އަނަސްގެ މަރުގެ މައްސަލާގައި ކުޑަކުއްޖަކާ އެކު އިތުރު މީހަކު ހައްޔަރުކޮށްފި

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން މަރާލާފައި އޮއްވައި ފެނުނު ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް، 25 މަރާލުމުގައި ބައިވެރި ކަމަށް ބުނާ ބަޔަކު ހައްޔަރު ކުރި އޮޕަރޭޝަނެއްގެ ތެރެއިން --- ސަން ފޮޓޯ

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރަހުމުކުޑަ ގޮތަކަށް މަރާލި ރ. މީދޫ، ފެންފިިޔާޒުގޭ، މުހައްމަދު އަނަސް، 25،ގެ މަރާ ގުޅިގެން ކުޑަކުއްޖަކާ އެކު އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 4:35ގައި ކޯޓު އަމުރެއްގެ ދަށުން މ. ދިމިސްކް ބަލާ ފާސްކޮށް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އެކު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން ކަމަށެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅުނު އަނަސަށް ވަޅިން ހަމަލާދީ މަރާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާއަށް ހަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އައިސް ވަޅިން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ.

ފުލުހުން ވަނީ މީގެ ކުރިން އަނަސްގެ މަރުގެ މައްސަލާގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި އެކު ޖުމްލަ 12 މީހަކު މ. އަސަރީހިޔާ ބަލައި ފާސްކޮށް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މާލޭގައި މި ފަހުން ހިންގި މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއީ ހއ. ތަކަންދޫ، އިބުރާހިމީ ހިޔާ، ނަދީމް އަބުދުއްރަހީމް، 24، އާއި އަނަސް އެވެ.

ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ހަރައި، ނަދީމް މަރާލި މައްސަލާގައި ވަނީ މުހައްމަދު މަފާޒު ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ.

comment ކޮމެންޓް