ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދާން ނަންނޯޓް ކުރަން ހުޅުވާލައިފި

8 އޯގަސްޓް، 2017: ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ހައްޖު ކޯޓާއާ ގުޅިގެން، އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން މާދަމާ ރޭ 10ގެ ކުރިން ނަންނޯޓް ކުރުމަށް އެ ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުގެ ބޯޑު މެމްބަރު އަބްދުﷲ ފާރުގް ހަސަން 'ސަން' އަށް ވިދާޅުވީ އެ ކޯޕަރޭޝަނަށް އިތުރަާށް ލިބުނު 500 ކޯޓާގައި ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން މާދަމާ ރޭ 10 ޖެހުމުގެ ކުރިން އެ ކޯޕަރޭޝަނަށް ގުޅައި ނަން ނޯޓް ކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން މާދަމާ ހެނދުނު އަށަކުން ރޭ ގަނޑު 10 އަކާ ދެމެދު ފޯނުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ފާރޫގް ވިދާޅުވި އެވެ.

ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ރަށްރަށުގައި ތިބިނަމަ އަވަހަށް މާލެ އައުމަށް ފާރޫގު އެދިވަޑައިގެންނެވި އެވެ. ފާރޫގް ވިދާޅުވީ ވިސާގެ ކަންތައްކާ އެހެން ހުރިހާ އިންތިޒާމެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސާނެ ކަމަށް ފާރޫގު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ހުރިހާ ބޭފުޅުންނަށް ވެސް ފުރުސަތު ދޭން. ހުރިހާ ފަރާތްތަކުން ވެސް ހަނދާނުގައި ބަހައްޓަން ވާނެ ވަރަށް އަވަހަށް ފުރަން ޖެހޭނެ ކަން. އެހެންވީމަ ވީހާވެސް އަވަހަށް ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަން ވާނެ،" ފާރޫގު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިހާރުވެސް 694 ހައްޖާޖީން ސައުދި އަރަބިއްޔާއަށް ގޮސްފައިވާއިރު، އެ ހުރިހާ އެންމެ ވެސް މިވަގުތު ތިބީ މައްކާގަ އެވެ.

ރާއްޖެއަށް އިތުރު 1،000 ހައްޖު ކޯޓާ ލިބުނުކަން ސަރުކާރުން ކަށަވަރުކޮށްދިނީ މިއަދު އެވެ. މިއަހަރުވެސް ހައްޖަށް ދާން ރާއްޖެއިން 2،000 މީހުންނަށް ފުރުސަތު ލިބިފައިވާއިރު، މިދިޔަ އަހަރުވެސް ރާއްޖެއިން 2،000 މީހުން ހައްޖަށް ދިޔަ އެވެ. މިދިޔަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ އަދަދަކީ 1،000 އެވެ.

ރާއްޖެއިން ހައްޖަށް ދާން އިތުރު 1،000 މީހުންނަށް ކޯޓާ ހަމަޖެހުނުއިރު، ހައްޖު ދުވަސް އަންނަން ބާކީ އޮތީ 10 ދުވަހެވެ.

comment ކޮމެންޓް