ފަންސާސް އެއްވަނަ އޭޝިއަން ބޮޑީ ބިލްޑިންގ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ހަތަރު ބޮޑީ ބިލްޑަރުންނަކީ ވެސް ކާމިޔާބު ހޯދޭނެ ހަތަރު އެތުލީޓުން ކަމަށާއި އުންމީދަކީ ރާއްޖެއަށް ރީތި ނަން ހޯދައިދިނުން ކަމަށް މޯލްޑިވްސް ބޮޑީ ބިލްޑިންގ ފެޑަރޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވެއްޖެއެވެ.
އޭޝިއަން ބޮޑީ ބިލްޑިންގ މުބާރަތް ކުރިއަށްދާނީ ދެކުނު ކޮރެއާގެ ސޯލްގައެވެ. ރާއްޖެ ތަމްސީލް ކުރާ ބޮޑީ ބިލްޑިންގ ޓީމު މިވަގުތު ތިބީ އެ ގައުމުގައެވެ. މިއަދު އެ މުބާރާތް ފެށިގެންދާނެއެވެ.
އޭޝިއަން ބޮޑީ ބިލްޑިންގ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ އެތުލީޓުންނާއެކު ދެކުނު ކޮރެއާގައި މިވަގުތު ހުރި އިއްބެ ވިދާޅުވީ، މިފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ވަރުގަދަ އަދި ގާބިލް އެތުލީޓުން ކަމަށާއި އުންމީދަކީ ދިވެހިން ހިނިތުންވާފަދަ ނަތީޖާއެއް ހޯދުން ކަމަށެވެ.
މިފަހަރުގެ މުބާރަތުގައި ވާދަކުރާ ހަތަރު ބޮޑީ ބިލްޑަރުންނަކީ "ދި ހެމާ" ގެ ފަރާތުން މިސްޓަރ މޯލްޑިވްސް މުބާރާތުގައި ވާދަކޮށް އެ މުބާރާތް ކާމިޔާބުކުރި އެންމެ ފަހުގެ މިސްޓަރ މޯލްޑިވްސް މުހައްމަދު ޔާމީނާއި މިދިޔަ އަހަރުގެ މިސްޓަރ މޯލްޑިވްސް އަހްމަދު ރަޝީދު އަދި މި އަހަރުގެ މިސްޓަރ މޯލްޑިވްސްގައި އެންމެ ތަފާތު ހުނަރެއް ދެއްކި އަހްމަދު ފަޒީލް އަދި ޝާހީން އިބްރާހިމް ދީދީއެވެ.
ޝާހިން އަކީ މިހާތަނަށް އޭޝިއާ މުބާރަތުގައި ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދި އެތުލީޓެވެ. އޭނާ ވަނީ އެ މުބާރާތުގެ ގަދަ ފަހެއް ހޯދާފައެވެ.
މިފަހަރުގެ މުބާރަތުގައި 148 ގައުމު ވާދަކުރާއިރު ރާއްޖޭގެ ފަރާތުން ވާދަކުރާ އެތުލީޓުން ތިބީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް އިއްބެ ވިދާޅުވިއެވެ.
އޭޝިއަން ބޮޑީ ބިލްޑިންގ މުބާރަތުގެ ވާދަކުރުންތައް ފެށިގެންދާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ މުބާރަތުގެ އިތުރުން މާދަމާ އޭޝިއަން ބޮޑީ ބިލްޑިންގ ފެޑްރޭޝަންގެ ކޮންގްރެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.