ގަލޮޅު ދަނޑުގައި ހިންގި މާރާމާރީ: 13 މީހުން ދޫކޮށްލައިފި

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން: އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ -- ފޮޓޯ/ މިހާރު

ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލްގެ މެޗެއްގައި މި މަހުގެ ހަތް ވަނަ ދުވަހު ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރެއިން 13 މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކުޑަ ހެންވޭރާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ފަހު ވަގުތު، ވިކްޓްރީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ. މެޗުގައި 3-1 އިން ވިކްޓްރީގައި ކުރީގައި އޮއްވައި އެ ފައުލާ ގުޅިގެން ރެފްރީ އަޅައިނުލުމުން ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން އަރައިގަތީ ކަމަށް އެ ދުވަހު މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ އެ މާރާމާރީއާ ގުޅިގެން ޖުމުލަ 16 މީހުން ހައްޔަރު ކުރި ކަމަށެވެ. އެ މީހުންގެ ތެރެއިން މި ވަގުތު ފުލުހުންގެ ބަންދުގައި ތިބީ ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނެއް 13 މީހުންގެ ތެރެއިން ބައެއް މީހުންނަށް ޝަރުތުތަކެއް ކުރުމަށް ފަހު، އަދި އަނެއްބައި މީހުންނަށް ޝަރުތެއް ކުރުމަކާ ނުލައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް