ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ރައީސް މައުމޫންގެ ރިޔާސަތުގައި އައްޔަން ކުރި އާމިނަތު ނާދިރާ އެ ޕާޓީން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އިސްތިއުނާފު ކޮމެޓީއަށް މައްސަލަ ހުށަހަޅައި އެ މަރުހަލާ ދޫކޮށްލުމަށްފަހު އެ ފިޔަވަޅުގެ ސައްހަ ކަމާ މެދު ޝަރުއީ މަރުހަލާއިން ގޮތެއް ކަނޑައަޅައިދިނުމަށް ނާދިރާ އެދުނު އެދުމަކީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ދަށުން ތަރުތީބުކޮށް ތަންޒީމުކޮށްފައިވާ އިޖުރާއަތްތަކުގެ ބާރު ކެނޑިދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން ނާދިރާ ޕާޓީން ވަކިކުރުމަށް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ނިންމި ނިންމުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ސުލޫކީ މައްސަލަތައް ބެލުމާ ބެހޭ ގަވާއިދާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ޝަރީއަތުން ކަނޑައަޅައިދެވެން ނެތް ކަމަށް އެ ހުކުމްގައިވެއެވެ.
ނާދިރާ އަކީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މަގާމުގައި ހުންނަވަނިކޮށް އެ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް ބަދަލުކުރައްވާފައި ވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމާ ގުޅިވަޑައިގެން ސަރުކާރަށް ފާޑު ވިދާޅުވާން ފެށުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.