ޗައިނާ ސަފީރުކަމުން ވަކިވެވަޑައިގަންނަވާތީ، ވަން ފުކާންގެ ވަދާއީ ހަފްލާ ބާއްވައިފި

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު ވަންގް ފުކާންގުގެ ވަދާއީ ހަފްލާގެ ތެރެއިން: ސަފީރު ވަންގް އެނބުރި ގައުމަށް ވަޑައިގަންނަވާނީ ތިން ދުވަސް ފަހުން --- ފޮޓޯ/ މުހައްމަދު އަފްރާހް

ތިން އަހަރާ އަށް މަހަށްފަހު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ފުކާންގު، ރާއްޖެ ދޫކޮށް ވަޑައިގަންނަވަން ނިންމައިފި އެވެ.

ޗައިނާ ސަފީރު ވަންގް ފުކާންގް ރާއްޖެ ވަޑައިގަތް އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ 30 ޑިސެމްބަރު 2013ގައެވެ. އަދި ޗައިނާގެ ސަފީރު އެނބުރި ގައުމަށް ވަޑައިގަންނަވަނީ ސަފީރުގެ ކަމުގެ ދައުރު ފުރިހަމަ ކުރުމަށްފަހުއެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ވަދާއީ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ސަފީރު ވަންގް ވިދާޅުވީ، ފުރަތަމަ ރާއްޖެއާ ބެހޭ ގޮތުން އެނގުނީ މަގުބޫލު ޑޭޓިން ޓީވީ ޝޯއަކުން ކަމަށާއި އެހެން ހުއްޓާ ރާއްޖެ އަންނަން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ.

ރާއްޖެ ދޫކޮށް އެނބުރި ގައުމަށްދާއިރު ރާއްޖޭގައި ހޭދަކުރި ދުވަސްތައް ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ކަމަށް ވިދާޅުވެ ސަފީރު ވަނީ ރާއްޖެ ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށް ވިދާޅުވެފައެވެ.

ސަފީރު ވަންގު ސަފީރު ކަމުގައި ހުންނެވި ދުވަސްވަރު ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ޗައިނާގެ ބޮޑެތި ގިނަ މަޝްރޫއުތަކެއް ވަނީ ފެށިގެން ގޮސްފައެވެ.

އެގޮތުން، ސަފީރު ކަމުގެ މަގާމާ ހަވާލުވިތާ އެއް އަހަރު ފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައިވެ އެވެ. އެ ދަތުރުފުޅު ވެގެން ގޮސްފައި ވަނީ ޗައިނާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އަދި ދެ ފަހަރެއްގެ މަތީން ރައީސް ޔާމީން ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއިރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ހަތަރު ފަހަރެއްގެ މަތިން ޗައިނާއަށް ވަޑައިގެންފައެވެ.

އޭގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ "މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖް"ގެ މަސައްކަތާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަޅާ އާ ރަންވޭގެ މަސައްކަތް ވެސް ހަވާލުކޮށް ކުރަމުން ގެންދަނީ ވެސް ޗައިނާގެ ކުންފުނިންނެވެ.

އަދި ހުޅުމާލޭގައި އަޅާ 1500 ހައުސިން ޔުނިޓާއި ލ. އަތޮޅުގައި ހަދާ ލިންކް ރޯޑުގެ މަޝްރޫއަކީ ވެސް ޗައިނާގެ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް)އިން ހިއްސާ ވެގެން ރާއްޖޭގައި ކުރިއަށްގެންދާ ބޮޑެތި ޕްރޮޖެކްޓްތަކެވެ.

ދެހާސްސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި އެންމެ އަވަސް އެހީތެރިކަމެއް ވެދިން އެއް ގައުމަކީ ވެސް ޗައިނާއެވެ. އަދި ޗައިނާގެ އެހީގައި ހާއްސަ ލޮލުގެ ކޭމްޕުތަކެއް ރާއްޖޭގައި ހިންގާފައިވާއިރު ރާއްޖޭގެ ތައުލީމީ ދާއިރާގައި ވެސް ޗައިނާގެ ޓީޗަރުން އެހީތެރިކަން ލިބެއެވެ.

comment ކޮމެންޓް