ސިއްހީ ހާލު ގޯސްވެ، ޕީޕީއެމް އެސްޖީ ޑރ. ހަލީލު އެޑްމިޓްކޮށްފި

ޑރ. ހަލީލު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި: ސިއްހީ ހާލަތު ގޯސްވީ އާދަޔާ ހިލާފަށް ހުންގަދަވުމުން-- ފޮޓޯ/ އާއިލާ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ސެކަރެޓަރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލުގެ ސިއްހީ ހާލު ގޯސްވެ، އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހަލީލު އައިޖީއެމްއެޗްގައި އެޑުމިޓްކުރީ މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އޭނާގެ ސިއްހީ ހާލަތު ގޯސްވީ އާދަޔާ ހިލާފަށް ހުންގަދަވެ، ރޯގާގެ އަސަރު ބޮޑުވުމުން ކަމަށް އެނގިފައިވެ އެވެ.

ހަލީލުގެ އާއިލާ މެމްބަރަކު "ސަން"އަށް މިރޭ ވިދާޅުވީ ހަލީލުގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ކަމަށް ޑޮކްޓަރުންނަށް ފެންނާތީ އެޑްމިޓްކުރީ ކަމަށެވެ.

ހަލީލު އައިޖީއެމްއެޗްގައި އެޑްމިޓް ކުރިއިރު، ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) މެއަށް ތަދެއް އަރައިގެން ދެ ދުވަސްވަންދެން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު މިއަދު ވަނީ ދޫކޮށްލާފަ އެވެ.

comment ކޮމެންޓް