް ބޮޑަށް އޮންނަ އާއިލާއެކެވެ. އެހެންކަމުން ސައޫދީން މިކަން މިގޮތަށް ނިންމީ އަބްދުﷲ ބިން އަލީ ބިން އަބްދުﷲ ބިން ޖާސިމް އާލްޘާނީ އަށް ގަތަރު ރައްޔިތުންގެ ތާއީދު ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުންކަމަށް ގަތަރުގެ ސަރުކާރުން ތުހުމަތު ކުރެ އެވެ. އަދި ގަތަރުގެ ހަގީގީ ވެރިންނަކީ ޝައިޚް އަބްދުﷲ ބިން އަލީއާލްޘާނީގެ އާއިލާ ކަމަށް ސައޫދީ ސަރުކާރުން ދެކޭކަމުގެ ސިގްނަލް މިނިންމުމުން ލިބޭ ކަމަށާ މައްސަލަ ސިޔާސީ ވެފައިވަނީ އެހެންވެގެންކަމަށް ގަތަރު ސަރުކާރުން ތުހުމަތުކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް