ގައުމީ ޔުނިވަސިޓީގެ ސްކޮލަޝިޕް 24 ދަރިވަރަކަށް، ޝަހީދު އެވޯޑް ހަތް ދަރިވަރަކަށް!

ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވޯޑް ލިބުނު ދަރިވަރަކަށް އިންފޮމޭޝަން ކޮމިޝަނަރު އަޒީ ލިޔުން ހަވާލު ކޮށްދެއްވަނީ --- ފޮޓޯ/ އެމްއެންޔޫ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ލިބުނު 24 ދަރިވަރަކަށް އެކަމުގެ ލިޔުން ހަވާލުކޮށް، ޝަހީދު އެވޯޑް ހަތް ދަރިވަރަކަށް ދީފި އެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޮލަޝިޕް ފުރުސަތަކީ ކޮންމެ ސެމިސްޓަރަކު އެއްފަހަރު ހުޅުވާލާ ފުރުސަތުގައި އެކަމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ސްކޮލަޝިޕެކެވެ.

އެގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކޮށްފައިވަނީ ދެވަނަ ޓާމަށް ހުޅުވާލި ސްކޮލަޝިޕް ފުރުސަތުތަކުން ހޮވުނު ދަރިވަރުންނަށެވެ.

އޭގެ ތެރޭގައި ހިމެނެނީ އަންޑާ ގްރެޖުއޭޓް ލެވެލްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޓިއުޝަން ފީ ސްކޮލަޝިޕް ލިބުނު 18 ދަރިވަރަކާއި ފުލް ފަންޑަޑް ސްކޮލަޝިޕް ލިބުނު ދެ ދަރިވަރުންގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ލެވަލްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޓިއުޝަން ފީ ސްކޮލަޝިޕް އަދި ފުލް ފަންޑަޑްގެ ސްކޮލަޝިޕް ލިބުނު ދެ ދަރިވަރެކެވެ.

ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހިން ވިދާޅުވީ، މިފަހަރުގެ ސެމިސްޓަރަށް 67 ދަރިވަރުން ކުރިމަތިލި ކަމަށެވެ.

ނަމަވެސް ގައުމީ ޔުނިވާސިޓީގައި ކިޔަވަމުންދާ ގިނަ ދަރިވަރުންނަކީ ވަޒީފާ އަދާކުރަމުން ކިޔަވަމުންދާ ދަރިވަރުން ކަމުން ގިނަ ދަރިވަރުން އެ ފުރުސަތުތަކަށް ކުރިމަތިނުލާކަން ޝާހިން ފާހަގަކުރެއްވި އެވެ.

"ކުރިމަގުގައި ވަޒީފާ އަދާ ކުރަމުން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް އެހީތަކެއް ލިބޭނެ ފުރުސަތުތަކެއް ހަމަޖައްސަން. އެކަމަށް ޓަކައި ސްކޮލަޝިޕް ކޮމެޓީގައި ވެސް މަޝްވަރާ ކުރަމުން އެބަ ގެންދަން،" ޝާހިން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހަތް ދަރިވަރަކަށް ޝަހީދު އެވޯޑް ވެސް ވަނީ ދީފަ އެވެ.

ޝަހީދު އެވޯޑަކީ، ނޮވެމްބަރު 3، 1988 ގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާ ކުރުމުގެ ގޮތުން އެމްއެންޔޫގެ ތިން ފެކްލަޓީއެއް ކަމަށްވާ އެމްއެންޔޫ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީ އަދި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ އެންމެ މަތީ ފެންވަރުގެ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ސެމިސްޓަރުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލް ކުރާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

މި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި އިންފޮމޭޝަން ކޮމިޝަނަރު އަދި އެމްއެންޔޫ ކައުންސިލް މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (އަޒީ) އެވެ.

ޝަހީދު އެވޯޑް ލިބުނު ދަރިވަރުން:

ޝަހީދު އަހުމަދު ލަބީބް އެވޯޑް:

  • އެމްއެންޔޫ ބިޒްނަސް ސްކޫލް، މާސްޓާރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އައިމިނަތު ނާޝިދާ
  • އެމްއެންޔޫ ބިޒްނަސް ސްކޫލް، މާސްޓާރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އައިޝަތު ރުއުޔާ
  • އެމްއެންޔޫ ބިޒްނަސް ސްކޫލް، މާސްޓާރ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، އައިޝަތު ރަޝީދު

ޝަހީދު އަހުމަދު ރަޝީދު އެވޯޑް:

  • އެފްއީޓީީ، ބެޗްލާރ އޮފް ސިވިލް އިންޖިނިއަރިން، މުބްތަޝިމް މުހައްމަދު ސަލީމް
  • އެފްއީޓީީ، ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން، ހުސެއިން ހާފިޒް ޝާކިރު

ޝަހީދު އިބްރާހިމް ހުސެއިން އެވޯޑް:

  • އެފްއެޗްޓީއެސް، މާސްޓާސް އިން ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓް، އަހުމަދު ނަޒްމީ
  • އެފްއެޗްޓީއެސް، ބެޗްލާ އޮފް އިންޓަނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް، އަލީ އަހުސަން
comment ކޮމެންޓް