ކުޅުންތެރިންނަށް ކާމިޔާބު ނުހޯދުނަސް ކުރެވުނީ މުހިންމު ތަޖުރިބާއެއް: ވީއޭއެމް

ގައުމީ އަންހެން ޓީމުން ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން--ފޮޓޯ/ ވީއޭއެމް

އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ހުރިހާ މެޗުތަކުން ބަލިވި ނަމަވެސް ކުރިއަށް ދިޔުމަށް މުހިންމު ތަޖުރިބާތަކެއް ކުރެވުނު ކަމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.

ވީއޭއެމްގެ އެކްސްކޯ މެމްބަރު މުހައްމަދު ޝާފީ ސަން ސްޕޯޓްސް އަށް ވިދާޅުވީ އޭޝިއަން ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ބައިވެރިވީ މުހިންމު ތަޖުރިބާތަކެއް ހޯދަން ކަމަށާއި ލިބުނު ކޮންމެ ޕޮއިންޓަކާއި ގެއްލުނު ކޮންމެ ޕޮއިންޓަކީވެސް ތަޖުރިބާއެއް ކަމަށެވެ.

ޝާފީ ވިދާޅުވީ ގައުމީ އަންހެން ޓީމުން މިފަހަރުގެ މުބާރަތުގައި ވާދަކޮށްފައިވަނީ ވޮލީގައި ރޭންކިންގ ވަރުގަދަ ޓީމްތަކާ ދެކޮޅަށް ކަމަށާއި އުންމީދަކީ މި ފަހަރު ލިބުނު ތަޖުރިބާ ކުރިއަށް އޮންނަ މުބާރަތް ތަކުގައި ބޭނުން ކުރުން ކަމަށެވެ.

ފިލިޕީންސްގެ މެނީލާގައި ކުރިއަށްދިޔަ އެ މުބާރާތުގައި ގައުމީ އަންހެން ޓީމު ވަނީ ތައިލެންޑް، ޗައިނީސް ޓައިޕޭ، އީރާން އަދި އޮސްޓްރޭލިއާ އަތުން ވެސް ބަލިވެފަ އެވެ. މީގެ އިތުރުން އެންމެ ފަހު މެޗްގައި ލަންކާ އަތުންވެސް ވަނީ ބަލިވެފައެވެ.

މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ލަންކާ ގެންދިޔައީ 13-25 ،19-25 އަދި 14-25 އިންނެވެ.

ލަންކާ މެޗުގެ ކުރިން ގައުމީ އަންހެން ޓީމް ކުޅެފައި ވަނީ އީރާނާ އެކު އެވެ. މި މަހުގެ 11 ވަނަ ދުވަހު އީރާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް އީރާނުން ގެންދިޔައީ ‎4-25 ،13-25 އަދި 14-25 އިންނެވެ. މިއީ މި އަހަރު މާލޭގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި އީރާންއާ ދެކޮޅަށް ނެރުނު ނަތިޖާއަށް ވުރެ ވެސް ދަށް ނަތީޖާއެކެވެ.

އަދި އޭގެ ފަހުން އޮސްޓްރޭލިއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ގައުމީ އަންހެން ޓީމު ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ދެ ސެޓުގައި ދިހަ ޕޮއިންޓް ނުހޯދުނު ނަމަވެސް ފަހު ސެޓްގައި ގައުމީ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް 19 ޕޮއިންޓް ހޯދައިފަ އެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗާއި ދެވަނަ މެޗުން ވެސް ބަލިވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ތައިލެންޑާ ދެކޮޅަށް ނުކުތްއިރު، އެ މެޗުގެ ސެޓުތައް ތައިލެންޑުން ގެންދިޔައީ 5-25، 12-25 އަދި 9-25 އިންނެވެ. ދެވަނަ މެޗުގައި ޗައިނީސް ޓައިޕޭއާ ދެކޮޅަށް ނުކުތްއިރު، ޓައިޕޭ އިން ސެޓުތައް ގެންދިޔައީ 25-9، 25-8 އަދި 25-10 އިންނެވެ.

comment ކޮމެންޓް