އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނީޒާ އިމާދު އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުވައިފި

އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ފޮނުވި ނީޒާ އިމާދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އެމްއެމްއޭގެ ގަވަރުނަރު ކަމަށް މ. ލަކްސްލިން ނީޒާ އިމާދު އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ގަވަރުނަރު ކަމަށް ނީޒާ އައްޔަން ކުރަން އުޅެނީ މިހާތަނަށް އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާދެއްވުމުންނެވެ.

އަޒީމާ އިސްތިއުފާ ދެއްވައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މިއަދު އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުރިހާ މީޑިއާތަކެއްގެ ކުރިމަތީގަ އެވެ.

އަޒީމާ ވިދާޅުވީ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވަނީ ފިރިކަލުން ރާއްޖެ އިން ކަނޑައަޅުއްވާ ޔޫއެންގެ ސަފީރަކަށް އައްޔަން ކުރުމާ ގުޅިގެން އާއިލާ ރާއްޖެ އިން ބޭރަށް ބަދަލު ވާތީ ކަމަށެވެ.

އަދި ގަވަރުނަރު ކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ އިސްތިއުފާދެއްވަނީ ކަމަށް އަޒީމާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ ގަވަރުނަރުކަމުގެ ވަޒީފާއަކީ އޭނާ އެންމެ އަދާކުރަން ބޭނުންވި ވަޒީފާ ކަމަށެވެ.

ގަވަރުނަރު ކަމަށް ނީޒާ އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވިއިރު، މަޖިލީސް މިހާރު އޮތީ ހުއްޓިފައެވެ.

comment ކޮމެންޓް