ޗައިނާ ފަތުރުވެރިން އިތުރު ކުރުމަށް މަޓާޓޯއިން ޚާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވަނީ

ޗައިނާ ފަތުރުވެރިންތަކެއް -- ސަން ފައިލް ފޮޓޯ

ޗައިނާގެ އައުޓްބައުންޑް ޓްރެވަލް މާކެޓަށް ޚާއްސަކޮށްގެން، ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރު ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ޚާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވަން ހަމަޖައްސައިފިއެވެ.

މަޓާޓޯއިން ބުނި ގޮތުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ އެ ޓްރޭނިން ޕްރޮގްރާމުގެ ޝިއާރަކީ "އެޓްރެކްޓިން ދަ ރައިޓް ޗައިނީޒް ޓްރެވެލަރ" އެވެ. އެ ޕްރޮގްރާމަކީ ޗައިނާ އައުޓްބައުންޑް ޓޫރިޒަމް އިންސްޓިޓިއުޓް (ކޮޓްރީ)އިން އިންތިޒާމުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން ގެންދާ ޕްރޮގްރާމެކެވެ. ރާއްޖޭގައި އެ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ މަޓާޓޯއާ ގުޅިގެންނެވެ.

ޗައިނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އައުޓް ބައުންޑް ޓްރެވަލް މާކެޓު އޮންނަ ގައުމެވެ. އަހަރެއްގެ މައްޗަށް 125 މިލިއަން މީހުން އެގައުމުގެ ބޭރަށް ޗުއްޓީ ހޭދަ ކުރަން ދަތުރުކުރާއިރު ރާއްޖެ ވެފައިވަނީ އެގައުމުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު 10 މަންޒިލުގެ ތެރޭގައި ހިމެނޭ ގައުމަކަށެވެ.

ރާއްޖޭގައި ހުޅުވާ ރިޒޯޓުތަކާއެކު އެނދުގެ މިންވަރު ގިނަވެ އެކި މަންޒިލްތަކުގެ މެދުގައި ވާދަވެރިކަން އިތުރުވަމުންދާއިރު ބޮޑެތި މާކެޓުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއް ކަމުގައި މަޓާޓޯއިން ދެކެއެވެ.

އެގޮތުން އެމަގުސަދުގައި ބާއްވާ އެ ތަމްރީން ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ސޭލްސް ޓީމްތަކާއި މާކެޓިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި މައުލޫމާތު ދީ ތަމްރީން ކުރުމުގައި ހަރަކާތްތެރިވާނީ ކޮޓްރީގެ ފައުންޑާ އެންޑް ޑިރެކްޓަރ ޕްރޮފެސަރ ޑރ. ވުލްފްގެންގް ޖޯޖް އޯލްޓް އެވެ.

އެ ޕްރޮގްރާމް ފުރިހަމަ ކުރައްވާ ފަރާތްތަކަށް ދެއަހަރު ދުވަހުގެ "ޗައިނީސް ޓޫރިސްޓް ވެލްކަމް ކޮލިޓީ ހޯސްޓް" ސެޓްފިކެޓް ލިބޭ އިރު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ރިޒޯޓުތަކާއި ހޮޓާތަކާއި ލިވްއަބޯޑްސް އަދި ގެސްޓްހައުސްތަކަށް ހުޅުވާލާފައެވެ.

comment ކޮމެންޓް