ރައީސް ވިދާޅުވި "ހަލާލު ނޫން ފައިސާގެ"ވާހަކަ ބަޔަކު ދަނީ އޮޅުވާލަމުން: ޕީޕީއެމް

ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް ޔާމީންގެ ގެކޮޅު، ގ. ދޫވެއްސަށް "ހަލާލު ނޫން" ފައިސާ ވަދެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވާހަކަފުޅު ބަޔަކު އޮޅުވާލައިގެން ފަތުރަމުންދާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން" ކަމަށް ރައީސް ޔާމީން ވިދާޅުވި ބަސްފުޅު ގައުމަށް ހެޔޮ ނޭދޭ ބަޔަކު އޮޅުވާލައިގެން ފަތުރަމުންދާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ބިނާވެފައި ވަނީ އަލް ޒަޒީރާއިން ގެނެސްދިން ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓަރީއަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އިސްކޮށް ހުންނަވައިގެން ހިންގާފައިވާ ކޮރަޕްޝަންގެ މައްޗަށް ތައްޔާރުކޮށްފައިވާ ސްޓީލިން ޕެރެޑައިސް އުފެއްދި ވިލް ޖޯޑަން އަކީ އިދިކޮޅު ފަރާތްތަކުން ފަންޑުކުރާ ނޫސްވެރިއެއް ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ރައީސްގެ އެ ވާހަކަފުޅަކީ ސްޓީލިން ޕެރަޑައިސްގައި ބުނެފައިވާ ގޮތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ޙަލާލު އެއްޗަކަށް ނުވާނަމަ، އަދީބުގެ ފަރާތުން ފައިސާ ލިބިފައިވަ މީހުންނަށް ވާސިލުވި ފައިސާއަކީ ޙަލާލު އެއްޗެއްތޯ ސުވާލު އުފައްދަމުން ދެއްކެވި ވާހަކަފުޅެއްކަން އެމަނިކުފާނު ދެއްކެވި ވާހަކަތަކުން އެނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އަދީބުގެ ފައިސާއިން ބައެއް އެމަނިކުފާނަށް ލިބުނު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަމަށާއި "އަލްޖަޒީރާއަށް ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާ ތަން" އެކަނި ކަމަށެވެ.

"އެ ފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އެ ވާހަކަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި އެންޓި ކަރޮޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައެވެ. އަދި އެ އިދާރާތަކުން އެ މައްސަލަ ނުބަލާތީ، ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ވެސް އެ މައްސަލަ ހުށަހަޅާނެ ކަމަށް އިދުކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް